އާސެނަލް

ލިވަޕޫލް ބަކިކޮށް ކޮމިޔުނިޓީޝީލްޑް އާސެނަލްއަށް

މެޗުގެ ފުރަިހަމަ ވަގުތު އެއްވަރު ވެގެން ނިމުމުން ޕެނަލްޓީ ޖަހައިގެން ޕްރިމިއާ ލީގްގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް އިނގިރޭސި ސީޒަން ހުޅުމުވުގެ ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗު އާސެނަލްއިން ކާމިޔާބު ކޮށްފި އެވެ.

މެޗު 1-1 ން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން އާސެނަލް ކާމިޔާބު ކުރީ 5-4 ންނެވެ. މިއީ ހަތަރު ހަފުތާ ތެރޭ އާސެނަލް ހޯދި ދެ ވަނަ ތައްޓެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ޗެލްސީ ބަލިކޮށް މި މަހު އެއް ވަނަ ދުވަހު ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ އާސެނަލްއިން އެ ޓީމުގެ ލަނޑު 12 ވަނަ މިނެޓްގައި ޕިއާ އެމްރިކް އޮބާމެޔެންގް ކާމިޔަބު ކުރީ ޒުވާން ވިންގާ ބުކާޔޯ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 70 ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް އާސެނަލް އޮތީ ލީޑްގަ އެވެ. ލިވަޕޫލަށް މެޗުގެ ނަތީޖަ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖަޕާންގެ ޓަކުމީ މިނާމިނޯ އެވެ.

މެޗުގެ ފުރިހަމަ ވަގުތު އެއްވަރު ވެގެން ނިމުމުން، އެކްސްޓްރާ ޓައިމްގެ ދެ ހާފު ކުޅުމުގެ ބަދަލުގައި ނަތީޖާ ނެރުމަށް ޖަހަން ނިންމީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ލިވަޕޫލަށް ނާކާމިޔާބު ވީ، ޒުވާން ފޯވަޑް ރިއަން ބްރޫސްޓާ ފޮނުވާލި ޕެނަލްޓީ އެވެ. އާސެނަލް އަށް ޝީްލޑް ކަށަވަރު ކޮށްދިން ޕެނަލްޓީ ކާމިޔާބު ކުރީ މެޗުގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރި އޮބާމެޔެންގް އެވެ.