ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްރަންޓްލައިން: ޕޮޒިޓިވް އެންމެ ގިނައީ އެއާޕޯޓުން

Aug 30, 2020
5

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ޕޮޒިޓިވްވީ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބަލި ޖެހޭ މިންވަރު ވެސް އިތުރުވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެތެރެއިން އެންމެ ގިނައީ އެއާޕޯޓްގެ މުވައްޒިފުންނެވެ. ދެން އެންމެ ގިނައި ސިއްހީ ހިދުމަތްތެރިންނެވެ. އޭގެ އިތުރުން ދެން ހިމެނެނީ ފުލުހުންނާއި ސިފައިންނެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒިފުންގެ އަދަދުތައް ހާމަ ކުރަން ހަމަޖައްސާފައެއް ނޯވެ އެވެ.

އެ މުއައްސަސާތަކުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވަނީ އެއީ ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރަމުންދާ މުއައްސަސާތަކަކަށް ވާތީ ކަމަށް ވެސް ރޭ އަފްޒަލް ވިދާޅުވި އެވެ.

"އެ ތަންތަނަކީ ވަރަށް ގުރޫޕްސްކޮށް މަސައްކަތް ހުންނަ ތަންތަނަށް ވާތީ ގިނަ ކޭސްތަކެއް މި ފެންނަނީ،"

ހައިރިސްކު މީހުންގެ އަދަދުވެސް މައްޗަށް

އަފްޒަލް ވިދާޅުވީ ކޮވިޑްގެ ހައި ރިސްކު މީހުންނަށް ވެސް ބަލި ޖެހޭ މިންވަރު އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން މާބަނޑު މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މާބަނޑު މީހުންނަށް ކޮވިޑް ޖެހުނު މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

މާބަނޑު އަންހެނުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުންނަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގެ 16 ވަނަ ފަންގިފިލާގައި ހާއްސަ ސެންޓަރެއް ގާއިމްކޮށްފައި ވެއެވެ. މީގެ އިތުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެސް ބަލި ޖެހޭ މިންވަރު އިތުރެވެ. މި ވަގުތުވެސް 184 މީހަކަށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.