ދުނިޔެ

އެމެރިކާގައި ހުރި މިސްކިތްތަކުގެ އަދަދު 74 ޕަސެންޓް މައްޗަށް!

ވޮޝިންޓަން (10 އޮކްޓޯބަރު) - އެމެރިކާގައި 2000 ވަނަ އަހަރު ހުރި މިސްކިތްތަކުގެ އަދަދަކީ 1209 އެކެވެ. އެއަށް ފަހު މި އަދަދު ވަނީ ފަސް އަހަރު ތެރޭގައި 2،106 އަށް އަރައިފަ އެވެ. މިއީ 74 ޕަސެންޓްގެ އިތުރުވުމެކެވެ.

ކޮންމެއަކަސް މުސްލިމުން ދެކެ ރުޅި އަންނަ އެމެރިކާ މީހުންގެ މެދުގައި މި މައްސަލަ މިހާރު އޮތީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން މި ހަފުތާގައި އެމެރިކާގެ ވިއްސަކަށް ސްޓޭޓްގައި މުސްލިމުންނާއި މިސްކިތްތަކާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ދަނީ ރާވަމުންނެވެ.

މި މުޒާހަރާތައް ހޫނުވެ އާންމުން ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރަށް އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކެއްގެ މިސްކިތްތަކުގެ އިސް އިމާމުންނާއި ދީނީ އިލްމުވެރިން ވަނީ ފުލުހުންގެ ކިބައިން ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެދިފަ އެވެ.

އެމެރިކާގެ ސިޓީތަކަށް ބަލާއިރު މިސްކިތް އެންމެ ގިނައީ ނިއު ޔޯކްގަ އެވެ. އެ ސިޓީގައި ހުރި މިސްކިތްތަކުގެ އަދަދު 257 އަށް އަރާއިރު ކެލިފޯނިއާގައި 246 މިސްކިތް އެބަހުއްޓެވެ. ޓެކްސަސްގައި ހުޅުވާފައިވާ މިސްކިތްތަކުގެ އަދަދު 166 އަށް އަރާއިރު ފްލޮރިޑާގައި 118 މިސްކިތް އެބަހުއްޓެވެ.

އެމެރިކާގައި މުސްލިމުންގެ އާބާދީ 2.5 މިލިއަނަށް އަރާއިރު އެގައުމުގައި މުސްލިމުން އެންމެ ގިނަ ސްޓޭޓަކީ މިޝިގަން އެވެ.