ކޮވިޑް-19 އާ ގުޅިގެން ތައާރަފު ކޮށްފައިވާ، ފަސް ކުޅުންތެރިންގެ ބަދަލު އާ ސީޒަންގެ ޕްރިމިއާ ލީގްގައި ވެސް ދަމަހައްޓަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިއަށް ނުގެންދެވިގެން މިދިޔަ ސީޒަން މާރިޗް މަހު މެދުކަނޑާލައި، ޖޫން މަހު އަލުން ފެށީ ފީފާއިން ހުއްދަ ދިން ފަސް ކުޅުންތެރިންގެ ބަދަލާއެކު އެވެ. އެހެން ނަމަވެސް ޕްރިމިއާ ލީގުން މިހާރު ނިންމާފައި ވަނީ އާ ސީޒަންގައި ފަސް ކުޅުންތެރިންގެ ބަދަލު ލީގްގައި ތަންފީޒު ނުކުރުމަށެވެ. އެހެންވެ ޕްރިމިއާ ލީގްގައި އަމަލު ކުރާނީ އާންމު އުސޫލުން ތިން ކުޅުންތެރިންގެ ބަދަލަށެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ކޮމިޔުނިޓީ ޝީލްޑްގައި އާސެނަލް އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ކުޅުންތެރިންގެ ސިއްހީ ރައްކާތެރި ކަމަށްޓަކައި ވެސް އެ ބަދަލު ދަމަހައްޓަން ޖެހޭ ކަމަށެވެ.
"އަހަންނަށް އެނގޭ މީގެ ބަހުސް ފެށިގެން ދާނެކަން، އެކަމަކީ [ފަސް ކުޅުންތެރިންގެ ބަދަލަކީ] ބޮޑެތި ޓީމުތަކަށް އެޑްވާންޓޭޖެއް ކަމާމެދު، އަހަރެން މިވާހަކަ ދައްކަނީ އެ ވިސްނުމަކުން ނޫން އަހަރެން، އަހަރެން ބޭނުމެއް ނެތް މުބާރާތުގައި އެއްވެސް އެޑްވާންޓޭޖެއް،" ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 12 ވަނަ ދުވަހު ލީޑްސް އާ ދެކޮޅަށް ތަށި ދިފާއު ކުރުމުގެ ރޭހަށް ނުކުންނަ ކްލޮޕް ބުންޏެވެ.
"ކުރިއަށް އޮތް ސީޒަންގައި ޕްރިމިއާ ލީގްގައި 38 މެޗު ހަތަރު ހަފުތާ ތެރޭ އަހަރެމެން ކުޅެން ޖެހޭ، އަހެން މުބާރާތްތައް ވެސް އަހަންނަށް އެނގޭ ގޮތުގައި އޮތީ އެހެން، އެހެންވީމަ މިކަހަލަ ކަންކަމުން [ފަސް ކުޅުންތެރިންގެ ބަދަލު] އެހީ އަކަށް ވާނެ، ނަމަވެސް އަހަންނަށް ސިފަ ކުރެވޭ އެހެން ޓީމުތަކުން އެކަމާ ތަފާތު ކޮށް ދެކެފާނެ ކަން."
ނިމިގެން ދިޔަ އުނދަގޫ ސީޒަންގައި ލިވަޕޫލަށް ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ތަކުރާރުކޮށް ބުނީ އޭނާ އެ ވާހަކަ ދައްކަނީ އެޑްވާންޓޭޖެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެކަން ދަމަހައްޓަން ޖެހޭނީ ސަލާމަތް ތެރި ކަމާއެކު ކުޅުންތެރިންނަށް ސީޒަން ނިންމާލުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އަހަންނަށް ހީވަނީ ކުޅުންތެރިންނަށް ރަނގަޅަށް ސީޒަން ނިންމާލުމުގެ ފުރުސަތު ދިނުމަށްޓަކައި އެކަން ދެމެހެއްޓުމަކީ ގަބޫލު ކުރެވޭ ކަމެއްހެން، ނަމަވެސް ނިންމުން ނިންމާނީ އަހަންނެއް ނޫން."