މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު، އެމެރިކާގެ ބާސްކެޓްބޯޅަ ލީގްގެ މެޗުތައް ބޮއިކޮޓް ކުރުމުން، ކުޅުންތެރިންނަށް ލަފާ ދެއްވަން ކުރީގެ ރައީސް ބަރަކު އޮބާމާ ނުކުންނަވައިފި އެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހަކަށް ފުލުހުން ބަޑިން ހަމަލާ ދިނުމުން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބައެއް ޓީމުތަކުން މެޗުތައް ބޮއިކޮޓް ކުރުމުން، މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުޅެން ހެމަޖެހިފައިވާ ހުރިހާ މެޗެއް ކެންސަލް ކުރަން ޖެހުނެވެ. މެޗުތައް އަލުން ކުރިއަށް ގެންދިއުމަށް ބާރު އަޅައި އޮބަމާ ކުޅުންތެރިންނާ ވާހަކަފުޅު ދެއްކެވީ އެންބީއޭގެ ޕްލޭއާސް އެސޯސިއޭޝަންގެ އެދުމަކަށެވެ.
ޕްލޭއާސް އެސޯސިއޭޝަންގެ ރައީސް ކްރިސް ޕައުލްގެ އިސްނެގުމުގެ މަތިން އޮބާމާ ވަނީ ކުޅުންތެރިންގެ ކޮންފަރެންސް ކޯލެއް އިންތިޒާމު ކޮށްފަ އެވެ. އެ ކޮންފަރެންސްގައި އޮބާމާ ބައިވެރިވެ ވަޑައިގަތެވެ. އެ ކޯލްގައި ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ލޮސް އެންޖަލީސް ލޭކާސްގެ ތަރި ލެބްރޯން ޖޭމްސް އެވެ.
އޮބާމާގެ ތަރުޖަމާން ކޭޓީ ހިލް، ސީއެންއެން އަށް ވިދާޅުވެފައި ވަނީ އޮބާމާ އަކީ ބާސްކެޓްބޯޅައަށް ވަރަށް ލޯބި ކުރައްވާ ބޭފުޅަކަށް ވުމުން ކުޅުންތެރިންނާއި ލީގް އޮފިޝަލުންނާ ވާހަކަފުޅު ދެއްކެވުމަކީ އާންމުކޮށް ކުރައްވާ ކަމެއް ކަމަށެވެ. އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޭކްބް ބްލޭކް ގަޔަށް ފުލުހުން ބަޑި ޖެހުމުން އެކަމާ ދެކޮޅުހެދުމުގެ ގޮތުން ކުޅުންތެރިންނަށް ލިބޭ ހައްގު ބޭނުން ކުރި ކުޅުންތެރިންނަށް ލަފާ ދެއްވުމަކީ އޮބާމާ އުފާ ކުރައްވާ ކަމެއް ކަމަށް ކޭޓީ ހިލް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ފަހު ކޮޅުގައި އެންބީއޭގެ މެޗުތައް ކެންސަލް ކުރަން ޖެހުނީ ޕްލޭއޮފްގައި މިލްވޯކީ ބަކްސް ކުޅެން ހަމަޖެހިފައިވާ މެޗު އެ ޓީމު ބޮައިކޮޓް ކުރުމުންނެވެ. އޭގެ ސަބަބުން އެ ދުވަހު ކުޅެން އޮތް ހުރިހާ މެޗެއް ކެންސަލް ކުރަން ޖެހުނެވެ.
ބްލޭކްގެ އާއިލާއިން ބުނީ، އޭނާގެ އުނަގަނޑުން ތިރި ވާގި ނެތިފައިވާ ކަމަށެވެ. ބަޑި ޖެހުމުގެ އެ ހާދިސާ ހިނގީ ވިސްކޮންސިންގެ ކެނޯޝާގަ އެވެ. އެއީ މިލްވޯކީ އާ 40 މޭލް ދުރުގައިވާ ސަރަހައްދެކެވެ.
އެމެރިކާގެ އެންބީއޭ އަދި ބޭސްބޯލްގައި ގިނަ އަދަދަކަށް ކަޅު ނަސްލުގެ ކުޅުންތެރިން ހަރަކާތްތެރިވެއެވެ. އެމެރިކާގެ ކަލު ނަސްލުގެ އެހެން މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ގަޔަށް މެއި މަހު ފުލުހުން ބަޑިޖަހައި މަރާލުމުން އެކަމާ ދެކޮޅަށް ގިނަ އެތުލީޓުން އަޑު އުފުލި އެވެ.