ލައިފްސްޓައިލް

ފުޑްޓްރެންޑް: ބާސްކް ޗީޒްކޭކްގެ ރަހަ ގަދަ!

ފޮނިކާ އެއްޗެއްސަށް ވަރު ހުންނަ މީހުން ތަފާތު ކޮށްލަން ބޭނުން ކުރެވިދާނެ މިންގަނޑެއް އެނގޭ ހެއްޔެވެ؟ އެއީ ޗީޒްކޭކް މީރު މީހުންނާއި ޗީޒް ކޭކު ނުބައި މީހުނެވެ. މި މިންގަނޑުން އެނގޭ ގޮތުން ދުނިޔޭގައި އުޅެނީ އެ ފާޑުގެ ދެ ވައްތަރެއްގެ މީހުނެވެ؛ އެހެންވީމާ ކޮށްލެވެން އޮތީ ސުވަލެކެވެ: ތިއީ ޗީޒް ކޭކް މީރު މީހެއްތަ؟

މިހާރަކީ ވަރަށް ދަތި އެހާ އުދަނގޫ ވެސް ދުވަސްވަރެކެވެ. އެކަމަކުވެސް ހިތްހަމަ ޖައްސާލަން އެންމެ އަވަހަށް ކުރެވޭނެ ކަމަކީ މީރު ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލައިގެން ކާލުމެވެ. މި ދުވަސްވަރު އެގޮތަށް ވައިގައި ހިފައިގެން މި އުޅެނީ ބާސްކް ބާންޓް ޗީޒް ކޭކެވެ.

މީގެ ވާހަކަ އެއްވެއް ވަރަކަށް އަޑު އަހައިފިން ހެއްޔެވެ؟

ސްޕެއިންގެ އެހެން ފޮނިކާތަކެތި ކަމުގައިވާ ޓްރެސްލެޗެސް އާއި ޗޫރޯސްގެ އަސްލެއް ކަމުގައި މި ކޭކު މިހާރު މިއޮތީ ރާއްޖެގެ ގޮނޑުދޮށަށް ލެއްގުމާއެކު ބޮޑު މަގުބޫލު ކަމެއް ވެސް ހޯދާފަ އެވެ. މަޝްހޫރު ކެފޭއަކުން މި ކޭކް އެމީހުންގެ މެނޫގައި ހިމަނާފައިވާ އިރު މިހާރުގެ މިއީ އެއްމެންގެ ވެސް އާ ފޭވަރިޓެވެ. ކަނަމަދު ކޭކައި ކަށިކެޔޮ ކޭކް ފަހަށްލައި ބާސްކް ބާންޓް ޗީޒް ކޭކް މިއޮތީ ވަޔާއެކު އަރައި ވަރަށް މަތީގަ އެވެ.

އެހެން ޗީޒްކޭކްތަކާއި ބާސްކް ބާންޓް ޗީޒްކޭކް ތަފާތު ވަނީ އާއްމުކޮށް އަހަރުމެން މި ކައި ޗީޒްކޭކްގައި ބްލޫބެރީ ކަހަލަ ފިލިންއެއް ހުއްޓަސް މި ކޭކުގައި އެފަދަ ފިލިން އެއް މަތީގައި ދުއްވާފައެއް ނުހުރެ އެވެ. އަދި ކްރަސްޓެއް ވެސް ނުހުރެ އެވެ. ނަމަވެސް ފޮނި ރަހަ އާއި އެއްވަރަށް ކްރީމްޗީޒުން ރަހަ އެއްވަރުކޮށްލާފައިވާ މި ކޭކްގެ އެތިކޮޅެއް ކާލުމުން އެހެން ޗީޒްކޭކް ތަކެެކޭ އެއްގޮތަށް އަނގައިގެ ތެރެއަށް ރީޗަށް ވިރިގެން ދެއެވެ.

ވަަރަށް މީރުކޮށް ބާންޓް ޗީޒްކޭކް އަޅާ މީހުން ވެސް މިހާރު މި މާލޭގައި ވެސް އަތޮޅުތަކުގެ ރަށްރަށުގައި އެބައުޅެ އެވެ. އޭގެ އެކަކީ ޒުވާން އައިމިނަތު އިފާދާ އެވެ.

އޭނާ ބުނާ ގޮތުގައި މި ކޭކަކީ އެހެން ކޭކުތައް ގޮތަށް ބަލާލަން މާ ރީތި ކޭކަށް ނުވެދާނެ އެވެ. ކޭކްގައި ހުންނަނީ ވެސް ރަސްޓިކް ލުކެކެވެ. ބާންޓް ކޭކުގެ މަތި މި ހުންނަނީ ގާތްގަނޑަކަށް އަނދާފައި ހުންނަ ކަހަލަ ގޮތަށެވެ. އެހެންވާ ގޮތަކީ މި ކޭކް ފިހަނީ އަވަންގައި ވަރަށް ކުޑައިރުކޮޅެއްގައި ގިނި ގަދަކޮށް ކަމުން މަތި އެއްކޮށް ކެރެމަލައިޒްޑް ވާތީ އެވެ. ނަމަވެސް މިއީ ކެރަމަލް ޕުޑިން އަށްވުރެ ރިޗް، މާ މީރު ރަހައެށް ލާ ކޭކެވެ. އެހެންކަމުން "އަގްލީ ބަޓް ޑެލިޝަސް" ކެޓަގަރީއަށް މި ކޭކު ބަރާބަރަށް ފެތެ އެވެ.

ތަފާތު ގޮތްގޮތަށް ފޮންޑަންޓް އަދި ޗޮކްލެޓް ކްރީމާއި އައިސިން އަޅައިގެން ހަދާ ކޭކް ބަލައިލަން ކަމުދިޔަސް އަނގަޔަށް މީރު ނުވުމަކީ އެންމެ ބޮޑު އެއް ޝަކުވާއެވެ. އެހެންވީމާ ބަލައިލަން ކަމުނުދިޔަސް މި ކޭކުގެ ރަހަ މީރިއްޔާ ނިމުނީ ނޫން ހެއްޔެވެ؟ މި ކޭކް މިހާރު ވަރަށް މަގުބޫލުވެފައި ހިނގަ އެވެ. މި ކޭކް އަދި ޓްރައި ނުކުރާނަމަ ކޮފީއަކާއި އެއްކޮށް ޓްރައިކޮށްލަ ބަލާށެވެ. ހަމަ އަނގައިގެ ތެރެއަށް ވިރިގެންދާނެ އެވެ. މި ރަހަ ގަދަވާނެ އެވެ.