ވިޔަފާރި

އެސްޓީއޯ ހޮޓާ ގަނަން އުޅުނު ފަރާތުން އެކަން ހުއްޓާލައިފި

Aug 30, 2020

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ހުޅުމާލެ ހޮޓާ ގަންނަން އުޅުނު ފަރާތުން، އެކަން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި ހޮޓާ ވިއްކާލުމަށް ބަޔަކާ މަޝްވަރާ ކުރެވެމުން ދަނިކޮށް، ކޮވިޑް-19 އާ ގުޅިގެން އެކަން ހުއްޓިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލެ ހޮޓާ ތަރައްގީ ކުރަން ގިނަ ކުންފުނިތަކާ ކުރިން ހަވާލުކޮށްފައިވާ ކަމަށާ، ނަމަވެސް އެ ކުންފުނިތަކަށް ދީފައިވާ އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުމެއް ކުރިމަތިނުވާނެ ގޮތަށް ބަދަލު ގެނެސްފައިވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލެ ހޮޓަލަށް އެޗްޑީސީ އަށް ދައްކަން ޖެހޭ ހަތަރު މިލިއަން ޑޮލަރު ވެސް "ވޭވް އޮފް" ކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީއާ ގުޅިގެން ހޮޓާ ތަރައްގީ ކުރަނީ

އެސްޓީއޯ އިން މިހާރު ވަނީ ހުޅުމާލޭގައި ތަރައްގީ ކުރަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ހޮޓާ އަޅަން އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން 2018 ވަނަ އަހަރު ނިންމި އެވެ.

އެސްޓީއޯ އިން ޓޫރިޒަމަށް ނުކުނަން ބޭނުންވެ ހުޅުމާލޭގައި ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 250 ކޮޓަރީގެ ހޮޓަލަށް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. މި ހޮޓަލުގެ މަޝްރޫއު ފަށައިގެންފައިވަނީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އެގޮތުން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ، 2011 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު ތައި އެގްޒިމް ބޭންކާއެކު ލޯނު އެގްރީމެންޓުގައި ސޮއިކުރި އެވެ. އަދި 2013 ގައި ކޮންޓްރެކްޓަރުން އައްޔަން ކޮށް މަސައްކަތް ބާރަށް ކުރިދިޔަ އެވެ.