ހަބަރު

ޝަކީރާ ރާއްޖޭން ދިޔައީ ހިތް ދީފައި

Aug 31, 2020

ދުނިޔޭގެ ގިނަ ބަޔަކު ސޯޝަލް މީޑިއާ އިން ފޮލޯކުރާ މީހުންގެ ލިސްޓެއް ހަދާނަމަ އެ ލިސްޓުގައި ކޮލަމްބިއާގެ ތަރި، ޝަކީރާ ހިމެނޭނެ އެވެ. އޭނާ ވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ދެ ދަރިންނާއި ލޯބިވެރިޔާ / ފިރިމީހާ، ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި ވަނީ ކ. އަތޮޅު ވާލްޑޮފް އެސްޓޯރިއާ އިތާފުށީގަ އެވެ. އޭނާ ރާއްޖޭން ދިއުމަށް ފަހު ދަނީ ދަތުރުގެ ހަނދާތައް ދޫކުރަމުންނެވެ.

ގާތްގަނޑަކަށް 100 މިލިއަނެއްހާ ފޮލޯވާސް ހިމެނޭ، ޝަކީރާގެ ސޯޝަލް މީޑިއާއަށް އެންމެ ފުރަތަމަ ދޫކޮށްލީ ދެ ދަރިންނާއި ޕީކޭ ބީޗުގައި ކުޅެން އުޅޭ ވީޑިއޯ އެކެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޕީކޭއާއި ކުދިން ބީޗުގައި ކަކުނިތަކާއެކު ކުޅެނީ އެވެ.

އިތާފުށީގައި 10 ދުވަހުގެ ޗުއްޓީއެއް ފުރިހަމަ ކުރުމަށްފަހު ގޮސް އިއްޔެ ޝަކީރާ ލާފައިވާ ފޮޓޯގައި އޭނާ ބުނެފައި ވަނީ އެ ރިސޯޓަކީ "ދުނިޔޭގައިވާ އެންމެ ހިތްގައިމު އެއް ތަން" ކަމަށެވެ.

ދުނިޔޭގައި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ކަމަށްވާ ޝަކީރާ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތީމް ލަވަ އިން އެވެ.

މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ އިތާފުށި ރިސޯޓުގައި ދާދިފަހުން ވަނީ ވިކްޓޯރިއޯ ސީކްރެޓްގެ ކުރީގެ މޮޑެލްއެއްވެސް ޗުއްޓީ ހޭދަކޮށްފަ އެވެ. މި ރިސޯޓުގެ މަތީ ފަންތީގެ ވިލާތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ.

ވާލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓް ހުޅުވާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ ރިސޯޓަށް މިހާތަނަށް ދުނިޔޭގެ މަޝްހޫރު އެތަށް ބަޔަކު ވަނީ ޗުއްޓީ ހޭދަ ކުރަން އައިސްފަ އެވެ. އަދި ދާދި ފަހުން އެ ރިސޯޓް ވަނީ ލަގްޒަރީ ޓްރެވަލް މެގަޒިލް ޓްރެވަލް ލެޒާ އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 100 ހޮޓަލުގެ، ފަސް ވަނަ ވެސް ލިބިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މި މެގަޒިންގެ ކިޔުންތެެރިންގެ ހިޔާލުގެ މައްޗަށް ބަލައި އެކުލަވާލި މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ކެޕިއްލާ އުބު ބާލީ ރިސޯޓްއަށެވެ. އެ ހޮޓަލަށް ކިޔުންތެރިން ދީފައިވަނީ 99.85 ސްކޯ ލިބިފައިވެ އެވެ.