ހަބަރު

ބްރަޔަން ލާރާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި

Nov 19, 2020

ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، ބްރަޔަން ލާރާ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފި އެވެ.

ކްރިކެޓުގެ ދުނިޔޭގައި 1990 ގެ އަހަރުތަކުގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ ކަމަށްވާ ލާރާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގަ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ލާރާ މި ފަހަރު ރާއްޖެ އައިސްފައިވަނީ އިންޑިއާގައި ދާދި ފަހުން ބޭއްވި އައިޕީއެލް ކްރިކެޓް މުބާރާތުގެ އެނަލިސްޓެއް އަދި ކޮމެންޓޭޓަރެއްގެ ގޮތުގައި ބައިވެރިވުމަށްފަހު އެވެ.

ބަރަޔަން ލާރާއަކީ ވެސްޓްއިންޑީސް އިން މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ބެޓްސަމަނެވެ. ވެސްޓްއިންޑީސްގެ ކެޕްޓަންކޮށްފައިވާ ލާރާ ވަނީ މީގެ ކުރިން ޓެސްޓު މެޗެއްގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ލަގަބުވެސް ހޯދައިފަ އެވެ.

ލާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ވާލްޑޮފް އެސްޓޯރިއާ ރިސޯޓްއަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރާ ރިސޯޓެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 23 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި މާލެ އަތޮޅުން ފަޅެއް ހިއްކައިގެން ހަދާފައިވާ މި ފުރިހަމަ ރިސޯޓު ހިންގަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ބްރޭންޑުގަ އެވެ.

ވާލްޑޮފް އެސްޓޯރިއާ ހަދާފައިވާ ތިން ރަށުގައި 138 ގެސްޓް ވިލާ އާއި ހަ ރެސްޓޯރަންޓާއި ކެފޭ ފަދަ ގިނަ ވަސީލަތް ތަކެއް ވެސް ގާއިމް ކޮށްފައި ހުރެ އެވެ. މި ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ.