މިޑްފީލްޑް ޑޮނީ ވެންޑެ ބީކްގެ ޓްރާންސްފާއަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި ބިޑަށް އަޔެކްސްއިން އެއްބަސް ވެއްޖެ އެވެ.
ވެންޑެބީކްގެ ޓްރާންސްފާއަށް އަޔެކްސް އަށް 40 މިލިއަން ޔޫރޯ ދިނުމަށް ޔުނައިޓެޑުން ވަނީ އެއްބަސް ވެފަ އެވެ. މި ހަފުތާގައި އޭނާ އާއެކު ޔުނައިޓެޑުން ސޮއި ކުރާނެ އެވެ. ދަ ގާޑިއަން ނޫހުން ބުނީ ޔުނައިޓެޑާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް ވެންޑެބީކް ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ވެންޑެބީކާ މެދު ޝައުގުވެރިކަން ގެންގުޅެ އެވެ. އެގޮތުން ރެއާލް މެޑްރިޑާއި ބާސެލޯނާއިން އެކަމަށް ޝައުގުވެރިކަން ފާޅު ކުރި އެވެ. މިދިޔަ އަހަރު މެޑްރިޑަށް ބަދަލުވުމާ ވަރަށް ކައިރިއަށް ވެސް ދިޔަ އެވެ. ބާސެލޯނާގެ ކޯޗް ކަމާ ހަވާލުވި ހޮލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޮނަލްޑް ކޫމަންގެ ޝައުގުވެރިކަން ވެންޑެބީކަށް އެބައޮތެވެ.
އަޔެކްސްގެ ޓީމަށް ކުޅުނު 175 މެޗުގައި ވެންޑެބީކް ވަނީ 41 ގޯލް ޖާހަފަ އެވެ. ޗެމްޕިއަންސް ލީގްގެ 2018-19 ސީޒަންގެ ސެމީފައިނަލަށް އަޔެކްސް ގެންގޮސް ދިނުމަށް ވެންޑެބީކް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އަޔެކްސް އާއި ޔުނައިޓެޑާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތެވެ. އަޔެކްސްގެ ސީއީއޯ އަކީ ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑަށް ކުޅުނު ކީޕަރު އެޑްވެން ވެންޑަސާ އެވެ.