ހަބަރު

މަސައްކަތްތައް ނިމެންދެން ޖަލްސާގެ ވަގުތު އިތުރުކޮށްފި

Aug 31, 2020

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ މަސައްކަތްތައް ނިމެންދެން، މިއަދުގެ ޖަލްސާގެ ވަގުތު އިތުރު ކުރަން ފާސް ކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށްވާއިރު، އެޖެންޑާގައި ގިނަ މަސައްކަތްތަކެއް ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން، އާއްމު އުސޫލާ ހިލާފަށް އެ މަސައްކަތްތައް ނިންމުމަށްޓަކައި ޖަލްސާގެ ވަގުތު އިތުރު ކުރުމަށްޓަކައި ނެގި ވޯޓުން މެންބަރުން އިއްތިފާގުން ވަނީ އެކަން ފާސްކޮށްފަ އެވެ.

މިއަދުގެ އެޖެންޑާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރުމުގެ އިތުރުން، މަޖިލީހުން ރުހުން ދިނުމުގެ ގިނަ މައްސަލަތަކެއް ވެސް ހިމަނައިފައި ވެއެވެ.

އޭގެ ތެރޭގައި، އަލުން މަގާމުގެ ހުވާ ކުރައްވާފައިވާ ޓޫރިޒަމް މިނިސްޓަރުގެ އިތުރުން، ސުޕްރީމް ކޯޓަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ދެ ބޭފުޅަކަށް ރުހުން ދިނުން ހިމެނެ އެވެ.