ހަބަރު

ގަވައިދުތައް ވަނީ ގެޒެޓު ކުރަން ފޮނުވާފައި: ޒަހާ

Aug 31, 2020

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވައިދެއް ބަންޑާރަ ނައިބުގެ އޮފީސް މެދުވެރިކޮށް މިހާރު ގެޒެޓު ކުރަން ފޮނުވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މަޑުއްވަރީގައި އަޅާ އައިސްޕްލާންޓާ ގުޅޭ ގޮތުން ޖަވާބު ދެއްވަން މިއަދު މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފައިވާއިރު، އެ ގަވައިދުތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިއަ މަހު 14 ވަނަ ދުވަހު އެ ގަވައިދުތައް ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"މިހާރު ކުރަމުންދާ މައްސަކަތަކީ އިދާރީ މަސައްކަތްތަކެއް ކަމުގައިވާތީ އެއީ މިނިސްޓްރީއާ ގުޅުންހުރި މަސައްކަތްތަކެއް ނޫން ކަމުގައި ދަންނަވަން،" ޒަހާ ވިދާޅުވި އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ކަނޑައެޅި އެވެ.

އަދި އޭގެ ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީއެއް މެދުވެރިކޮށް މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އޭޖީގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، މިހާތަނަށް އެ ގަވައިދުތައް ގެޒެޓުކޮށްފައި ނުވާއިރު، މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެނަށް މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިދާނެ، އެކަމަކު އެ ކޮމިޓީން ވެސް އަނެއްކާ ނިންމަން އޮންނާނީ ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް، އަޅުގަނޑު މަޖިލީހުގެ މެންބަރުން އަންގަން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ކަން ކުރަން ޖެހޭ ގޮތް ސާފުވާން ވާނެ،" ނަޝީދު ވިދާޅުވި އެވެ.

ސީދާ ވިދާޅުނުވި ނަމަވެސް، ނަޝީދު އިޝާރާތް ކުރެއްވީ ޒަހާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވައްދައި، ފާސްކުރުމަށް ކަމަށް ބެލެވެ އެވެ.

މިއަދުގެ ޖަލްސާގައި ޒަހާ ވިދާޅުވީ، މިހާތަނަށް ތިން ގަވައިދެއް ގެޒެޓް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ދެ ގަވައިދެއް ގެޒެޓް ކުރެވުނު އިރު، މިދިއަ ޖެނުއަރީ މަހު އެއް ގަވައިދު ގެޒެޓް ކުރެވިފައިވާކަން ޒަހާ ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން މަސްވެރިކަމުގެ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ތިއްބެވި މިނިސްޓަރުންނަށް ފާޑުވިދާޅުވެއެވެ. މިނިސްޓަރު ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.