ހަބަރު

ސެޓްފިކެޓް ނެތި އެން ހޯދަން ނުފީނޭނެ

ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުން ކޮށްގެން މަސް އައިން ހޯދުމާއި، ފީނުމުގެ ދާއިރާއިން ސެޓްފިކެޓެއް ލިބިފައި ނެތް މީހުންނަށް، ފުޅިއަޅައިގެން އެންވެރިކަމާއި މަސްވެރިކާމާއި ގުޅުންހުރި އެންމެހައި ކަންކަން ކުރުން މަނާކޮށް މަސްވެރިކަމުގެ އާންމު ގަވާއިދު އާންމުކޮށްފި އެވެ.

މިހާރު އާންމުކޮށް ގެޒެޓު ކޮށްފައިވާ މަސްވެރިކަމުގެ އާންމު ގަވާއިދުގައިވާ ގޮތުން ގައުމީ ގޮތުން ނުވަތަ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން ނޫނީ ވައިފުޅި އަޅައިގެން އެން ހޯދުމާއި މަސްވެރިކަން ކުރުމާއި މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަ ރަކާތެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މަސް އައިން ހޯދަން ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ
އުޅަނދެއް ބޭނުން ކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

ގަވާއިދުގައިވާ ގޮތުން ސެޓުފިކެޓެއް ނެތި އެނަވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނާ މީހުންނަކީ ފީނުމުގެ އެފަދަ ހަރަކާތެއް ހިންގޭނެ ފަދަ ހާލަތެއްގައި ހުރި މީހެއްކަން، މަސްވެރިމަުގައި އުޅޭ ދޯންޏެއްގެ ކެޔޮޅު ކަށަވަރު ކުރަން ޖެހެ އެވެ. އެކަން ކަށަވަރު ނުކޮށް ސެޓްފިކެޓް ނެތް މީހަކު ފީނައި، އެމީހަކަށް އެއްވެސް ގެއްލުމެއް ނުވަތަ ހާނީއްކަ އެއް ދިމާވެއްޖެ ނަމަ އެ ދޯންޏެއްގެ ކެޔޮޅު ކުށްވެރިވެ އެވެ. އަދި މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެ މައްސަލައިގެ ޖިނާއި ތަހުގީގެއް ކޮށްދިނުމަށް ފުލުހުންނަށް ވެސް ހުށަހަޅާނެ އެވެ.

މި ގވާއިދާ ހިލާފަށް ސެޓްފިކެޓެއްނެތި ފީނުމުގެ ހަރަކާތެއްގައި ފަޅުވެރިޔަކު ބައިވެރިކުރުވައިފި ނަމަ އެ އުޅަނދެއް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ފީނުމުގެ ތެރޭގައި ދާއިމީ ހާނީއްކައެއް އަދި ފުރާނައަށް ގެއްލުން ވެއްޖެނަމަ އެއް ލައްކަ ރުފިޔާއިން އެ އުޅަނދެއް ޖޫރިމަނާ ކުރާނެ އެވެ.

މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ރައްކާތެރި އަދި ގަވާއިދުން ސާވިސްކޮށް ބަލަހައްޓާ އެއްޗިހިކަން އުޅަނދެއްގެ ވެރިފަރާތުން ޔަގީން ކުރަންޖެހެ އެވެ. އަދި މިފަދަ ތަކެތި ގަވާއިދުން ސާވިސްކޮށް ރައްކާތެރިކަން ކަށަވަރުނުކޮށްފިނަމަ ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ. އަދި މިކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ ނަމަ އެއް ލައްކަ ރުފިޔާޢިން ޖޫރިމަނާ ކުރާނެ ކަމަށް މި ގަވާއިދުގައި ވަނީ ބުނެފަ އެވެ.

މީގެ އިތތުރުން ގަވާއިދުގައިވާ ގޮތުން މަސްއައިނު ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކޮށްފި ނަމަ 2،500 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރުކޮށްފިނަމަ ފުރަތަމަ ޖޫރިމަނާ ކުރި އަދަދަށް 500 ރުފިޔާ އިތުރުވާނެ ކަމަށާއި ނަމަވެސް މި ޖޫރިމަނާ 5،000 ރުފިޔާއަށް ވުރެ މަތިނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.