ހަބަރު

ވިޔަފާރީގެ ވާދަވެރިކަން ހިފަހައްޓާ ބިލު ތަސްދީގުކޮށްފި

Aug 31, 2020

ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް އެކުލަވާލާފައި ވަނީ، ރާއްޖޭގައި ގާއިމުވެގެން ހިންގާ ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށެވެ.

މިބިލުގައި، ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވެ އެވެ.

އެ ބިލުގެ އިތުރުން، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލު ވެސް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

މީގެ އިތުރުން، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ނިގުޅައިގެންފައިވާ ހާލަތެއްގައި ނުވަތަ އެ ހައްގުތަކަށް އުނިކަމެށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް އައްޔަންކޮށް، އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ހާލަތުގައި ބަދަލު ލިބިދިނުމާގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައި އެވެ.