ހަބަރު

ކޮމިޔުނިޓީ ސާވިސް ދިނުމުގެ ބާރު މީރާއަށް ދީފި

Aug 31, 2020
1

ޓްރެފިކާ ގުޅޭ އެކި ކުށްތަކުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ މީހުން، އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރުވުމުގެ އަމުރަކަށް އެދި ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިގެންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުގައިވާ ގޮތުން، ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވާ ގޮތަށް ހެދުމަށް ހިމަނާފަ އެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމަކަށް ވާއިރު، މިއާ ޚިލާފުވާ މީހެއްގެ އުޅަނދެއް ހިފަހައްޓައިފިނަމަ، އެ މީހެއް ޖޫރިމަނާ ކުރުމަށް ރިޕޯޓުގައިވެ އެވެ.

އެގޮތުން، ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ތަކުރާރުކޮށްފިނަމަ ނަސޭހަތްތެރިވުމަށް ކޮމިޓީ ރިޕޯޓުގައި ވާއިރު، ދެވަނަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އަދި 48 ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ. ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ މީހެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް ހަ މަސް ދުވަހާއި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ގޮތަށް ހެދުމަށްވެސް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.

އަދި ގާނޫނުގެ ދަށުން ކުރެވޭ ޖުރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީއިން ގާއިމުކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވާއިރު، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅައި ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް މި އިސްލާުގައި ވަނީ ބަޔާންކޮށްފައި އެވެ.

މީގެ އިތުރުން، ތިމާވެއްޓާ ރަށްޓެހިކޮށް ފަރުމާކޮށްފައި ހުންނަ އެއްގަމު އުޅަނދު އަދި ބެޓަރީ ހަކަތަ ނުވަތަ އިރުގެ ހަކަތަ ފަދަ، ތެޔޮ އަންދައިގެން އުފައްދާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުންކޮށްގެން ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ނުޖެހޭ ގޮތަށް މި އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.

އަދި، މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެކަމަށް ކަނޑައަޅުމާއި ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭނެ ގޮތްތައް ކަނޑައެޅުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައި އެވެ.