ޓްރެފިކާ ގުޅޭ އެކި ކުށްތަކުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ މީހުން، އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ފައިދާ ކުރަނިވި މަސައްކަތެއް ކރުވުމުގެ އަމުރަކަށް އެދި ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިގެންވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެވެ.
އެ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނެރެފައިވާ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އެ ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ބިލު ދިރާސާ ކުރުމަށްފަހު އެކުލަވާލެވުނު ރިޕޯޓުގައި ވަނީ ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވާ ގޮތަށް ހެދުމަށް ހިމަނާފަ އެވެ.
މީގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމަކަށް ވާއިރު، މިއާ ޚިލާފުވާ މީހެއްގެ އުޅަނދެއް ހިފަހައްޓައިފިނަމަ، އެ މީހެއް ޖޫރިމަނާ ކުރުމަށް ރިޕޯޓުގައިވެ އެވެ.
އެގޮތުން، ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ތަކުރާރުކޮށްފިނަމަ ނަސޭހަތްތެރިވުމަށް ކޮމިޓީ ރިޕޯޓުގައި ވާއިރު، ދެވަނަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އަދި 48 ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ. ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ މީހެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް ހަ މަސް ދުވަހާއި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ގޮތަށް ހެދުމަށްވެސް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.