ދުނިޔެ

ގުޑިއަކާއެކު ކުޑަކުއްޖަކު ވައިގެ ތެރެއަށް!

މިިދިއަ އާދީއްތަ ދުވަހު ޓައިވާންގައި ބޭއްވި ބައިނަލްއަގްވާމީ ގުޑި ފެސްޓިވަލްއެއްގައި ވަރަށް އާދަޔާއިހިލާފު އަދި ވަރަށް ބިރުވެރި ހާދިސާއެއް ހިނގައިފި އެވެ.

ވެރިރަށް ޓައިޕޭގެ ދެކުނުން އޮންނަ ސިންޗޫގައި ހިނގި މި ހާދިސާގައި ވައިގެތެރެއަށް އަރުވަން ތައްޔާރުވެފައިވާ ބޮޑު ގުޑިއެއްގެ ނަގުލުގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު ހިފަހައްޓައިގެން ހުއްޓާ ކުއްލިއަކަށް ކުޅިބަލަން އެއްވެ ތިބި މީހުން ސިއްސައިގެން ދިޔައީ އެ ކުޑަކުޑަ ކުއްޖާއާއެކު ގުޑި ވައިގެތެރައަށް އަރައިގެން ދިއަތަން ފެނުމުންނެވެ.

މި މަންޒަރު ފެނުމާއެކު ކުޅިބަލަން އެއްވެ ތިބި މީހުން ހަޅޭއްލަވަން ފެށި އެވެ. އަދި ވަރަށް އަވަހަށް މަޑި ކޮންޓްރޯލްކޮށް ބިންމައްޗަށް ތިރިކޮށް އެއްވެ ކުޅިބަލަން ތިބި މީހުން ވަނީ އެ ކުއްޖާ ސަލާމަތް ކޮށްފަ އެވެ. މި ހާދިސާގައި އެކުއްޖާ ވައިގެތެރޭގައި ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ގުޑިއާއެކު "އުދުހު"ނެވެ. އެކަމަކު އެ ކުއްޖާއާއެކު ވައިގެތެރެއަށް އެ ގުޑިއެރީ ކިހާ އުސްމިނަކަށްކަން މީޑިއާ ރިޕޯޓްތަކުގައި ސާފު ކޮށްދީފައެއް ނުވެ އެވެ.

ވައިގެތެރެއަށް އުދުއްސާލަން ތައްްޔާރު ކޮށްފައިވާ އެ ގުޑިއާ އެ ކުއްޖާއަށް އެހާ ކައިރިއަށް ދެވުނު ގޮތެއް ވެސް އަދި ސާފެއް ނުވެއެވެ. މި ހާދިސާގެ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

ހާދިސާއަށް ފަހު ކުޑަކުއްޖާ ވަނީ އޭނަގެ މަންމައާއެކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ. އެ ކުއްޖާގެ ނަސީބު ރަނގަޅު ކުމުން، ނުރައްކާތެރި އެ ހާދިސާގައި ބޮޑު އަނިޔާއެއް ނުވެ "މުއުޖިޒާތެއް" ފަދައިން ސަލާމަތްވެފަ އެވެ. އެކަމަކު ކުދިކުދި ޒަހަމްތަކެއް ލިބި މޫނާއި ކަރުގެ ބަޔަކުން ހަންގަނޑުފޮޅި ކޮންމެވެސް ވަރެއްގެ ގެއްލުނަތަކެއްވި ކަމަށް ޓައިވާން ސަރުކާރުން ހިންގާ ސެންޓްރަލް ނިއުސް އެޖެންސީއިން ބުނެފައި ވެއެވެ. މިހާރު އެ ކުއްޖާވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފަ އެވެ.

ގުޑި ފެސްޓިވަލް އޮތް ދުވަހަކީ ވަރަށް ވައިގަދަ، ގަޑިއަކު 50 އާޢީ 60 ކިލޯމީޓަރާއި ދެމެދުގައި ވައި ހުރި ދުވަހެކެވެ. އެކަމަކު މިއީ ގަދަ ވައިގެ ލެވެލަށް ވުރެ އެއް ދަރަޖަ ދަށް މިންވަރެކެވެ.

މި ހާދިސާ އާ ގުޅިގެން ސިނަޗޫގެ މޭޔަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މައާފަށް އެދި ވަޑައިގެންފައި ވެއެވެ. މޭޔަރު ވިދާޅުވި ގޮތުގައި އެ ފެސްޓީވަލް ހުއްޓާލަން ވަގުތުން ވާނީ އަމުރު ކުރައްވާފަ އެވެ. އަދި ހާދިސާ ރަނގަޅަށް ތަހުގީގުކޮށް މިފަދަ އިތުރު ހާދިސާއެއް ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.