ހަބަރު

ސީއެސްސީއަށް ހަތަރު ބޭފުޅަކު އައްޔަނުކުރަން ރުހުން ދީފި

Aug 31, 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް 41 މީހަކު ކުރިމަތިލާފައިވާއިރު، އެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ 15 މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

ގިނަ އަދަދެއްގެ ނަން ތަޅުމަށް ފޮނުވަން ނިންމި ސަބަބާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ އެ 15 ބޭފުޅުންނަކީވެސް ވަރަށް ގާބިލް ބޭފުޅުންނަށްވާތީ ކަމަށެވެ.

ނަމަވެސް، މިއަދު މަޖިލީހުން ރުހުން ދީފައިވާ ހަތަރު ބޭފުޅުންނަކީ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ވިޕްލައިން ނެރެފައިވާ ބޭފުޅުންނެވެ.

މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން

  • ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
  • އިބްރާހިމް ރަޝީދު / ބްލެކް، ރ. މީދޫ
  • މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
  • މުޙައްމަދު ފަރުޞަތު / ހ. ޓޫހާޓްސް

މި ހަތަރު ބޭފުޅުންނަށް ވެސް ސީއެސްސީއަށް އައްޔަނުކުރަން ރުހުން ދެއްވާފައިވަނީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުންނެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނާއި މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ސީއެސްސީގައި މިހާރު އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ އަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ކޮމިޓީން އާމިރާގެ މައްސަލަ ބެލި ނަމަވެސް ނިންމީ ވަކިނުކުރުމަށެވެ. އެ ކަމުގައި ރޮޒައިނާ ބައިވެރިއެއް ނުވެ އެވެ.