މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

16 ގައިދީއަކު އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެއްޖެ

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 16 ގައިދީއަކު މި އަހަރުގެ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ އިސްލާމް މާއްދާގައި ބައިވެރިވެއްޖެ އެވެ.

މިއީ ރާއްޖޭގައި ގައިދީން މިފަދަ އިމްތިހާނެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ އެސްއެސްސީ އިމްތިހާނުގައި 11 ފިރެހެން ގައިދީ އަކާއި އަންހެން ފަސް ގައިދީއަކު ބައިވެރިވެފައިވާ ކަމަށާއި އެ 16 ގައިދީންނަށް ކިޔަވައިދީ ޓެސްޓަށް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދިނީ އިނިސްޓިޓިއުޓް އޮފް ހޮލީ ގްރުއާން އެންޑް ސުންނަތް އިންނެވެ.

ޖަލުގައި ހިންގާ ގާރީ ކޯސްތަކާއި ދީނީ ކުލާސްތަކަކީވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި އިނިސްޓިޓިއުޓް އޮފް ހޮލީ ޤްރުއާން އެންޑް ސުންނަތް އާއި ގުޅިގެން ހިންގާ ކުލާސްތަކެކެވެ.

މިއަހަރުގެ އިމްތިހާނުގައި އިސްލާމް މާއްދާގައި އެކަނި ބައިވެރިވި ކަމުގައި ވީނަމަވެސް އަންނަ އަހަރުން ފެށިގެން އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާގައި ގައިދީން ބައިވެރިވާ ވާނެ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.