ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލާގައި އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

އެ ހުކުމް ހައިކޯޓްގައި އިސްތިއުފާނުކޮށްފައިވާއިރު މާދަމާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރު 1:00 އެވެ.

އެންމެ ފަހުން ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގައި ކޯޓުން ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައެވެ. އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ސިޓީއަކުން އެކަން ކަރެކްޝަނަށް އަންގާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުވީ ކްރިމިނަލް ކޯޓުގެ އެންގުމާއި ގުޅިގެންނެވެ.