ޑިޕްލޮމޭޓެއް ކަމުގައިވާ މުސްތަފާ އަދީބު ލުބުނާންގައި އާ ސަރުކާރެއް އުފެއްދުމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންފި އެވެ. މުސްތަފާ އަދީބަކީ ލުބްނާންގެ ސިޔާސީ މަސްރަހުގައި ކުރިން އެހާ މަޝްހޫރު ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ މީގެ ކުރިން ލުބުނާނުން ޖަރުމަން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
އަދީބަށް ވަނީ އާންމު އިންތިހާބުގައި ޕަލަމެންޓުގެ 120 ގޮނޑީގެތެރެއިން 90 ގޮނޑީގެ ބޮޑު އަޣުލަބިއްޔަތެއް ލިބިވަޑައިގެންފަ އެވެ. އެ މަނިކުފާނަށް ވަނީ ބާރުގަދަ ހިޒްބުﷲ ޖަމާއަތުގެ ތާއީދާއި އަދި އެ ޖަމާއަތާއި ގުޅިފައިވާ ފްރީ ޕެޓްރިއޮޓިކް މޫވްމެންޓް އަދި އަމާލް މުވްމެންޓުގެ ތާއީދު ވެސް ލިބިވަޑައިގެންފަ އެވެ. މީގެ އިތުރަށް ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީގެ ފިއުޗާ މުވްމެންޓުގެ ތާއީދާއި އެހެން ކުދި ގްރޫޕްތަކުގެ ތާއީޑުވެސް ލިބިވަޑައިގެންފައި ވެއެވެ.
އަދީބު ވިދާޅުވީ މިއީ އިތުރަށް ވާހަކަ ދައްކާ ވައުދުތައް ވާންވީ ވަގުތެއް ނޫން ކަމަށާ އެންމެން އަތާއިއަތް ގުލުވާލައި ލުބްނާން ރައޔިތުންގެ ހިތްތަކުގައި އުންމީދުތަކެއް އާލާކުރަން މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ ތަޖުރިބާކާރުންނާއި ތަޖުރިބާކުރެވިފައިވާ ކަންތަކުގެ އެހީގައި ވިޔަފާރިއާއި އިގްތިސޯދީ ގޮތުން ހެޔޮ ބަދަލުތަކެއް ގެންނަން." އަދީބު ވިދާޅުވި އެވެ.
އުމުރުފުޅުން 48 އަހަރުގެ މުސްތަފާ އަދީބަކީ ޖަރުމަނަށް ލުބްނާނުން ކަނޑައަޅާފައިވާ ސަފީރުކަން 2013 ވަނަ އަހަރުން ފެށިގެން ކުރައްވަމުންދާ ބޭފުޅެކެވެ އަދި ބިލިއަނަރެއް ކަމުގައިވާ ކުރީގެ ބޮޑު ވަޒީރު ނަޖީބު މިކާތީގެ އެޑްވައިޒަރުކަން 20 އަހަ ރުކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ހޯމަ ދުވަހުރޭ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޯން ލުބްނާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ލުބްނާންގެ ރަސްމީ ފަރާތްތަކާއި ބައްދަލު ކުރައްވާފައި ވެއެވެ. މިއީ ވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ލުބްނާނަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅު ކުރެއްވީ ބެއިރޫތުގެ ހަމަލާގައި 190 މީހުން މަރުވެ ބޭރޫތުގެ ބޮޑުބަޔަކަށް ގެއްލުންވުމާ ގުޅިގެން އޯގަސްޓް މަހުގެ ކުރީކޮޅު އެވެ.
ރައީސް މެކްރޯންވަނީ ލުބްނާނުގެ ސިޔާސި ބޭފުޅުން އެއްތަންވެ ސިޔާސީ ވިސްނުމެއްގައި އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފަ އެވެ.