ތުރުކީ

ތުރުކީގެ ރިޔާސީ އިންތިހާބުގައި ރައީސް އުރުދުޣާން ކުރީގައި

ތުރުކީގައި އިއްޔެ ބޭއްވުނު އިންތިހާބުގައި މިހާތަނަށް ދައްކާ ނަތީޖާއިން ރައިސް އުރުދުޣާން އުޅުއްވަނީ ކުރީގަ އެވެ.

ތުރުކީގައި ކުރިއަށް އޮތް ފަސް އަހަރަށް ގައުމު ހިންގަން ބޭފުޅަކު ހޮވުމަށް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާއި ޕާލިމަންޓްރީ އިންތިހާބުގައި 64.1 މިލިއަން މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

އިންތިހާބުގެ ވޯޓު ގުނުމުގައި މިހާތަނަށް 98 ޕަސެންޓް ވޯޓް ގުނާ ނިމިފައިވާ އިރު ބާކީ ހުރި ވޯޓުގެ ނަތީޖާތައް ދަނީ ސާފުކުރަމުންނެވެ.

ރައީސް އުރުދުޣާންއަށް މިވަގުތު 49.34 ޕަސެންޓް ވޯޓް ލިބިވަޑައިގެންފައިވާއިރު އެންމެ ވާދަވެރި އިދިކޮޅު ކެންޑިޑޭޓް ކިލިޖްދަރުޟޫ ވަނީ 45 ޕަސެންޓް ހޯއްދަވާފަ އެވެ.

އިއްޔެގެ ޕާލިމަންޓްރީ އިންތިހާބުގެ ނަތީޖާއިން ރައިސް އުރުދުއާންގެ ޕީޕަލްސް އެލަޔަންސަށް 321 ގޮނޑި ހޯދާފައިވާއިރު ނޭޝަންސް އެލަޔަންސުން 213 ގޮނޑި ހޯދާފައިވެ އެވެ. އަދި އެހެނިހެން ކުދި ޕާޓީތަކުން 66 ގޮނޑި ވަނީ ހޯދާފަ އެވެ.

ތުރުކީގައި މި ބޭއްވުނު އިންތިހާބުގައި އިއްޔެ ހެނދުނު 8:00 އިރު ވޯޓުލުން ފައްޓާފައިވާއިރު ވޯޓްލުން ބަންދު ކޮށްފައިވަނީ ހަވީރު 5:00 އިރު އެވެ. ވޯޓު ލަމުން ދިޔައިރު އިންތިހާބުގެ ބައިކުޅަބައި ނަތީޖާ މީޑީއާތަކުން ނެރެމުން ދިއުން ވަނީ މަނާކޮށްފަ އެވެ. ސުޕްރީމް އިލެކްޝަން ކައުންސިލުން ނަތީޖާތައް ނެރެން މީޑީއާތަކަށް އަލުން ހުޅުވާލާފައިވަނީ އިރު އޮއްސި 6:30ގެ ފަހުންނެވެ.

މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން ނުލިބޭނަމަ އިންތިހާބުގެ ދެވަނަ ބުރެއް ސާދަ ދުވަސް ފަހުން މިމަހު 28 ގައި އަލުން ބާއްވާނެ އެވެ.

ތުރުކީގައި މި އިނތިހާބުގައި ވޯޓް ލުމަށް 191،885 ވޯޓް ފޮށި ވަނީ ބަހައްޓާފަ އެވެ.

މި އިންތިހާބުގައި ތުރުކީގެ ސިޔާސީ މައިދާނުގައި ބޮޑު ފަސް ސިޔާސީ ޕާޓީއަކަށް ވޯޓުތައް ބެހިގެން ގޮސްފައިވެ އެވެ. އެއީ ރައީސް އުރުދުޣާން ނިސްބަތްވާ ޕީޕަލްސް އެލަޔަންސާއި، ކިލިޖްދަރުޟޫ ނިސްބަތްވާ ނޭޝަން އެލަޔަންސާއި، ލޭބާ އެންޑް ފްރީޑަމް އެލަޔަންސްގެ އިތުރުން އަތާ އެލަޔަންސް އެވެ.