ތުރުކީ

ތުރުކީގައި ރިޔާސީ އަދި ޕާލިމެންޓްރީ އިންތިހާބުގެ ވޯޓުލުން ފަށައިފި

ތުރުކީގެ ރިޔާސީ އިންތިހާބާއި ޕާލިމަންޓްރީ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ.

މި އިންތިހާބުގައި 64 މިލިއަނަށް ވުރެ ގިނަ ތުރުކީ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މީގެތެރޭގައި ބޭރުގައުމުތަކުގައި އުޅޭ ތުރުކީގެ ތިން މިލިއަން މީހުންވެސް ހިމެނެ އެވެ.

މިވަގުތު ރައީސް ކަމުގައި ހުންނެވި ރައީސް އުރުދުއާން ވެރިކަމުގެ ފަހު ދައުރަކަށް ކުރިމަތިލައްވާފައިވާއިރު އިދިކޮޅު ނޭޝަންސް އެލަޔަންސް ކޯލިޝަންގެ ކެންޑިޑޭޓަކީ ކަމާލް ކިލިޖްދަރުގްލޫ އެވެ. މީގެއިތުރުން އަތާ އެލަޔަންސްގެ އިލްމުވެރި ބޭފުޅެއް ކަމުގައިވާ ސިނާން އޫއާން ވެސް އިންތިހާބުގައި ވާދަކުރައްވަ އެވެ.

އިންތިހާބުގެ ވޯޓު ލުން ނިމޭ ގަޑިއަކީ ހަވީރު 5:00 ޖަހާއިރު އެވެ. އެއަށްފަހު ވަގުތުން ވޯޓު ގުނަން ފަށައި ނަތީޖާތައް އިއުލާން ކުރަމުން ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.

ތުރުކީގެ ކޮންމެ ރައްޔިތަކުވެސް ކާކުކަން އަންގައިދޭ އައިޑީ ކާޑު ދެއްކުމުން ވޯޓުލާ މަރުކަޒުން ދެ ކަރުދާސްކޮޅު ދޭނެ އެވެ. އެއީ ރިޔާސީ އިންތިހާބަށް އަދި ޕާލިމަންޓްރީ އިންތިހާބަށް ވޯޓު ލުމަށެވެ. ވޯޓިން ބޫތުގައި އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓު މާކް ކުރުމަށްފަހު ސިޓީ އުރައަކަށް ލެވޭނެ އެވެ.

ވޯޓު ލާން ދާ މީހުން ވޯޓިން ބޫތު ތެރޭގައި ފޮޓޯ ނުވަތަ ވީޑިއޯ ނެގުން މަނާކޮށްފައިވާއިރު ފޯނު ވެއްދުންވެސް ވަނީ މުޅީން މަނާކޮށްފަ އެވެ.

ވޯޓުލުން ނިމުމުން ފުރަތަމަ ގުނާނީ ރިޔާސީ އިންތިހާބުގެ ވޯޓުތަކެވެ. ވޯޓުތައް ގުނަން ފަށާނީ ބެލޮޓިން ކޮމިޓީންނެވެ. ބެލޮޓިން ކޮމިޓީ ގައި ހިމެނޭނީ ސިޔާސީ ޕާޓީ ތަކުގެ މަންދޫބުންނާއި އަދި އެތަނުގައި ބަލަން ބޭނުންވާ އާންމު ފަރާތްތަކެވެ.

ވޯޓްލެވޭ އެންމެހާ ތުރުކީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި އެއްވެސް ދައްޗެއްނެތި ވޯޓު ލެވޭނެ އިންތިޒާމް ސުޕްރީމް އިލެކްޝަން ކައުންސިލުން ވަނީ އިންތިޒާމް ކޮށްފަ އެވެ. މިގޮތަށް އިންތިޒާމް ކޮށްފައިވަނީ ދިމިގްރާތީ ނިޒާމުގައި ނަޒާހަތްތެރިކަމާއެކު އެންމެހާ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ހޯދައި ދިނުމަށެވެ.

ތުރުކީގައި މިއަދު ހެނދުނު 6:00 އިން ރޭގަނޑު 12:00އާ ހަމައަށް ތުރުކީގައި ވަނީ ބަނގުރާ ވިއްކުންވެސް މަނާކޮށްފަ އެވެ. އަދި ވޯޓުލާ އެއްވެސް ސަރަހައްދެއްގައި ނުވަތަ އާންމު ތަންތަނުގައި ބަނގުރާ ބުއިންވެސް ވަނީ މަނާކޮށްފަ އެވެ.