ރަޝިޔާގެ އަންހެނެއްގެ އަނގައިން ހަތަރު ފޫޓު ދިގު ހަރުފައެއް ދަމާ ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ. މި ވީޑިއޯ ބެލި ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ބިރުން ގޮސް ހަލާކުވާ ވަރުގެ މަންޒަރުތަކެއް ކަމަށެވެ. މި ވީޑިއޯ އިން ފެންނަނީ ހަތަރު ފޫޓު ދިގު ހަރުފައެއް އަންހެން މީހާގެ އަނގައިގެ ތެރެއިން ދަމާ ނަގާ ތަނެވެ.
ވީޑިއޯގައި ފެންނަނީ ހޭނެތިފައި އޮތް އަންހެންމީހާ އޮޕަރޭޝަން ތިއޭޓަރުގައި ބާއްވައިގެން ޑޮކްޓަރުން އޭނާގެ އަނގަ ތެރެއިން އެ ހަރުފަ ނަގާ މަންޒަރެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ހަރުފަ ނަގާ ވަގުތު އެތާ ތިބި މެޑިކަލް ސްޓާފުން ވެސް ތިބީ ބިރުން ގޮސް ތުރުތުރު އަޅަ އަޅަ އެވެ.
އެ ހަރުފައިގައި ހިފާ ނަރުސް މީހާގެ އަތް ވެސް ބިރުން ގޮސް ތުރުތުރު އަޅާތަން ވީޑިއޯ އިން ފެނެ އެވެ. އަދި އޭނާގެ މޫނަށް އަރާފައިވާ ކުލަވަރުން އޭނާ ވަރަށް ބޮޑަށް ބިރުގަނެފައި ހުރިކަން ހާމަވެ އެވެ. ހަރުފަ ފެނުމާއެކު ނަރުސް މީހާއަށް ޝޮކް ލިބި ފުންމައިގަންނަ ތަން ފެނެ އެވެ. އަދި ތުރުތުރު އަޅާ އަތުން ހަރުފައިގައި ހިފާ މެޑިކަލް ބިން އަށް ވައްޓާލާތަން ވެސް ވީޑިއޯއިން ފެނެ އެވެ.
މި ހަރުފަ އަންހެންމީހާގެ ހަށިގަނޑު ތެރޭގައި އޮތީ ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގޭ ކަމަށް ރަޝިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި އެ ސޮރު ނެގިއިރު ދިރޭ ކަމެއް މަރުވެފައި އޮތް ކަމެއް ވެސް ޔަގީން ނުވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
މި އަންހެންމީހާ އަކީ ރަޝިޔާގެ ފަރުބަދަމަތީ ރީޖަނެއް ކަމަށްވާ ޑަގެސްތާނުގެ ލެވާށީ ވިލެޖުގައި ދިރިއުޅޭ އަންހެނެކެވެ. މި އަވަށް އޮންނަނީ ކެޕްސިއަން ކަނޑާ ގުޅޭ ހިސާބުގަ އެވެ. އޭނާގެ ހަށިގަނޑުން ނެގީ ހަރުފައިގެ ވައްތަރެއް ނޭނގޭ ކަމަށް ވެއެވެ.
ރަޝިޔާ މީޑިއާ އިން ބުނި ގޮތުގައި އަންހެންމީހާ ދިރިއުޅޭ ސަރަހައްދަކީ ވަރަށް ހަރުފަ ގިނަ ހިސާބެކެވެ.
އަނގަ ހުޅުވައިގެން ނިދާފައި އޮއްވާ ހަރުފައެއް އައިސް އަނގަޔަށް ވަދެދާނެތީ ގެއިން ބޭރުގައި ހާމަ ތަންތަނުގައި ނުނިދަން ވަރަށް ކުރީ ޒަމާނުއްސުރެ އެ ހިސާބުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަބަދާ އަބަދު އިރުޝާދު ދެމުން ދެއެވެ. މި އަންހެންމީހާގެ އަނގަޔަށް ހަރުފަ ވަން ގޮތެއް ނޭނގުނު ނަމަވެސް އެ ސޮރު ވަދެފައި ވަނީ އަނގަ ހުޅުވައިގެން ނިދާފައި އޮއްވާ ކަމަށް ބެލެވޭ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެ އެވެ.