ކުޅިވަރު

ޓީޓީ އިންތިހާބު: ތިންވަނަ ކެނޑިޑޭޓް ނަން ނަގައިފި

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލި ތިން ކެނޑިޑޭޓުންގެ ތެރެއިން މުހައްމަދު ޖަލާލް ފަހަތައް ޖެހިލަން ނިންމަުމުން ވާދަވެރިކަން އިތުރަށް ބޮޑު ވެއްޖެ އެވެ.

ޓީޓީގެ އިންތިހާބުގައި ރައީސް ކަމަށް މިހާރު ވާދަ ކުރައްވަނީ، މިހާރުގެ ރައީސް އަލީ ރަޝީދުގެ އިތުރުން ގިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމު އެވެ. ކުރިން ޓީޓީ ކުޅުނު ޖަލާލް މިއަދު ބުނީ އޭނާ ފަހަތަށް ޖެހިލަން ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ ދެން ތިއްބެވި ދެ ކެނޑިޑޭޓުންނަކީ ގާބިލު ބޭފުޅުން ކަމަށާއި، އެކަމަށް އެންމެ ގާބިލު މީހާ މަގާމަށް އައުމަށް އޭނާ ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު މި ނިންމީ ފަހަތަށް ޖެހިލަން،" ޖަލާލް ބުންޏެވެ. "ދެން ތިއްބެވި ދެ ކެނޑިޑޭޓުންނަކީ ވަރަށް ގާބިލު ދެ ބޭފުޅުން، އޭގެ ތެރެއިން ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް ޓީޓީ ކުރިއަށް ގެންދެވުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރަނީ."

އޭނާ ބުނީ، ހަމަޖެހިފައިވާ މަރުހަލަގެ ތެރެއިން އޭނާގެ ނަން އަނބުރާ ގެންދިއުމަށް ހުށަހަޅާނެ ކަމަށެވެ. އިންތިހާބުގައި ވާދަ ކުރާ ތޮހާ ސަލީމްގެ ފަހަތުގައި ޓީޓީގެ އިސް ބޭފުޅުންތަކެއް ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މުއިނާ މުހައްމަދާއި މިހާރުވެސް ޓިޓީގެ އެކްސްކޯގައި ހުންނަވާ އިބްރާހީމް ލަތީފް ވެސް ހުރީ ތޯހާގެ ފަހަތުގަ އެވެ.

ރޭ އަވަސް އާ ވާހަކަ ދައްކަމުން، ތޯހާ ވިދާޅުވީ، ޓީޓީގެ އިންތިހާބުގައި ވާދަ ކުރަން ނިންމީ އެ ކުޅިވަރާ މެދު އޮންނަ ޝައުގުވެރިކަމުގެ ތެރެއިން ޓީޓީއަށް ޒަމާނީ ބަދަލެއް ގެންނަން ޖެހިވަޑައިގަންނަވާކަން އޭނާއަށް ގަބޫލު ކުރެވިގެން ކަމަށެވެ. 2018 ވަނަ އަހަރު ބޭއްވި ދުންތަރި މަނިކު މެމޯރިއަލް މުބާރާތުގައި ކުޅުއްވި ތޯހާ ވިދާޅުވީ ޓީޓީ ވެލިއުސް އާއި ހަމަތައް އަލުން ކޮޅަށް ނަގަން ޖެހިފައިވާ ކަމަށެވެ.

އިންތާިހާބުގައި ޓީޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލާފައި ވަނީ ކުރީގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އަދި އަބްދުﷲ ޝަރީފް އެވެ. ހަޒާންދާރު ކަމަށްވެސް ތިން މީހުން ވަނީ ކުރިމަތިލާފަ އެވެ. އެއީ އަހްމަދު ޝާޒިލް، ރިޔާޒު މަންސޫރު އަދި މުހައްމަދު ސައީދެވެ.

ކުލަބުގެ މެންބަރު ކަމަށް ކުރިމަތިލާފައި ވަނީ ޖާދުﷲ ހަސަން އަދި އިބްރާހިމް ލަތީފު އެވެ. ފިރިހެން އިންޑަވިޖުއަލް މެންބަރު ކަމަށް ކުރިމަތި ލާފައި ވަނީ އައްޒާމް އިބްރާހިމް އާއި އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. އަންހެން އިންޑަވިޖުއަލް މެންބަރުކަމަށް ކުރިމަތިލާފައި ވަނީ މުއިނާ އާއި އައިޝަތު ސަމާހަތު އެވެ. އެސޯސިއޭޓް މެންބަރު ކަމަށް ކުރިމަތި ލާފައި ވަނީ އިސްމާއީލް ސުޖާއު އާއި އައިޝަތު ފަދުވާ ރަޝީދެވެ.

ޓީޓީ އިންތިހާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ. އިންތިހާބު ފަސް ކުރުމަށް އެދި ބައެއް މެންބަރުން ވަނީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އިންތިހާބު ފަސް ކުރަން މިހާތަނަށް ނިންމާފައެއް ނުވެ އެވެ.