ދުނިޔެ

ސައުދީ: ޝާހީ ބޭފުޅުންތަކެއް ވަކިކޮށް އެކަހެރިކޮށްފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު ނެރުއްވި ޝާހީ ގަރާރަކާއެކު ޔަމަންގައި ހަރަކާތްތެރިވާ ސައުދީ ކޯލިޝަންގެ ކޮމާންޑަރު ޕްރިންސް ފަހުދު ބިން ތުރުކީ މަގާމުން ދުރު ކުރައްވައިފި އެވެ. އަދި މީގެ އިތުރަށް އެމަނިކުފާނުގެ ދަރިކަލުން އަބުދުލް އަޒީޒު ބިން ފަހުދު ވެސް ވަނީ ޑިޕިއުޓީ ގަވަނަރު ކަމުން ދުރު ކުރައްވާ އެކަހެރި ކުރައްވާފަ އެވެ.

ސައުދީގައި ބާރުގަދަ މި ދެ ބޭފުޅުންނާއެކު ޝާހީ އާއިލާގެ އިތުރު ހަތަރު ބޭފުޅަކު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ހިޔާނާތުގެ މައްސަލަތަކެއް ކަމަށް ސައުދީ ޑިފެންސް މިނިސްޓްރީން ބުނެ އެވެ. އެކަމަކު ސައުދީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އަސްލު މައްސަލައަކީ ވަލީއަހުދު މުހައްމަދު ބިލް ސަލްމާންގެ ސިޔާސީ މުސްތަގުބަލަށް އޮތް ނުރައްކަލަކަށް އެ ބޭފުޅުން ވެވަޑައިގެންފާނެ ކަމަށް ވިސްނެވުމެވެ. ރަސްގެފާނު އެޅުއްވެވި މި ފިޔަވަޅާއެކު ސައުދީ ޒައާމަތަށް ވަނީ ނުތަނަވަސް ކަން އައިސްފަ އެވެ.

ވަލީއަހުދު މުހަންމަދު ބިލް ސަލްމާނަކީ މިހާރު ވެސް ނުރަސްމީ ސިފައެއްގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނެވެ. ރަސްކަމުގައި ސަލްމާން ރަސްގެފާނު ހުންނެވި ނަމަވެސް ގައުމު ހިންގުމުގެ ހަގީގީ ހުރިހާ ބާރެއް އޮތީ ޕްރިންސް މުހައްމަދުގެ އަތްޕުޅުގަ އެވެ.

މި އަހަރުގެ ކުރީކޮޅު ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަރަށް އިސް ތިން ބޭފުޅަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެތެރޭގައި ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބުދުލް އަޒީޒާއި ކުރީގެ ވަލީއަހުދު މުހައްމަދު ބިން ނާއިފު ވެސް ހިމެނިވަޑައިގަންނަ އެވެ

ސައުދީ ސަރުކާރުން ޝާާހީ އާއިލާގެ އިސްބޭފުޅުންތަކެއް ހައްޔަރު ކުރުމުގެ އެންމެ ބޮޑު ހަރަކާތެއް ހިންގުމުން ދުނިޔޭގެ ސަމާލުކަމަށް އެކަން އައީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ޝާހީ އާއިލާގެ މެމްބަރުންނާއި ބައެއް މިނިސްޓަރުންނާއި އެތައް ވިޔަފާރިވެރިންނެއް ހިމެނޭ ގޮތަށް ސައުދީގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގައި ހިފަހައްޓާއި ހައްޔަރު ކުރި އެވެ. އެ ބޭފުޅުންގެ ކުށެއް ކަމަށް ވެސް ތުހުމަތު ކުރެވުނީ ހިޔާނާތުގެ މައްސަލަތަކެކެވެ. އެފަހަރު ސަރުކާރާއި އެ ބޭފުޅުންނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ ބޭފުޅުން ދޫކޮށްލީ 106 ބިލިއަން ޑޮލަރު ސައުދީ ސަރުކާރަށް ދައްކަވައިގެނެވެ.

އުމުރުން 35 އަހަރުގެ މުހަންމަދު ބިން ސަލްމާން ދުނިޔޭގެ ސަމާލުކަމަށް އައީ 2016 ވަނަ އަހަރު އެމަނިކުފާނަށް ސައުދީ އަރަބިއްޔާ ހިންގުމުގެ ބާރު ނުރަސްމީކޮށް ލިބިވަޑައިގަތުމާއެކު ގައުމަށް ގެންނަވަން ފެއްޓެވި ބަދަލުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އިގްތިސޯދީ އަދި އިޖްތިމާއި ހބަދަލުތަކެއް ގެނެސް ބޯދާ ބައެއް އުސޫލުތައް ހިފެހެއްޓުމާއެކު ސައުދީ ހުޅުވައިލައި ސައުދީގެ ތަސައްވުރެއް "ވިޝަން 2030" ގެ ނަމުގައި އިއުލާން ކުރެއްވުން ހިމެނެ އެވެ.

ޕްރިންސް މުހައްމަދު ސައުދީއަށް ގެންނަވަން ފެއްޓެވި އިސްލާހީ ބައެއް ބަދަލުތަކުގެ ތެރޭގައި ދުނިޔެއަށް ގަބޫލުކުރަން ވެސް ދަތިވި ބަދަލުތައް ހިމެނެ އެވެ. ކުރިން ސައުދީގައި ވަރަށް ބާރުގަދަ ދީނީ ފުލުހުންގެ މުއައްސަސާ އުވާލައްވައި ދީނީ ފުލުހުންގެ ބާރު އެކަށް ކަނޑުވާލެއްވި އެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމުގެ ހުއްދަ ދެއްވައި މިއުޒިކް ފެސްޓިވަލް ބޭއްވުމުގެ ހުއްދަ އާއި ފިލްމް ތިއޭޓާ ހުޅުވުމުގެ ހުއްދަ ދެއްވައި ފިލްމުބެލުމާއި މިއުޒިކް އަޑުއެހުމާއި މިއުޒިކް ކުޅުމުގެ ހުއްދަވެސް ވަނީ ދެއްވާފަ އެވެ. އަންހެނުން އެކަނި ކާރު ދުއްވުމާއި އަންހެނުން މަހުރަމަކާއިނުލައި ބޭރު ގައުމަތަކަށް ދަތުރު ކުރުން ފަދަ އެތައް ކަމަކަށް ހުޅުވައިލެއްވި އެވެ.

އެކަމަކު މުހައްމަދު ބިން ސަލްމާނަށް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ފާޑުކިޔުންތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަންނަވަ އެވެ. އެގޮތުން ތުރުކީގައި ހުންނަ ސައުދީ އެންބަސީގައި އަނިޔާވެރި ރަހުމްކުޑަ ގޮތަކަށް މަރާލި ސައުދީ ނޫސްވެރިއާ ޖަމާލް ހަޝޯގީގެ މަރުގެ މައްސަލަ އާއި ސައުދީގެ ކުރީގެ ޖާސުސީ އޭޖެންޓެއް ކެނެޑާގައި މަރާލަން ރޭވުމުގެ މައްސަލައިގެ ތުހުމަތުތައް އޮވެ އެވެ. އަދި އެހެން ބައެއް ކަންކަމާ ގުޅިގެން ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ސައުދީގެ އެތެރެ އާއި ބޭރުން ޕްރިންސަށް ކުރިމަތިވެފައި އޮވެ އެވެ. ޕްރިންސް މުހައްމަދަކީ ރައްދު ދެއްވާ ގިނައިން ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ނުވެއެވެ.