ރިޕޯޓް

އެތެރޭ އިގްތިސޯދަށް ކާންދޭ ދާއިރާ އަށް ބޮޑު ބިރެއް

ބާޒާރުން މަސް ވިއްކާ މީހުންގެ ވިޔަފާރި ގުޅިފައި ވަނީ މި މީހުންނާ އެވެ. ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ދަނޑުވެރިޔާ ވެސް ގުޅި ލާމެހެނީ މި ދާއިރާއާ އެވެ. ހަކުރު ޕެކެޓުގައި ބަންދު ކުރާ މީހާއަށް މަސައްކަތް ކުރެވޭނީ ވެސް މި ދާއިރާ އޮވެގެންނެވެ. ގޭގައި އިނދެގެން ކަނަމަދު ކޭކު އަޅައިގެން ވިއްކާ ދިވެހި އަންހެނުންގެ މަސައްކަތްތައް ވެސް ދިރުމެއް އޮތީ މި ސިނާއަތް މަރުނުވެ އޮވެގެނެވެ. މި ހުރިހާ މަސައްކަތް ތަކެއް ލާމެހެނީ ކެއިން ބުއިމުގެ ހިދުމަތްދޭ ވިޔަފާރި ތަކާ އެވެ. ހޮޓާ، ކެފޭ / ރެސްޓޯރެންޓް ވިޔަފާރިއާ އެވެ.

އެކަމަކު ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ބަންދު ކުރުމުގެ ސަބަބުން ބޮޑު ގެއްލުމެއްވި މި ސިނާއަތަށް މިހާރު ކުރިމަތިލާން ޖެހިފައި މިވަނީ އިތުރު ދަތިކަމަކާ އެވެ. އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން މި ވިޔަފާރިތައް ދަށްވެފައިވަނިކޮށް ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުގެ އެޅި ފިޔަވަޅުތަކާއެކު މުޅި މި ދާއިރާ ހުއްޓުމުގެ ބިރު މިވަނީ ހީވެފަ އެވެ. އެތެރޭގެ އިގްތިސޯދާ ގުޅިފައިވާ މި ސިނާއަތުގެ ވިޔަފާރިތަކުން ގިނަ ބަޔަކު ނުކުމެދާނެކަމުގެ ބިރު މިވަނީ ހީވެފަ އެވެ،

"ރޭގަނޑު ފައި މަގުގައި އުޅޭ ގޮތަށް ގެނައި ބަދަލުގެ ސަބަބުން އެންމެ ބޮޑު އިފެކްޓެއް ކުރާނީ އަޅުގަނޑުމެންނަށް. [ރެސްޓޯރެންޓް] ތަކަށް. މި ވިޔަފާރިތަކުގެ އެންމެ ޕީކް ވަގުތު މި ފެށެނީ ރޭގަނޑު. އެ ގަޑީގައި މީހަކު ނާންނަމަ މިތަންތަން ހުޅުވާފައި ބެހެއްޓުމުގެ ބޭނުމެއް ނެތް. އިތުރު ހަރަދުތަކެއް ދިއުން ނޫން ކަމެއް ނުވާނެ،" ފުޅާ ދާއިރާއެއްގައި ރެސްޓޯރެންޓުގެ ވިޔަފާރި ކުރާ ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެތެރޭގެ އިގްތިސޯދާ ގުޅި ލާމެހިފައި

ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅައި، ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ މައި ގޭޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލި ނަމަވެސް މިހާތަނަށް އައިސްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ޓޫރިސްޓުންނެވެ. ޓޫރިޒަމް ރަނގަޅު ވެގެން ނޫން ގޮތަކަށް އިގްތިސޯދަށް ތެޔޮ އެޅޭނެ މަގެއް ނުފެނެ އެވެ. އެހެން ދެން އޮތް ގޮތަކީ އެތެރޭގެ އިގްތިސޯދާ ގުޅުން ހުރި ދާއިރާތައް ދިރުވައިގެން ފައިސާ ވިއްސޭމެ މަގެއް ހޯދުމެވެ. ރާއްޖެއަކީ އެތެރޭގެ މާބޮޑު އިކޮނޮމީއެއް އޮތް ތަނެއް ނޫނެވެ. އެކަމަކު އެތެރޭގެ އިގްތިސޯދުގެ ޗެއިންގެ ބޮޅުތައް އެންމެ ރަނގަޅަށް ގުޅިފައިވާ ހޮޓާ/ ކެފޭ/ ރެސްޓޯރެންޓް ތަކާ އެވެ.

މި ސިނާއަތް އައި ޒަމާނީ ބަދަލުތަކާއެކު "ޓޭކް" އަވޭ ކައުންޓަރުތަކާއެކު އޮންލައިން ޑެލިވަރީގެ ހިދުމަތް ވެސް މިވަނީ ފެށިފަ އެވެ. އެހެންވެ މިހާރު ސިނާއަތް ވެފައިވަނީ ކުދި ގިނަ ވިޔަފާރިތަކެއް ތިބި އެ ދާއިރާ އަށެވެ. އެކަމަކު މިހާރު މި މިހާރުގެ ހާލަތުގެ ސަބަބުން މި ސިނާއަތް އޮތީ އެއްކޮށް ހުއްޓިފައި ކަމަށް ބުނެވިދާނެ އެވެ. މާލޭގައި ވިޔަފާރިތަކަށް އިންތިހާއަށް ގިނަ ގޮންޖެހުންތައް ހުރިއިރު، މި ވިޔަފާރިތައް ވެސް މިދަނީ މިކަމުގެ ވޭން އިހުސާސް ކުރަމުންނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި، ސޮލައިޓް ރެސްޓޯރެންޓުގެ މެނޭޖަރު ހަސަން އިނާޒު ވިދާޅުވި ގޮތުގައި އިގްތިސޯދު ހީނަރުވުމުގެ ސަބަބުން މި ރެސްޓޯރެންޓް ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވީމާ ބޮޑު އުންމީދެއް ކޮށްގެން ނޫން ކަށެވެ. ހުޅުވިނަަމަވެސް އެޗްޕީއޭގެ ގައިޑްލައިންނަށް ގެނައި ބަދަލާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފަިއވާ ކަމަށެވެ.މީގެ ސަބަބުން މިހާތަނަށް 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް ވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މީގެ ސަބަބުން ވަރަށް ގެއްލުން ވަރަށް ބޮޑު. ސްޓާފުން މެނޭޖު ކުރަން ވެސް ވަރަށް ދަތި. ކަސްޓަމަރުން ވެސް ވަރަށް ކަންބޮޑުވޭ ވަކި ގަޑިއަކަށް ގެއަށް ނުދެވިދާނެތީ. އެހެންވީމަ އަވަހަށް ވަދެވޭ ތަނަކަށް ވަންނަނީ. އޯޕަން ކޮށްގެން އުޅޭރީ ރަނިން ކޮސްޓް ވަރަށް ބޮޑު. މީހަރު އޯޑަރު ދީފަ ގާތްގަނޑަކަށް 15 މިނެޓާއި 20 މިނެޓު ވަރުވޭ. އެ ޓައިމަށް އެބަޖެހޭ ތޭ ފައްތަން ޖެހޭ. އަޅުގަނޑުމެންނަށް ގަޑި ޖެހިއްޖެއޭ ކިޔާފަ ކަސްޓަމަރު ނުނެރެވޭނެ،" އިނާޒް ވިދާޅުވި އެވެ.

ގިނަ ވިޔަފާރި ތަކެއް އެއްކޮށް ހުއްޓުމުގެ ބިރު

މި ސިނާއަތުގައި ބިދޭސީ މުވައްޒަފުން ގިނަ ނަމަވެސް ރެސްޓޯރެންޓް/ ކެފޭގެ ގިނަ ވިޔަފާރިތައް އަދި ވެސް ހިންގަނީ ދިވެހިންނެވެ. މި ދާއިރާ އަށް އަލަށް ނުކުމެ ވޭޓަރުންގެ ގޮތުގައި ދިވެހިން ހިދުމަތްދޭތަން ވެސް މިހާރު ފެންނަމުންދެ އެވެ. މި ސިނާއަތުގައި މާލެ ސަރަހައްދުގައި އެކަނި 1400 އަށް ވުރެ ގިނަ ތަންތަން ހިންގަ އެވެ. ރިސޯޓްތަކުގައި ހުރި ރެސްޓޯރެންޓުތައް ނުލައި ބެލިނަމަވެސް މުޅި ރާއްޖޭގައި ހުރި ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓާއި ފުޑް ކައުންޓަރުތަކުގެ އަދަދު 2600 އަށް ވުރެ ގިނަ އެވެ. މި ސިނާއަތުން ދުވާލެއްގެ މައްޗަށް ބާޒާރުން 6،000ރ. އާއި 8،000ރ. ގެ ވިޔަފާރިއެއް ކުރެ އެވެ.

އަންދާޒާއަކީ އާއްމު ގޮތެއްގައި ހިނގާ ދުވަސްވެއްގައިނަމަ، ތިން މިލއަނެއްހާ ރުފިޔާގެ ވިޔަފާރި ހަމައެކަނި މި ސިނާއަތުން ދުވާލެއްގެ މައްޗަށް އިގްތިސޯދުގެ ތެރޭގައި ދައުރު ކުރުމެވެ. އެކަމަކު ރޭގަނޑުގެ ވަގުތު މި ތަންތަން ދާނެ މީހަކު ނެތި ގޮނޑިތައް ފަޅަން ހުންނަން ޖެހުން ވަނީ މި ވިޔަފާރި ދައުރުވުން މުޅިން ހުއްޓުމަށެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ ނައިބް ރައީސް ނުޒޭރު އަލީ ވިދާޅުވި ގޮތުގައި މި ސިނާއަތް މިހާރު ވަނީ އެއްކޮށް ގާތްގަނޑަކަށް "މަރުވެފަ" އެެވެ.

"މި ސިނާއަތް މިއޮތީ އެއްކޮށް މަރުވެފަ. ބަނގުރޫޓު ވާން ކައިރިވެފަ. މީތި [ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން] ފެށިގެން މި އަންނަނީ ހަމައެކަނި ކާ މީހާ ގެ ހިސާބަކުން ވެސް ނޫން. ހައްދާ މީހާ، ކޮށާ މީހާ، މިހެން ގޮސް ބައިވަރު މީހުންގެ އާމްދަނީއާ ގުޅިފަ އޮތް ކަމެއް މިއީ" ނުޒޭރު ވިދާޅުވި އެވެ.

ކަން ބޮޑުވުމާއެކު، ސަރުކާރަށް ޕެޓިޝަންއެއް

މި ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާއަކީ ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރުމެއް ނޫނެވެ. މި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް "ނޭވާ" އެއް ވެލޭނެ އޮކްސިޖަމް ކޮޅެއް ދިނުމެވެ. އޮކްސިޖަން ބަންދުވެގެން ހާސްވިޔަ ނުދިނުމެވެ. ބަންދުކުރާނަމަ އެހެން އިންތިޒާމެއް ފުރިހަމަކޮށްގެން ނަމަވެސް ޕީކް ގަޑިން އާމްދަނީއެއް ހޯދޭނެ މަގެއް ހޯދައި ދިނުމެވެ. އެކަމަށްޓަކައި ރެސްޓޯރެންޓް ތަކުން ވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައްޔިތުން މަޖިލިހަށް ޕެޓިޝަނެއް ވެސް ލާފަ އެވެ.

ގިނަ އަދަދެއްގެ ރެސްޓޯރެންޓް ތަކެއް ބައިވެރި ވެގެން އުފައްދާފައިވާ މޯލްޑިވްސް އީޓެރީން ޔޫނިއަން އިން 100 އަށް ވުރެ ގިނަ ރެސްޓޯރެންޓުގެ ސޮޔާއެކު ލާފައިވާ ޕެޓިޝަންގައިވާ ގޮތުން މިހާރު އެޗްޕީއޭ އިން ގެނައި ބަދަލުގެ ސަބަބުން ކޮންމެ ދުވަހެއްގެ ވިކުރާއަށް 70 ޕަސެންޓާއި 80 ޕަސެންޓުގެ ދަށްވުމެއް އަންނާނެ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިސްތަކާ އެއްގޮތަށް ރޭގަނޑު 11 ޖެހުމާ ހަމަ އަށް ހިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައިވެ އެވެ. އަދި ޑެލިވަރީ ކުރާ ފަރާތްތަކަށް ކާފިއު ގަޑިތަކުގައި ވެސް ދެވޭ ހުއްދައެއްގެ ދަށުން ހިދުމަތް ދިނުމުގެ ފުރުސަތު ދޭން އެދިފައިވެ އެވެ. މީގެ އިތުރުން ދިވެހި ކޭޝިއަރުން ވަޒީފާގައި ތިބުން ލާޒިމް ކުރުން ހުއްޓާލުމާއި ފެނާއި ކަރަންޓު އަދި ފޯން ބިލް ފަދަ ބިލުތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި ދޭން އެދިފައިވެ އެވެ.

ބަލި ކޮންޓްރޯލް ކުރުމަކީ މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަމެވެ. އެކަމަކު ބަލި ކޮންޓްރޯކް ކުރާއިރު އެހެން ހުރިހާކަމެއް މަރުވިޔަ ނުދީ ދެމެހެއްޓޭނެ އިންތިޒާމެއް ރޭވެން ޖެހޭނެ އެވެ. ސަބަބަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ގިނަ އާއިލާއެއްގެ ދިރިއުޅުމާ ގުޅިލާ މެހިފައިވާ ދާއިރާއަކަށްވުމެވެ. ހާއްސަކޮށް ކެއިން ބުއިމުގެ ހިދުމަތް ދިނުމުގެ ވިޔަފާރިއަކީ އެތެރޭގެ އިގްތިސޯދާ ގުޅުން ބޮޑު ބައެކެވެ. އެކަމަކު މިހާރުގެ ފިޔަވަޅުތަކުން އެތެރޭގެ އިކޮނޮމީއަށް ކާންދޭން ސިނާއަތް މަރުވުމުގެ ބިރު މިވަނީ ހީވެފަ އެވެ.