ދީން

ޝަރީޢަތުގެ މަޤުޞަދުތައް: ފުރާނަ ޙިމާޔަތްކުރުމުގެ ފަލްސަފާ

އިންސާނާއަކީ މާތް ﷲ މި ބިންމަތީގައި ލައްވާފައިވާ އެކަލާނގެ ޚަލީފާއެވެ. މާތް ﷲ ވަނީ އެހެނިހެން މަޚުލޫޤާތްތަކުގެ މައްޗަށް އިންސާނާ މަތިވެރި ކުރައްވައި މާތް ކުރައްވާފައެވެ. އަދި އިސްލާމީ ޝަރީޢަތުގައިވަނީ އިންސާނީ ޙައްޤުތަކާއި ކަރާމަތު މަތިވެރިކޮށްފައެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ނަޒަރު ހިންގާލުމުން އިންސާނާގެ ފުރާނަ ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރެއިން މަޤުޞަދެއްކަން ހާމަވެގެންދާނެއެވެ. އިންސާނާގެ ފުރާނަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި މަތިވެރި ޙުކުމްތަކާއި ޤަވާޢިދުތަކާއި މަބުދައުތަކެއް ކަނޑައަޅުއްވާފައެވެ. މިކަރުދާހުގައި ބަޔާންކޮށްފައިވާނީ އިސްލާމީ ޝަރީޢަތުގެ ނަޒަރުގައި އިންސާނާގެ ފުރާނަ ޙިމާޔަތްކުރުމުގެ މަފްހޫމާއި ފުރާނަ ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މައިގަނޑު ކަންތައްތަކާއި ފުރާނަ ޙިމާޔަތްކުރުމަށް ކަނޑައަޅުއްވާފައިވާ ޝަރުޢީ މަޤުޞަދަށް ބާރު ދިނުމުގެ ގޮތުން މިޒަމާނުގައި ކުރެވިދާނެ ބައެއްކަންކަމުގެ މައްޗަށެވެ. މިގޮތުން އިންސާނާގެ ފުރާނަ ސަލާމަތްކޮށް ދިރިހުރުން ކަށަވަރު ކުރުމަށްޓަކައި ޤުރުއާނާއި ސުންނަތުން ކަނޑައަޅުއްވާފައިވާ ކަންކަމަށް ބާރު ދިނުމަށް، ޤާނޫނީ، ޤަޟާއީ، ޢުމްރާނީ، ޞިއްޙީ، ތިމާވެށި، މިފަދަ ދާއިރާތަކުން ކުރެވިދާނެކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަމުގެ މިސާލު ބަޔާންކޮށްފައިވާނެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މަޤާޞިދުއްޝަރީޢާ އަކީ ފިޤުހީ ފިލާވަޅުތަކެއް އެކަންޏެއްނޫނެވެ. އެއީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގައި ޢަމަލީ ގޮތުން އެކި ދާއިރާތަކުން ފެންނަންޖެހޭ ޙަޤީޤަތްތަކެކެވެ. އިސްލާމްދީނަކީ ޢަމަލީ ދީނެވެ.

މުހިންމު ލަފުޒުތައް: މަޤުޞަދު، ފުރާނަ، ނަފުސު، ޤިޞާޞް، ދިޔަ، ޞިއްޙަތު، ތިމާވެށި، ޙައްޤު، ޢަދުލު، ޤާނޫނު

ފުރާނަ ޙިމާޔަތް ކުރުމުގެ މަފްހޫމު

ފުރާނަ ރައްކާތެރިކުރުން (The preservation of the self/soul) ގެ މަފްހޫމަކީ، އިންސާނާގެ ފުރާނަ ދުއްވާލުމަށް ( ދިރިހުރުން ނެތިކޮށްލުމަށް) ނުޙައްޤުން އެއްވެސް ގެއްލުމެއް ލިބިދާނެފަދަ ކަންކަމުން ފުރާނަ ރައްކާތެރިކުރުމެވެ. (އިބްނު ޢާޝޫރު , 2004)
އިމާމު އިބުނު ޢާޝޫރުގެ އިޞްޠިލާޙުގެ މައްޗަށް ނަޒަރު ހިންގާލުމުން ދޭހަވެގެންދަނީ، އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިންސާނާގެ ދިރިހުރުން ކަށަވަރުކުރުންކަމާއި، ދިރިހުރުމަށް ގެއްލުން ލިބިދާނެ އެންމެހާ ދޮރުތަކެއް އިސްލާމީ ޝަރީޢަތުގައި ބަންދުކޮށްފައިވާކަމެވެ.
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުން އެނގިގެންދަނީ އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ނުހަނު މަތިވެރި ކަމެއްދީފައިވާ ކަމެއްކަމަށެވެ. މިގޮތުން ފުރާނައަށް ދިރުން ހޯދައި ދިނުމަށް ކުރުން ލާޒިމުވެގެންވާ ކަންކަމާއި، ފުރާނައަށް ގެއްލުންލިބޭ ކަންކަމުން ދުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރައްވާފައިވެއެވެ. (ރަޖަބް , 2016)

ނުހައްޤުން އިންސާނާގެ ފުރާނައެއް ދުއްވާލުމަކީ ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެކެވެ. މަންމަގެ ބަނޑުގައި އިންސާނާ ނުޠުފާއެއްގެ ގޮތުގައި ގަރުބަ ގަތީއްސުރެ ފުރާނަ ޙިމާޔަތްކުރުމަށް އިސްލާމީ ޝަރީޢަތުގައި ގޮވާލައްވާފައިވެއެވެ. މިގޮތުން ޝަރުޢީ ޢުޒުރެއް ނެތި ދަރިވެއްޓުން ވެސް ޙަރާމްކުރައްވާފައިވެއެވެ. (ފާރިސް , 2014) މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا) (الإسراء: 33). " އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ."

ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ( رحمه الله ) ވިދާޅުވެފައިވެއެވެ. "ދީނާއި ދުނިޔޭގެ ކަންކަމުގައި ފަސާދަ އުފެދެއެވެ. މިގޮތުން ދުނިޔަވީ ކަންކަމުގައި އުފެދޭ އެންމެ ބޮޑު ފަސާދައަކީ ނުޙައްޤުން ފުރާނައެއް ދުއްވާލުމެވެ. އެހެންކަމުން ނުޙައްޤުން ފުރާނައެއް ދުއްވާލުން ހިމެނިގެން ވަނީ، ކުފުރަށް ފަހު، ދެން އޮންނަ އެންމެ ބޮޑު ފާފަކަމުގައެވެ. ކުފުރަކީ ދީނުގައި އުފެދޭ އެންމެ ބޮޑު ފަސާދައެވެ. (އަލްބަދަވީ, 1999)

އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބަލާއިރު ކޮންމެ ދީނެއްގެ މީހެއްކަމުގައި ވިޔަސް، އެމީހާގެ ފުރާނައަކީ ޙިމާޔަތްކުރެވިގެންވާ އެއްޗެކެވެ. ޞުލްޙަވެރިކަމާއި އަމާންކަމާއެކު، އިސްލާމީ ދައުލަތުގެ ހިޔަލުގައި އުޅޭ، ނުވަތަ އިސްލާމުންނާއެކު ޞުލްޙަވެރިކަމާއެކު އުޅޭ އެންމެހާ މީސްތަކުގެ ފުރާނަ ޙިމާޔަތްކުރުމަކީ ދައުލަތާއި މުޖުތަމަޢާއި އަފުރާދުންގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ.

އިސްލާމީ ޝަރީޢަތައި އިންސާނާގެ ފުރާނަ އަށް ދިރުން ކަށަވަރު ކުރުމަށްޓަކައި ގިނަކަންތައްތަކެއް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކަނޑައަޅުއްވާފައިވާ މައިގަނޑު ކަންކަމުގެ ތެރެއިން ބައެއް މިސާލުތައް ބަޔާންކޮށްލާނަމެވެ.

• އާދަމުގެ ދަރީންނަކީ އިންސާނީ ގޮތުން ކަރާމާތްތެރިކަން ލިބިގެންވާ ބައެއްކަމުގައި ލައްވައި އެންމެހާ އިންސާނުންގެ މެދުގައި ތަފާތުކަމެއް ނެތި، އެންމެންގެ ފުރާނަ އަށް ޙިމާޔަތް ދީފައިވެއެވެ. މާތް ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ) (الإسراء:70) "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." .
މިއާޔަތުން ދޭހަކޮށްދެނީ އިންސާނުންނަކީ މާތް ﷲ މަތިވެރި ކުރައްވާފައިވާ ބައެއްކަމަށެވެ. އެމަތިވެރި ކުރެއްވުން ފުރިހަމަ ވެގެންދަނީ ފުރާނަ ރައްކާތެރިކުރެވިގެންނެވެ. އިންސާނާ ވުޖޫގައި ހުރުމުގެ ޖައުހަރަކީ އޭނާގެ އެ އަގުހުރި ފުރާނައެވެ. އެއްވެސް ކުށެއްނެތި ނުޙައްޤުން ފުރާނަ ދުއްވާލައި އިންސާނީ ކަރާތަށް އަރައިގަތުމަކީ ޖިނާއީ ކުށެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ޢުޤޫބާތް ހުރިކަމެކެވެ.

• އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްތަށް ދިރުން ދިނުން ފަދަ ކަމެއްގެ ގޮތުގައި ލައްވައި، އެއްމެ ފުރާނައެއް ނުޙައްޤުން ދުއްވާލުމަކީ މުޅި އިންސާނިއްޔަތު އެކީގައި ޤަތުލުކުރުން ފަދަ ކަމެއްކަމުގައި ކަންޑައަޅުއްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ ) (المائدة:32) "އެކަމަށްޓަކައި إسـرآئيـل ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.)".

• އަނިޔާއިން ސަލާމަތްވުމަށާއި ފުރާނަ ދިފާޢުކުރުމަށްޓަކައި ޖިހާދުކުރުން ފަރުޟު ކުރައްވާފައިވެއެވެ. އިސްލާމްދީނުގައި ޖިހާދު ފަރުޟު ކުރެއްވުނީ އެހެންދީންތަކުގެ މީހުން ޤަތުލުކުރާކަށް ނޫނެވެ. ކިއެއްތޯ އެވެ. ޖިހާދަކީ އަނިޔާވެރިކަމުން ދިފާޢުވެގަތުމަށް ފަރުޟު ކުރެއްވިކަމެކެވެ. ޖިހާދު ފަރުޟުކުރެއްވުމަށް ބާވާލެއްވި އާޔަތުން މިކަން ހާމަކޮށްދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّـهَ عَلَىٰ نَصْرِهِمْ لَقَدِيرٌ) (الحج: 39) " ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ."

މިއާޔަތުން ދިލާލަތުކޮށްދޭ ގޮތުން ހަނގުރާމަ ވެވެމުންދާ މީހުންނަކީ އަނިޔާލިބިފައިވާ ބައެކެވެ. އަދި އެފަދަ ޙާލަތުގައި ދިފާޢުވެގަތުމަށްޓަކައި ޖިހާދުކުރުމުގެ އިޒުނަ މާތް ﷲ ދެއްވީއެވެ.

• ހަނގުރާމައިގެ ޙާލަތުގައި މަދަނީ ފަރާތްތަކަށް ޙިމާޔަތްދެއްވާފައިވެއެވެ. މިކަން ކަށަވަރުކޮށްދެއްވަމުން އަމީރުލްމުއުމިނީން އަބޫކުރުއްޞިއްދީޤު ހިޖުރައިން ބާރަ ވަނަ އަހަރު ޝާމްކަރައަށް ފޮނުއްވި ލަޝްކަރުގެ މީހުންނާ މުޚާޠަބު ކޮށް ވިދާޅުވެފައިވެއެވެ: ( يَا أَيُّها النَّاسُ، قِفُوا أُوصِيكُم بِعَشْرٍ فَاحْفَظُوهَا عَنِّى: لاَ تَخُونُوا وَلاَ تَغْلُوا، وَلاَ تَغْدُرُوا وَلاَ تُمثِّلوا، وَلاَ تَقْتُلوا طِفْلاً صَغِيراً، وَلاَ شَيخاً كَبِيراً وَلاَ امرأةً، وَلاَ تَعْقِروا نَخْلاً وَلاَ تَحْرِقُوه، وَلاَ تَقْطَعُوا شَجَرَةً مُثْمِرَةً، وَلاَ تَذْبَحُوا شَاةً وَلاَ بَقَرَةً وَلاَ بَعِيراً إلاَّ لِمآكلة) " އޭ މީސްތަކުންނޭވެ! އަޑުއަހަން ތިބޭށެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް މިކުރާ ދިހަ ކަންތައް ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ތިޔަބައިމީހުން ދަސްކުރާށެވެ. ތިޔައިމީހުން ޚިޔާނާތްތެރި ނުވާށެވެ. އަދި ޣަނީމާގެ މުދަލުން ތިޔަބައިމީހުން ވައްކަން ނުކުރާށެވެ. ޣަދަރުވެރި ނުވާށެވެ. މީހުންގެ ގުނަންތައް ބުރިބުރި ނުކުރާށެވެ. ކުޑަ ކުއްޖަކު ޤަތުލު ނުކުރާށެވެ. ޢުމުރުން ދުވަސްވެފައިވާ މުސްކުޅިއަކު، އަދި އަންހެނަކު ވެސް ޤަތުލު ނުކުރާށެވެ. ކަދުރު ރުކެއް އުފުރާ ނުލާށެވެ. އަދި ކަދުރު ރުކެއްގައި ހުޅުޖަހައި އަންދާ ވެސް ނުލާށެވެ. މޭވާ އަޅާ ގަހެއް ކަނޑާ ނުލާށެވެ. ބަކަރިއެއް ވިޔަސް ގެރިއެއް ވިޔަސް ޖަމަލެއް ވިޔަސް، މިއިން އެއްޗެއް ކެއުމުގެ މަޤުޞަދުގައި ނޫނީ ޒަބަޙަ ނުކުރާށެވެ. . (ބަސްޔޫނީ , 2003).

• މާތް ﷲ މަތިވެރިކުރެއްވި ފުރާނަ އަށް ރައްކާތެރިކަން ދެއްވުމުގެ ގޮތުން، ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ޙިމާޔަތްދޭންޖެހެއެވެ. ފަޤީރުކަން ދެކެ ބިރުން ދަރީން ނުމެރުމަށް ވެސް އަންގަވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ) (الأنعام:151) " އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ."

• ނަފްސުގެ އެއްވެސް ގުނަވަނަކަށް ނުޙައްޤުން އަނިޔާއެއްދީފި ނަމަ އެކަމުގެ ޢުޤޫބާތްތައް ކަނޑައަޅުއްވާފައިވެއެވެ. އަދި އެއީ އެންމެހާ ސަމާވީ ރިސާލާތު ތަކުގައި ވެސް ކަނޑައަޅުއްވާފައިވާޙުކުމެއްކަން ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ ) (النساء: 45) " އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ. " ގައި ކަނޑައަޅުއްވާފައިވެއެވެ.

މި ޙުކުމްތަކުގައި ވެސް މަޢާފް ކުރުމާއި ދިޔަ( ކައްފާރާ) ގެ ޙުކުމްތައް ލައްވާފައިވެއެވެ. މިގޮތައް މިކަންކަމުގައި ލުއި ދެއްވާފައިވަނީ ވެސް ޢަދުލުވެރިކަން ޤާއިމު ކުރުމަށާއި އޯގާތެރިކަމާއި ރަޙުމަތުގެ މަބުދައުތައް ނެގެހެއްޓުމަށެވެ.

• ޤިޞާޞްގެ ޙުކުމް ކަނޑައަޅުއްވާފައިވެއެވެ. ނަފްސެއް ނުޙައްޤުން މަރައިފި ނަމަ އެކަމުގައި ޤިޞާޞްގެ ޙުކުމްތައް ވެސް މާތް ﷲ ބާވާލައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ) البقرة: 178) " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ." ފުރާނައަށް ނުޙައްޤުން ގެއްލުންދިނުމުގެ ބަދަލެއްގެ ގޮތުން ކަނޑައަޅުއްވާފައިވާ ޤިޞާޞްގެ ޙުކުމްތަކުގެ ތެރޭގައި މަރަށް މަރު ހިފުން، ނުވަތަ މަރުގެ ދިޔަ ނަގާފައި ޤާތިލަށް މަޢާފުކުން، ނުވަތަ ދިޔައަކާ ނުލައި އެކީ އެކައްޗަކަށް މަޢާފުކުރުމާއި މި ތިން ޙުކުމް ލައްވާފައިވެއެވެ. އެކަންކަން އެގޮތަށް ލައްވާފައިވަނީ ޢަދުލުވެރިކަމެއްގެ ގޮތުންނެވެ. އެޙުކުމްތަކުގެ ތެރެއިން ވަކި ގޮތެއް ޚިޔާރުކުރުމުގެ ބާރު ދީފައިވަނީ މައްޔިތާގެ ވާރިސުންނަށެވެ. އެކަމުގެ ތެރެއަށް ޝަރުޢީ ހަމަތަކުގެ މަތީން ތަދައްޚުލުވުމުގެ ޙައްޤެއް އެހެން ފަރާތަކަށް ލިބިގެން ނުވެއެވެ. މަޢާފު ހޯދައި ދިނުމުގައި މެދުވެރިއެއްގެ ދައުރު އެހެން ފަރާތަކަށް އަދާކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު އޮންނާނީ ސީދާ ވާރިސުންނަށެވެ.

• އަމިއްލަ ނަފްސު މަރާލުން( ދަންޖެހުން) ވެސް އިސްލާމްދީނުގައި ނަހީކުރައްވާފައެވެ. އަމިއްލަ ނަފްސު މަރާލުމަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ބޮޑު ފާފައެކެވެ. އެކަމާ ގުޅިގެން ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. (مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدا فِيهَا أَبَدا. وَمَنْ شَرِبَ سمّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدا مُخَلَّدا فِيهَا أَبَدا. وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدا مُخَلَّدا فِيهَا أَبَدا) أخرجه مسلم (109) ދަނގަޑުން (ކަތިވަޅި، ކަނޑި އެނޫންވެސް ވަސީލަތަކުން) ޖަހައި އަމިއްލަ ނަފްސު މަރައިފި މީހާ ޤިޔާމަތް ދުވަހުން އެ އިން އޭނާގެ ބަނޑުގައި ޖަހަ ޖަހައި އަބަދަށް ނަރަކައިގައި އޮންނާނެއެވެ. އަދި ޒަހަރެއް ބޮއެގެން އަމިއްލަ ނަފްސު މަރައިފި މީހާ އޭގެ އަސަރާއެކު އަބަދަށް ނަރަކައިގައި އޮންނާނެއެވެ. އަދި ފަރުބަދައެއްގެ މައްޗަށް( އުސްތަނަކަށް) އަރައި ފުއްމާލައިގެން އަމިއްލަ ނަފްސު މަރައިފި މީހާ ވެސް އަބަދައްޓަކައި ނަރަކައިގައި ލެއްވޭނެއެވެ.

މިކަންކަމުގެ އިތުރުންވެސް، މީހުން މަރައި މަގުފޭރުމާއި، ނުޙައްޤުން އެކަކު އަނެކަކަށް ހަނގުރާމަކުރުމާއި ނުޙައްޤުން ލޭ އޮހޮރުވުން ފަދަ ކަންކަން ވެސް ޙަރާމްކުރައްވާފައިވެއެވެ. އަދި ޙަރާމްކުރައްވާފައިވާ ތަކެތި ވެސް ފުރާނަ ސަލާމާތްކުރަންޖެހޭ ފަދަ ޟަރޫރީ ޙާލަތުގައި ހުއްދަކޮށްފައިވުމާއި، ފުރާނަ ސަލާމަތްކުރުމަށްޓަކައި، މަޖްބޫރީ ޙާލަތެއްގައި، ހިތުގައި އީމާންކަން ސިއްރުކޮށް، ދުލުން ކުފުރުގެ ބަހެއް ބުނުން ވެސް އިސްލާމީ ޝަރީޢަތުގައި ޖާއިޒު ކުރައްވާފައިވެއެވެ. މިކަންކަމުން ދޭހަވަނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި ދަރަޖައެވެ.

އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ނުހަނު މަތިވެރި މުހިންމު ކަމެއް ދެއްވާފައިވެއެވެ. ފުރާނަގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައްޔާއި ގެއްލުންހުރި ކަންކަމުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ޙުކުމްތައް ކަނޑައަޅުއްވާފައިވެއެވެ. އެހެނީ އިންސާނާއަކީ މި ބިންމަތީގައި ﷲ ލައްވާފައިވާ މުކައްލަފު ކަމުން އޭނާ އަށް ގެއްލުން ލިބުމަކީ ﷲ އެއްކައުވަންތަކުރާ މުކައްލަފު ނެތިވެގެން ދިއުމެވެ. އިންސާނާ ނެތިވެ ދިއުމަކީ ބިން މަތިން ދީން ނެތިވެ ދިއުމެވެ. (އަލްޔޫބީ , 1998)

ފުރާނައަށް ދިރުން ހޯދައި ދިނުމަށްޓައި މިޒަމާނުގައި ކުރެވިދާނެ ކަންކަން

އިސްވެ ބަޔާންވެ ދިޔައީ އިންސާނާގެ ފުރާނައިގެ ޤަދަރު ދަމަހައްޓައި ފުރާނަ ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރެއިން މުހިންމު މިސާލު ތަކެކެވެ. ފުރާނައަށް ދިރުން ހޯދައި ދިނުމަށްޓަކައި ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ކަންކަމަށް ބާރުދިނުމުގެ ގޮތުން މިޒަމާނުގައި ގިނަ ކަންތައްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ. އިސްލާމްދީނަކީ އަޅުކަމުގެ ދީނެއް އެކަންޏެއްނޫނެވެ. އިންސާނާގެ ޙަޔާތުގެ އެންމެހާ ކަމެއްގައި އިސްލާމްދީން ތަންފީޒު ކުރެވެންޖެހެއެވެ.

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކަކީ ވެސް އިންސާނާގެ ޙަޔާތުގެ ހުރިހާ ދާއިރާއެއްގެ މަޞްލަޙަތުތައް ދަމަހައްޓަން ކަނޑައެޅިގެންވާ މަޤުޞަދުތަކެކެވެ. މިހެންކަމުން އެއިން ކޮންމެ މަޤުޞަދެއް ރައްކާތެރިކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ކަންކަން ޤާއިމު ކުރުމުގެ އިތުރުން އެކަންކަމަށް ބާރު ދިނުމަށްޓަކައި މިޒަމާނުގައި ވެސް މުހިންމުކަން ދެވިދާނެ ކަންކަން އެބަހުއްޓެވެ. މިގޮތުން ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަން ދަންނަވާލާނަމެވެ.

އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ޤާނޫނީ ގޮތުން ދައުލަތުގެ ފެންވަރުގައި ކުރެވެންހުންނަ ކަންކަން ކުރުމާއި އެމަގަށް ޤާނޫނުތައް ހެދުމާއި އިސްލާމީ ޝަރީޢަތުގައި ފުރާނަ ސަލާމަތްކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ މަބުދައުތަކާއި ޙުކުމްތައް ނަގަހައްޓައި ދަމަހައްޓަންޖެހޭނެއެވެ.
ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ އަމާން މާޙައުލެއް ޤާއިމުކޮށް، އަމާންކަން ޤާއިމު ކުރެވޭނޭ ވަރުގެ ވަސީލަތްތަކާއެކު މުއައްސަސާތައް ޤާއިމުކުރުމާއި އިންސާނާގެ ފުރާނައާއި ހަށިގަނޑަށް ގެއްލުންދޭ ފަރާތްތަކުގެ މައްޗަށް ޤާނޫނު ހިންގުމުގައި ފަހަތައް ނުޖެހުމާއި، އެފަދަ ފަރާތްތަކުގެ މައްޗަށް އިންޞާފު ޤާއިމު ކުރާނޭ ހަރުދަނާ ޤަޟާއީ ނިޒާމެއް ޤާއިމުކުރުމެވެ.
އިންސާނާ ދިރިހުރުން ކަށަވަރު ކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުންކަމުން، ޞިއްޙަތަށް ފައިދާހުރި ކާނާއާއި ފަރުވާ ފޯރުކޮށްދިނުމާއި އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި މަޝްރޫޢުތައް ޤާއިމު ކުރަންޖެހެއެވެ.

މިގޮތުން ރަނގަޅު ކާނާ ލިބޭނޭ މަގު ފަހިކޮށްދިނުމާއި ފުދުންތެރިކަންކުޑަ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަނގަޅު ޞިއްޙީ ފަރުވާ ދެވޭނޭ ޒަމާނީ ހަރުދަނާ ނިޒާމު ޤާއިމު ކުރުމާއި ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ހޮސްޕިޓަލްތައް ޤާއިމުކޮށް އަގުހެޔޮކޮށް ފަރުވާ ލިބޭނޭ ގޮތް ހެދުމަކީ އިސްލާމީ ޝަރީޢަތުގައި ފުރާނަ ރައްކާތެރިކޮށް ދިރުން ދިނުމަށް ކަނޑައަޅާފައިވާ މަޤުޞަދުތައް މަތިވެރިކޮށް އެއަށް ބާރު ދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ކަމުގައި ދެކެމެވެ.

އަދި ގައިން ގަޔަށް އަރާ ބަލި މަޑުކަމުގެ ވަބާއެއް ފެތުރިފައިވާ ޙާލަތުގައި ގައިދުރުކަން ދެމެހެއްޓުމާއި ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅެއް އެޅުމަކީ ވެސް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ފުރާނަ ޙިމާޔަތްކުރުމުގެ މަޤުޞަދަށް ވަރަށް ބޮޑަށް ބާރު ދެވޭނެ ކަންތައްތަކެއް ކަމުގައި ފިޤުހުރުވެރިން ބަޔާންކުރައްވާފައިވެއެވެ.

ތިމާވެއްޓަކީ ވެސް އިންސާނާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބާރު ލިބޭ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މިހެންކަމުން ތިމާވެށި ޙިމާޔަތް ކުރުމާއި ސާފު ވައި ލިބޭނޭ ގޮތް ހެދުމާއި ހަނަފަސްކަން ފިލުވުމާއި ގަސްގަހާ ގެހި އިތުރުކޮށް ކުނި ބުނި ނައްތާލަން ޖެހޭނެއެވެ. ތިމާވެށި ޙިމާޔަތްކުރުމަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި ކަމެއް ދީފައިވާ ކަމެކެވެ. އެއާއެކު އިޖުތިމާޢީ ގޮތުން އިސްލާމްދީނުގެ އަޚުލާޤިއްޔާތު ދެމެހެއްޓުމާއި މަގުމައްޗަށް ކުނި އެޅުމާއި މަގުމައްޗަށް ޤަޟާ ޙާޖާ ކުރުމާއި ކުޅު ޖެހުން ފަދަ ބަލި ފެތުރޭނެ އެންމެހާ ދޮރުތައް ބަންދުކުރަންޖެހޭނެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިންސާނާގެ ނަފްސަށާއި ފުރާނައަށް ގެއްލުން ހުރި ކަމެއްކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވަން މަސައްކަތްކޮށް އެކަމަށް މަގު ފަހިކުރުވާ އެހެނިހެން ދޮރުތައް ވެސް ބަންދު ކުރަންޖެހެއެވެ. މަސްތުވާ ތަކެއްޗަކީ ވެސް އިންސާނާގެ ފުރާނައަށް ނުރައްކާވާ އެއްޗެއްކަމުން، މަސްތުވާތަކެތީގެ އެންމެހާ މުޢާމަލާތެއް ހުއްޓުވުމާއި، ޤާނޫނުތަކުގެ އަލީގައި މުޖުތަމަޢަށް ރައްކާތެރިކަން ހޯދައިދޭންޖެހެއެވެ.

ޝަރުޢީ އިމުން ބޭނުން ޖިންސީ މުޢާމަލާތު ހިންގުމަކީ އެއިޑްސްއާ ގައިންގަޔަށް އަރާ އެފަދަ އެނޫން ވެސް ބަލި ބަލި ފެތުރުމަށް މެދުވެރިވާ ސަބަބެއްކަމުން އެކަންކަމުން ވެސް މުޖުތަމަޢު ސަލާމަތްކުރަންޖެހޭނެއެވެ. އެފަދަ ބަލިބައްޔަކީ ވެސް އިންސާނާގެ ފުރާނައަށް ނުރައްކާ ބަލިބައްޔެވެ.

ދާއިމީ ބަލީގައި އުޅެމުންދާ ފަރާތްތަކަށް އެހީތެރިވުމާއި ލޭ ހަދިޔާކުރުމާއި މިފަދަ ކޮންމެ ކަމަކީ ވެސް ފުރާނައަށް ދިރުން ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމެވެ. އަދި ލޭ ހަދިޔާކުރުމަކީ ޚާއްޞަކޮށް ނުހަނު މަތިވެރި ސަވާބު އެކަމުގައި ހުރިކަމެވެ. އެންމެ ފުރާނަ އަކަށް ދިރުން ހޯދައި ދިނުމަށް އެހީތެރިވުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ހޯދައި ދިނުން ފަދަ ކަމެކެވެ.

ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ކަސްރަތު ކުރުމާއި ކުޅިވަރު ކުރުމާއި އުފާވެރި ދިރިއުޅުމަށް މަގުފަހިކޮށްދޭ އެންމެހާ ކަންކަމަކީ ވެސް އިންސާނާ އަށް ހިންހަމަޖެހުން ހޯދައިދޭނެ ކަންކަމެވެ. އެކަންކަމަކީ ފުރާނައާއި ހަށިގަނޑާއި ނަފްސު ހެޔޮގޮތުގައި ދެމެހެއްޓުމަށް މަގުފަހިވާނެ ކަންކަމެވެ.

މި ދެންނެވި ކަންކަމަކީ އިސްލާމްދީނުގެ ތަފާތު ނުޞޫޞްތަކުން، އެކަންކަމަށް ބާރު ލިބިދޭ ކަންކަމެވެ. އެކަންކަމަށް ޤުރުއާނާއި ސުންނަތުން ކިތައްމެ ދަލީލެއް އެބަހުއްޓެވެ. އެދަލީލުތަކުގެ އަލީގައި މިޒަމާނުގެ ޙަޟާރަތާއި ޢުމްރާނީ، ފިކުރީ، ކުރިއެރުންތަކުގެ ތެރެއިން އިސްލާމީ ޝަރީޢަތުގައި ފުރާނަ ޙިމާޔަތްކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ މަޤުޞަދާއި މަބުދައުތަކަށް ބާރުދެވިދާނެއެވެ. ކުރަންވީކަމަކީ އެކަންކަމާމެދު އަޅުގަނޑު މެން ދެކޭ ގޮތް އިސްލާމީ އުޞޫލުތަކުގެ އަލީގައި ތަރައްޤީކުރުމެވެ. (ނުނިމޭ)


ރެފަރެންސް:
ރަޖަބް , ޢ. (28/1/2016). އަންވާޢުލްމަޤާޞީދި ވަލްޙާޖަތު އިލައިހާ. ޙިފްޡުލްޢަޤްލި, p. 2.
ބަސްޔޫނީ , މ. (2003). އަލްވަޘާއިޤުއްދައުލިއްޔާ ބި ޙުޤޫޤިލްއިންސާނި. އަލްޤާހިރާ : ދާރުއްޝުރޫޤު .
އިބްނު ޢާޝޫރު , މ. (2004). މަޤާޞިދުއްޝަރީޢަތިލްއިސްލާމިއްޔާ. އައްދައުޙާ: ވުޒާރަތުއްޝުއޫނިލްއިސްލާމިއްޔާ.
އަލްބަދަވީ, ޔ. (1999). މަޤާޞިދުއްޝަރީޢާ ޢިންދަ އިބްނު ތައިމިއްޔާ. ޖޯޑަން: ދާރުއްނަފާއިސް.
އަލްޔޫބީ , މ. (1998). މަޤާޞިދުއްޝަރީޢަތި ވަޢަލާޤަތުހާ ބިލް އަދިއްލަތިއްޝަރުޢިއްޔާ. އައްރިޔާޟު: ދާރުލްހިޖްރާ ލިއްނަޝްރި.
ފާރިސް , ޠ. (2014). މަޤާޞިދުއްތަޝްރީޢިލްޖިނާއީ ފިލްއިސްލާމި. އައްޝާރިޤާ: ޖާމިޢަތުއްޝާރިޤާ.