ދުނިޔެ

އެމެރިކާއިން ސީރިޔާ ހަނގުރާމަވެރިން ތަމްރީނު ކުރުން ހުއްޓާލަނީ


ވޮޝިންޓަން (ބީބީސީ) - ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އިދިކޮޅު ހަނގުރާމަވެރިން ތަމްރީނު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އިދިކޮޅު ހަނގުރާމަވެރި ގުރޫޕް ތަކަށް ހަނގުރާމަވެރިން ވެއްދުމާއި އެމީހުންނަށް އަސްކަރީ ތަމްރީނު ދިނުމުގެ ބަދަލުގައި ދެން އެމެރިކާއިން އެ ފަރާތްތަކަށް ދޭނީ ހަނގުރާމަލއިގެ އާލާތްތަކާއި ހަތިޔާރެވެ. އެހެން ނަމަވެސް މިގޮތަށް ފޯރުކޮއްދޭ ހަތިޔާރު ވެސް އައިއެސް ފަދަ ޖަމާއަތް ތަކަށް ނުސީދާ މަގުތަކުން ލިބިދާނެތީ އެމެރިކާ ކަންބޮޑުވެއެވެ. އެހެން ކަމުން މިހާރު އެމެރިކާ ބޭނުންވަނީ ހަމައެކަނި ވަރަށް "ބޭސިކް" ހަތިޔާރު ނޫނީ ރިބެލް ގުރޫޕު ތަކަށް ނުދޭށެވެ.

އެމެރިކާއިން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ފޭލި ވެފައިވާ ކަމަށް އޮބާމާ ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އެމެރިކާއިން ކުރިން ބުނެފައި ވަނީ ސޯމާލިއާ އާއި ޔަމަނު ފަދަ "ފެއިލްޑް ސްޓޭޓަކަށް" ސީރިޔާ ވިޔަ ނުދިނުމަށް އެމެރިކާއިން އެގައުމުގެ ދައުރު އަދާ ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އިރާގާއި އަފްގާނިސްތާނުގައި އެމެރިކާއަށް ލިބުނީ ނާކާމިޔާބު ކަމަށް ހުދު އެމެރިކާގެ ސިޔާސީ ފަރާތްތަކުން ވެސް ދެކޭއިރު، ސީރިޔާގައި އެކަން ތަކުރާރު ވެދާނެ ކަމަށް އެމެރިކާ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.