އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އާގްރާގައި ދިރިއުޅޭ ދެމަފިރިއަކަށް ލިބުނު ދަރިފުޅު އެއްލައްކަ ރުޕީސް އަށް ވިއްކާލައިފި އެވެ.
ޓައިމްސް އޮފް އިންޑިޔާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި ދެމަފިރިން އެމީހުންގެ ދަރިފުޅު ވިއްކާލީ ހޮސްޕިޓަލަށެވެ. އެއީ އަންހެންމީހާ ވިހަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ދުވަސް ތަކަށް ހޮސްޕިޓަލުގެ ބިލް ތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން ހަދާނެ ގޮތް ހުސްވެގެން ކުރި ކަމެކެވެ.
އެ މީހުންގެ ދަރިފުޅު ހޮސްޕިޓަލަށް ވިއްކާލީ ކަމަށް ދެމަފިރިން ދައްކާ ވާޙަކަ އެ ހޮސްޕިޓަލުން ދޮގު ކުރެ އެވެ. ހޮސްޕިޓަލުން ބުނީ އެޑޮޕްޓްކުރަން ބަޔަކަށް ދޭށޭ ކިޔާފައި އެ ދެމަފިރިން އެ ކުއްޖާ ހޮސްޕިޓަލާ ހަވާލު ކުރީ ކަމަށެވެ. މި ޚަބަރުގައި ބުނެފައިވާ ގޮތުގައި 36 އަހަރުގެ ބަބީތާ މި ކުއްޖާ ވިހެއީ ސިޒޭރިއަން ހަދައިގެންނެވެ. މިދިޔަ ހަފުތާގައި އުފަންވި މި ކުއްޖާ އަކީ ފިރިހެން ކުއްޖެކެވެ. ސިޒޭރިއަން ހެދުމަށާއި ބޭހަށް 35،000 ރުޕީސް ހޮސްޕިޓަލަށް ދައްކަން ޖެހެ އެވެ. ނަމަވެސް ބަބީތާ އަތުގައި ވެސް އަދި އޭނާގެ ފިރިމީހާގެ އަތުގައި ވެސް މިވަރަކަށް ފައިސާއެއް ނެތެވެ.
ދެމަފިރިން ބުނާ ގޮތުގައި އެ މީހުންނަށް ހޮސްޕިޓަލުގެ ބިލްތަކަށް ފައިސާ ނުދެއްކިގެން އުޅެން ފެށީމަ ކުއްޖާ އެއް ލައްކަ ރުޕީސް އަށް ވިއްކާލުމުގެ ޚިޔާލު ދިނީ ހޮސްޕިޓަލުންނެވެ. ނަމަވެސް އަންހެންމީހާ ސިޒޭރިއަން ހަދައިގެން އޮތް ޖޭޕީ ހޮސްޕިޓަލުގެ މެނޭޖަރު ސީމާ ގުޕްތާ މި ދެމަފިރިން ދައްކާ ވާޙަކަތައް ދޮގު ކުރެ އެވެ. އޭނާ ބުނި ގޮތުގައި ކުއްޖާ ހޮސްޕިޓަލާ ހަވާލުކުރަން އެ ކުއްޖާގެ މައިންބަފައިންނަކަށް ހޮސްޕިޓަލުން މަޖްބޫރެއް ނުކުރެ އެވެ. އެ ކުއްޖާ ހޮސްޕިޓަލާ ހަވާލުކުރީ އެ ކުއްޖާގެ ބައްޕަ އަމިއްލައަށް ބޭނުންވެގެންނެވެ. ކުއްޖާ ހޮސްޕިޓަލަށް ދެނީ އެއްވެސް މަޖްބޫރުކަމެއް ނެތި ކަމަށް ބުނެ އެ ދެމަފިރިން ސޮއިކޮށްފައިވާ އެއްބަސްވުން ހޮސްޕިޓަލުގައި އެބައޮތް ކަމަށް ވެސް މެނޭޖަރު ބުންޏެވެ.
ބަބީތާ ވިހެއީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ 6.45 ހާއިރު އެވެ. ލިޔަން ކިޔަން ނޭނގޭ މި ދެމަފިރިން ބުނި ގޮތުގައި ހޮސްޕިޓަލުން ދެއްކި ލިޔުންތަކެއްގައި އެމީހުންނަށް ސޮއިކުރަން ވެސް ނޭނގޭތީ ބޮޑުވައިއިނގިލީގެ ނިޝާން ޖެހި ކަމަށެވެ. އަދި ޑިސްޗާޖްކޮށްފައި ވެސް ހޮސްޕިޓަލުން އެމީހުންނަށް އެއްވެސް ލިޔުމެއް ނުދޭ ކަމަށް އެ ދެމަފިރިން ބުންޏެވެ.
ހޮސްޕިޓަލުން އެ މީހުންނަށް އެއް ލައްކަ ރުޕީސް ދިން ކަމަށާއި އެ ފައިސާއިން ހޮސްޕިޓަލު ބިލްތައް ދައްކާފައި ދަރިފުޅު ހަވާލުކޮށްފައި އެމީހުން ގެޔަށް ދިޔައީ ކަމަށް ދެމަފިރިން ބުންޏެވެ.
މިހާރު މި މައްސަލަ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ބަލަމުން ގެންދާއިރު މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އަދި މި މައްސަލައިގެ ވަރަށް ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މުނިސިޕަލް ވޯޑް ކައުންސެލާ ހަރީ މޯހަން އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ހޮސްޕިޓަލު ބިލްތައް ނުދެއްކިގެން ދެމަފިރިން ދަރިފުޅު ހޮސްޕިޓަލަށް ވިއްކާލިކަން އޭނާއަށް ވެސް އޮތީ އެނގިފަ އެވެ.
ޝިވް އާއި އަންހެން ބަބީތާ ދިރިއުޅެނީ ކުއްޔަށް ހިފައިގެން އުޅޭ ކުޑަ ތަންކޮޅެއްގައި އެ މީހުންގެ ފަސް ދަރިންނާ އެކުގަ އެވެ. ރިކްޝާ ދުއްވައިގެން ޝިވް އަށް ލިބެނީ ދުވާލަކު އެވްރެޖްކޮށް 100 ރުޕީސް އެވެ. އަދި ފަގީރުންނަށް ލިބޭ އެއްވެސް އިންޝުއަރެންސެއް އެމީހުންނަށް ނުލިބޭކަމަށް އެ ދެމަފިރިން ބުންޏެވެ.
މި ދެމަފިރިންގެ އެންމެ ދޮށީ ފިރިހެން ދަރިފުޅަށް 18 އަހަރެވެ. އޭނާ ވެސް ކުރިން އުޅެނީ ބޫޓު ހަދާ ފެކްޓްރީއެއްގައި މަސައްކަތު މީހެއްގެ ވަޒީފާގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވަޒފާ ގެއްލުނީ އެވެ. އޭގެ ފަހުން ދެމަފިރިންނާއި އާއިލާ އަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުދޭ ވަރަށް ވެސް އެމީހުންނަށް ފައިސާއެއް ނުލިބެ އެވެ.
ނަމަވެސް ދަރިފުޅު ވިއްކާލަން ބަބީތާ ބޭނުމެއް ނޫނެވެ. ހޮސްޕިޓަލު ބިލަށް ދައްކަން ޖެހޭ ފައިސާކޮޅު ކޮންމެވެސް ގޮތަކުން ހޯދައިގެން އެ ފައިސާ ދައްކާފައި ދަރިފުޅު އަނބުރާ ހޯދަން އޭނާ ބޭނުމެވެ.