ހަރުފަޔާ ގުޅޭ ވަރަށް ތަފާތު އަޖައިބު ހާދިސާތައް ވަރަށް ގިނައިން އިވެމުން ދެއެވެ. ނަމަވެސް މި ފަހަރުގެ ވާހަކައަކީ ކުރިން އިވިފައިވާ ވާހަކަތަކަށް ވުރެ ވެސް ހައިރާން ކުރުވަނިވި ހާދިސާ އެކެވެ. ހަރުފައެއް އިންސާނަކާ އަޅައިގަނެގެން އުޅޭ ވާހަކަ އެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ދިރިއުޅޭ 17 އަހަރުގެ ޔާޝްރާޖް މިޝްރާގެ ފަހަތުން ހަރުފައެއް އަޅުވާލައިގެން އުޅޭ ވާހަކަ އެވެ. މި ކުއްޖާގެ ގަޔަށް ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި އަށް ފަހަރު ހަމަ އެއް ހަރުފައެއް ވިހަލާފައި ވެއެވެ. އަދި ވިހަލާ ކޮންމެ ފަހަރަކު މި ކުއްޖާގެ ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ކުއްޖާގެ ގަޔަށް އެންމެ ފަހުން ހަރުފަ ވިހަލާފައި ވަނީ މީގެ ހަފުތާއެއް ކުރިންނެވެ. އެ ފަހަރު ވިހަލައިގެން ހާލު ބޮޑުވެ އަދިވެސް މި ކުއްޖާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
"މަގޭ ދަރިފުޅު ގަޔަށް ތިން ވަނަ ފަހަރަށް އެ ހަރުފަ ވިހަލުމުން އަހަރެން ކުރި ކަމަކީ ބަހާދުރުޕޫރު ވިލެޖުގައި ހުންނަ އަހަރެންގެ ތިމާގެ މީހެއް ކައިރިއަށް ދަރިފުޅު ފޮނުވާލީ. ނަމަވެސް އެ އަވަށުގައި ދަރިފުޅު ހުންނަތާ މަ ގިނަ ދުވަހެއް ނުވެ ހަމަ އެ ހަރުފަ ދަރިފުޅު ހުރި ގޭ ދޮށުން ވަނީ ފެނިފައި. އަދި އޭނާގެ ގަޔަށް ހަރުފަ ވިހަލައިގެން އަނެއްކާ ހޮސްޕިޓަލަށް ގެންދަން ޖެހުނު،" ޔާޝްރާޖްގެ ބައްޕަ ޗަންދުރަމޯލީ މިޝްރާ ބުންޏެވެ.
އެ ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެ އަވަށުގެ ޑޮކްޓަރަށް ދައްކައިގެން ކުއްޖާއަށް ވަރަށް ގިނަ ފަހަރު ފަރުވާ ދީފައިވާ ކަމަށާއި ހަރުފަ ނައްޓާ މީހުން ލައްވާ ވެސް އެކި ކަހަލަ ކަންތައް ކޮށް އެ ހަރުފަ ކުއްޖާއާ އަވަލަވާފައިވާ އަވަލެވުމުން ސަލާމަތް ވޭތޯ ވަރަށް މަސައްކަތް ކޮށްފި ކަމަށެވެ.
"އަހަރެމެންނަކަށް ނޭނގެ މި ކުއްޖާ ފަހަތުން ހަރުފަ އަޅުވާލައިގެން މި އުޅޭ ސަބަބެއް. މިކަމާހުރެ ދަރިފުޅަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފައި. އަބަދު ހުންނަނީ ހަރުފަ އަތުވެދާނެތީ ބިރުން ސިހި ސިހި. އަހަރެމެންނަށް މިކަމުން ސަލާމަތް ވޭތޯ ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެ. ނަމަވެސް އެއްވެސް ކަމަކުން އަދި ނަތީޖާއެއް ނުފެނޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ.