ސައިންސް

ދުނިޔެއާ ދިމާލަށް ބޮޑު ގިނިހިލައެއް!

ލަންޑަން (ދަ ސަން) -- ދުނިޔެއާ ދިމާލަށް ބޮޑު ގިނި ހިލައެއް ދަތުރު ކުރަމުން އަންނަ ކަމަށާއި އެއިން ދުނިޔެ ސަލާމަތްވާނީ ހަމަ ކިރިޔާ ކަމަށް ނާސާގެ ސައިންސްވެރިން ބުނެފި އެވެ.

ގަޑިޔަކު 40،000 މޭލު ބާރު މިނުގައި ދަތުރުކުރަމުންދާ މި ގިނިހިލަ ދުނިޔެއާ ވަރަށް ކައިރިން ދަތުރުކޮށް ދުނިޔެ ފަސްދީ ދާނީ މާދަމާގެ ވަގުތެއްގަ އެވެ. މި ގިނިހިލައިގެ ފުޅާ މިނުގައި ދެ މޭލު ވަރު ހުންނާނެ ކަމަށް ސައިންސްވެރިން ލަފާ ކުރެއެވެ.

މި ގިނި ހިލަ ފުރަތަމަ ސައިންސްވެރިންނަށް ހޯދުނީ މީގެ 16 އަހަރު ކުރިންނެވެ. މާދަމާ ދުނިޔެއާ ކައިރިން މި ދަތުރު ކުރާ ގިނިހިލަ އަކީ ދުނިޔެއަށް ހުރި ނުރައްކަލެއް ކަމަށް ބެލެވޭ 1862 އެޕޯލޯ ފަދަ ބޮޑު އޮބްޖެކްޓެކެވެ. މިވަރުގެ ބޮޑު ގިނި ހިލައެއް ދުނިޔެއާ ފުށުއަރައިފި ނަމަ ދުނިޔޭގެ ދިރުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.

މާދަމާ ދުނިޔެ ފަސްދީ ދަތުރު ކުރާ މި ގިނިހިލަ ދަތުރު ކުރާނީ ދުނިޔެއާ 16 މިލިއަން މޭލު ދުރުންނެވެ. ޖައްވީ މިންގަނޑުން ބަލާއިރު މިއީ "ނިއާ އާތު" ހާދިސާއެކެވެ. ނުވަތަ ހަމަ ކިރިޔާ ހަނި ގޮތަކަށް ދުނިޔެ ސަލާމަތްވާ ސަލާމަތް ވުމެކެވެ.

ބައެއް ފަރާތްތަކުން މި ގިނި ހިލައާއި ގުޅުވައިގެން ދުނިޔެ ނިމެނީ ކަމަށް ބުނެ މީހުންގެ މެދުގައި ބިރުވެރިކަން ފަތުރަމުން ދާތީ ނާސާއިން ވަނީ މިކަން ސާފުކޮށްދީފަ އެވެ. ނާސާއިން ބުނެފައި ވަނީ މި ގިނި ހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.