ހަބަރު

ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ގާޒީއެއް

Sep 2, 2020
1

ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީއަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެ ކޯޓުގެ ގާޒީ ކަމަށް ދީބާނާޒް އާއި ސ. ހުޅުދޫ ހެޕީޑްރީމް މުހައްމަދު މިސްބާހު އައްޔަނުކޮށްފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއީ ކްރިމިނަލް ކޯޓުގެ ގާޒީކަން އަންހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރެވެ.

ގާނޫނީ ދާއިރާއިން ޑިގްރީ އާއި މާސްޓާސް ހާސިލު ކުރައްވާފައިވާ ދީބަނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ދެން މިއަދު ގާޒީކަމަށް އައްޔަނުކުރެވުނު މިސްބާހު އަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލު ކުރައްވައިގެން، ޕަބްލިކް ޕްރޮސެކިޔުޓަރެއްގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ވެސް ގާނޫނީ ވަކީލުންކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މި ދެ ބޭފުޅުންނާއެކު މިހާރު ކްރިމިނަލް ކޯޓުގައި 11 ގާޒީން ތިއްބަވާނެ އެވެ.