މިހާތަނަށް އަދި ޝިފާއެއް ހޯދިފައި ނުވާ ކޮވިޑް ބައްޔަށް ފުރިހަމަ ވެކްސިނެއް ހޯދުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކާއި ގުޅިގެން އެމެރިކާއިން ދެން މަސައްކަތް ނުކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
ދުނިޔެއަށް ކޮވިޑް ލައިގަތް ހިސާބުން އެމެރިކާއިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ދެކޮޅަށް ވާހަކަ ދައްކަން ފަށާފަ އެވެ. ބުދަ ދުވަހު ވައިޓް ހައުސްގެ ތަރުޖަމާން ޖޫޑް ޑީރޭ ވިދާޅުވީ ޑަބްލިއުއެޗްއޯ އާއި އެނޫން ވެސް ގިނަ ބަޔަކާއި ގުޅިގެން ކޮވިޑަށް ވެކްސިނެއް އުފައްދާ އެހެން ގައުމުތަކަށް ދިނުމުގައި އެމެރިކާ ދެން ބައިވެރި ނުވާނެ ކަމަށެވެ.
ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުން ވަނީ ގުޅިގެން ކުރާ މަސައްކަތެއްގައި ކޮވިޑްއަށް ވެކްސިނެއް ހޯދަން މަސައްކަތް ފަށާފަ އެވެ. މިގޮތުން "ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ" ނުވަތަ ކޮވެކްސް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮވިޑަށް ވެކްސިނެއް ހޯދަން އެމެރިކާ އިން ކުރާ މަސައްކަތަކީ އެކަނި ކުރާނެ މަސްކަތަކަށް ހަދަން ނިންމާފައިވާކަން އެންމެ ފުރަތަމަ އާންމުކުރީ އެމެރިކާގެ ބޮޑު އެއް ނޫސް ކަމަށްވާ ވޮޝިންޓަން ޕޯސްޓް މެދުވެރިކޮށެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހު އެމެރިކާއިން ޑަބްލިއުއެޗްއޯ އިން ވަކިވާނެކަން ވެސް އިއުލާން ކުރިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޑަބްލިއުއެޗްއޯ ވަރަށް ބޮޑަށް ކޮރަޕްޓްވެފައި ކަމަށާއި އެ ޖަމާއަތުގެ ހުރިހާ ގުނަވަނެއްގައި ޗައިނާގެ ނުފޫޒު މިހާރު މާ ބޮޑަށް ގަދަވެފައިވާ ކަމަށެވެ. ޑަބްލިއުއެޗްއޯއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކޮވިޑް ފެށުނު ހިސާބުން ފެށިގެން ވެސް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން ބައެއް ގައުމުތަކުން މަސައްކަތްކުރަމުން ދާއިރު އަނެއްބައި ގައުމުތަކުން ދަނީ މި ބައްޔާއި ދެކޮޅަށް ކާމިޔާބު މަސްކަތްތަކެއް ކުރެވޭތޯ ގަަދައަޅައި މަސައްކަތް ކުރަމުންނެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ވަކި ކުންފުނިތަކަކާއި ގުޅިގެން ކޮވިޑް-19 އަށް ވެކްސިންއެއް ހޯދަން މަސައްކަތްކުރާ ގައުމުތަކަށް ވެސް ކޮވެކްސް އާއި ގުޅުމުންފައިދާ ވާނެ އެވެ. އެއީ ވަކިވަކި ކުންފުނިތަކާއި ގުޅިގެން އުފައްދާ ވެކްސިން ނާކާމިޔާބުވެއްޖެނަމަ ކޮވެކްސް އިން ބެކަޕް ވެކްސިނެއް ލިބޭނެތީ އެވެ.
އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި މޮޑޭނާއިން ދަނީ އެމީހުން އުފައްދާ ވެކްސިންގެ ޓްރަޔަލްގެ ތިންވަނަ ފޭސްގެ މަސައްކަތް ކުރަމުންނެވެ. އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމުގައިވާ އަސްޓްރާޒެނެކާ އިން ބުނެފައި ވަނީ އެމީހުން އުފައްދާ ވެކްސިންގެ ވެސް ފައިނަލް ސްޓޭޖަށް ދެވިފައިވާ ކަމަށެވެ.
ރަޝިއާ، ޗައިނާ އިން ވަނީ އެ މީހުންގެ ދެ ވެކްސިނެއް އިއުލާން ރަޖިސްޓަރީ ކޮށްފަ އެވެ. އަދި އޮސްޓްރޭލިއާއިން ބުނެފައިވަނީ ވެކްސިނުގެ ތިންވަނަ ފޭސްގައި މަސައްކަތް އޮތް ކަމަށެވެ.