ރައީސް މުހައްމަދު ނަޝީދު

މިނިވަންކަން ދެމެހެއްޓިފައިވަނީ ރާއްޖެ-އިންޑިއާ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން: ނަޝީދު

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ކުރިޔަށް ދެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި-އިންޑިއާ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.

"ރައީސް ސޯލިހު އާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެކަމީ އަޅުފަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ރާއްޖެއާއި އިންޑިއާގެ ދިދަ ހިމެނޭހެން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

އިންޑިއާ އާއި ދެކޮޅު ކެންޕެއިން ސޯޝަލް މީޑީއާގައި ފޯރިގަދަވެފައިވާއިރު އިންޑިއާ އާއި އެއްކޮޅަށްވެސް ގިނަ ބަޔަކު ދަނީ ޓްވީޓް ކުރަމުންނެވެ. އަދި ބައެއް ވަޒީރުންވެސް ގެންދަވަނީ އިންޑިއާ ދިފާއުކޮށް ޓްވީޓް ކުރައްވަމުންނެވެ.