ދުނިޔެ

އެމްނެސްޓީން އީރާނު ބޮލުގައި އެޅުވީ ބޮޑެތި އަނިޔާގެ ލިސްޓެއް

މިދިއަ އަހަރު އީރާން ސަރުކާރާއި ދެކޮޅަށް ކުރި އިހުތިޖާޖްތަަކާއި ބޮޑެތި މުޒާހަރާތަކުގައި އެތައްހާސް ބަޔަކަށް ނުހައްގު ބޮޑެތި ލާއިންސާނީ އަނިޔާ ކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އީރާނުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކޮށް ސަމާލުކަން ހޯދައިފި އެވެ.

އީރާން ސަރުކާރުން ޕެޓްރޯލް އަގު ބޮޑު ކުރުމާއި ގުޅިގެން ނޮވެމްބަރު 2019 ގައި ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި އާންމު ރައްޔިތުންނަށް ވަރަށް އަނިޔާ ކޮށްފައިވާ ކަމަށް އެމްނެސްޓީ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އެމްނެސޓީން އަންދާޒާ ކުރާ ގޮތުގައި އެ މުޒާހަރަތަކުގާ ގުޅިގެން 7000 މީހުން ހައްޔަރުކޮށް ބަންދުކުރި އެވެ. އޭގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުދިން ވެސް ހިމެނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެ ޖަމާއަތުން ބުނާ ގޮތުގައި ހައްޔަރު ކުރި އެތައް ބަޔެއްގެ ބަޔާންތަކާއި ވީޑީއޯ ރެކޯޑިން އާއި ކޯޓުގެ ބަޔާންތައް ވެސް އެ މީހުން ވަނީ ހޯދާފަ އެވެ. މީގެ އިތުރުން ސަރުކާރުގެ އޮފިޝަލުން ދީފައިވާ ބަޔާންތައް ވެސް ވަނީ ދިރާސާ ކޮށްފަ އެވެ.

އިންސާނީ ހައްގުތަކާއި ހިލާފު އެތައް ޖަރީމާއެއް މުޒާހަރާކުރި މީހުންނާއި ދެކޮޅަށް އީރާން ސަރުކާރުން ހިންގާފައިވާ ކަމަށް އެމްނެސްޓީން ކުރިން ވެސް ތުހުމަތުތައްކޮށް އިރާން ރުޅި އަރުވާލާފައި ވެއެވެ. އޭގެ ތެރޭގައި އެއްވެސް ކުށަކާއިނުލާ މީހުން ހައްޔަރު ކުރުމާއި މީހުން ވަގަށް ނެގުމާއި ބޮޑެތި އަނިޔާކޮށް މަޖުބޫރު ކުރުވައިގެން ނުކުރާ ކަންކަމަށް މީހުން އެއްބަސްކުރުވުން ފަދަ ކަންކަން ހިމެނެއެވެ.

އަދި އެ ތުހުމަތުތަކުގެ ތެރޭގައި މީހުންގެ ކަނުބަނދެ މޫނަށް ފެން ފެންޖަހައި ހާސް ކުރުވުމާއި ކަރަންޓު ޝޮކް ދިނުމާއެކު ޖިންސީ ގުނަވަން ޕެޕާ ސްޕްރޭ ޖެހުމާއި ޖިންސީ ގޯނާ ކުރުމާއި ނިޔަފަތި އުފުރުން ވެސް ހިމެނޭއިރު މަޖުބޫރު ކޮށްގެން ނަގާފައިވާ ބަޔާންތައް ޓީވީން ދެއްކުމާއި ދެ ފައިގައި ވާޖަހައި އެކޮޅުކޮޅުން އެލުވާފައި ބޭއްވުންފަދަ ލާއިންސާނީ ބޮޑެތި އަނިޔާތައް ވެސް ހިމެނެ އެވެ.

މައްސަލަ ބޮޑުވި އެ މުޒާހަރާތަކުގައި ބައިވެރިވި މީހުން ޕެޓްރޯލް ޕަންޕުތަކުގައި ރޯ ކުރުމާއި ފިހާރަތައް ލޫޓުވުމާއެކު ފުލުސް ސްޓޭޝަންތަކަށް ވެސް ހަމަލަދިނެވެ. އެކަމާ ގުޅިގެން އީރާން ސަރުކާރުން ތުހުމަތު ކުރާގޮތުގައި އެ ބޮޑު ހަމަނުޖެހުމުގެ އަޑީގައި އޮތީ އެމެރިކާ އާއި ސައުދީ އަރަބިއްޔާ އެވެ. އީރާންގެ އިންޓީރިއާ މިނިސްޓާ މިދިޔަ މޭ މަހު ވިދާޅުވެފައި ވަނީ ނޮވެމްބަރު މަަހުގެ އެ މުޒާހަރާތަކުގައި 230 މީހުން މަރުވި ކަމަށެވެ.

މިފަހަރު އެމްނެސްޓީގެ ބަޔާނާއިމެދު އީރާނު ސަރުކާރުން އެއްވެސް އެއްޗެއް އަދި މިހާތަނަކަށް ނުބުނެ އެވެ. އެކަމަކު މީގެ ކުރިން އެމްނެސްޓީން މި ހަމަނުޖެހުންތަކާ ގުޅޭގޮތުން ހާމަކުރި ރިޕޯޓާ ގުޅިގެން އީރާނުން ވަނީ އެކަމާ ދެކޮޅު ހަދައި އެމްނެސްޓީއަކީ އެމެރިކާގެ "ގޮނޑިކޮއްކޮ" އެއް ކަމަށް ސިފަކޮށްފަ އެވެ.