ކުޅިވަރު

ފަސް ބަދަލަށް ބޮޑެތި ކުލަބުތަކުން ބާރު އަޅަނީ

އާ ސީޒަންގައިވެސް، ފަސް ކުޅުންތެރިންގެ ބަދަލު ތަންފިޒު ކުރުމަށް އިނގިރޭސި ޕްރިމިއާ ލީގްގެ ބޮޑެތި ކުލަބުތަކުން ބާރު އަޅައިފި އެވެ.

ލީގްގެ ވާދަވެރި ކުލަބުތަކުން ބާރު އަޅަނީ، އަމަލު ނުކުރަން ނިންމާފައިވާ ފަސް ބަދަލަށް އަލުން އަމަލު ކުރުމަށެވެ. ކުދި ކުލަބުތަކުން އެކަމަށް ތާއީދެއް ނުކުރެ އެވެ. މިދިޔަ މަހު ހަ ވަނަ ދުވަހު ޕްރިމިއާ ލީގުން ނިންމާފައި ވަނީ ފަސް ކުޅުންތެރިންގެ ބަދަލަށް، އާ ސީޒަންގައި އަމަލު ނުކުރުމަށެވެ. އެގޮތަށް ނިންމުމުގައި 11 ކުލަބަކުން ވަނީ ވޯޓް ދީފަ އެވެ. ނުވަ ކުލަބަކުން ވަނީ އެ ގަވާއިދަށް އަމަލު ކުރަން ތާއީދު ކޮށްފަ އެވެ. އެ ނިންމުން އަލުން ބަދަލު ކުރަން ބޭނުންނަމަ 14 ވޯޓް ބޭނުންވާނެ އެވެ.

ފަސް ކުޅުންތެރިންގެ ގަވާއިދަށް އަމަލު ކުރަން ބޭނުން ވާ ކުލަބު ތަކަކީ، ލިވަޕޫލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާސް އަދި އާސެނަލް އެވެ. ފަސް ކުޅުންތެރިންގެ ބަދަލު އަލުން ތަންފީޒު ކުރުމަށް ހުށަހެޅީ ޗެލްސީންއިންނެވެ. ފާހަގަ ކޮށްފައިވާ އެހެން ކުލަބުތަކުން ވަނީ އެކަމަށް ތާއީދު ކޮށްފަ އެވެ. އެކަމާ ބެހޭގޮތުން އަދި ވޯޓަށް އަހާނެ އެވެ.

ޕްރިމިއާ ލީގުގެ ހުރިހާ ކުލަބެއްގެ މެންދޫބުން ހިމެނޭ ބައްދަލުވުމުގައި އިއްޔަ މަޝްވަރާ ކުރި އަނެއް ކަމަކީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ބެންޗަށް ގެންދާ ކުޅުންތެރިންގެ އަދަދު ނުވަޔަކަށް އިތުރު ކުރުމަށެވެ. މިހާރު ބެންޗަށް ގެންދަނީ ހަތް ކުޅުންތެރިންނެވެ. އެ ކަމަށް 10 ކުލަބަކުން ދެކޮޅު ހެދިއރު 10 ކުލަބަކުން ތާއީދު ކުރި އެވެ.

ފަސް ކުޅުންތެރިންގެ ބަދަލު އަމަލު ކުރން ފެށީ، ކޮރޯނާ ވައިރަސް އާ ގުޅިގެން ސީޒަން އަލުން ފެށުމުން ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިން އަނިޔާއިން ދުރު ކުރުމަށެވެ. ކޮވިޑް-19 އާ ގުޅިގެން ތިން މަސް ދުވަހަށް ފުޓްބޯޅަ މެދުކަނޑާލި އެވެ.