ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިހާބުގައި ތޯހާ ސަލީމް އާއި އަލީ ރަޝީދު (އައްޔަ) ކުރީގައި ހުންނަވައިގެން ރައީސް ކަމަށް ވާދަ ކުރާއިރު ދެ ކެނޑިޑޭޓުންގެ ފަހަތުގައި ލީޑް ކުރާ، ޓީމު މެންބަރުންގެ ނަންތައް އިއުލާން ކޮށްފި އެވެ.
އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރާ ތިން ވަނަ ކެނޑިޑޭޓް މުހައްމަދު ޖަލާލް ވަނީ ފަހަތަށް ޖެހެން ނިންމާފަ އެވެ.
ކޮންމެ މަގާމަކަށް ކެނޑިޑޭޓުން ވަކި ވަކިން ކުރިމަތި ލެއްވި ނަމަވެސް ދެ ޓީމެއް މިހާރު އޮތީ އެކުލަވާލެވިފަ އެވެ ޓީޓީގެ ބޮޑު ފޭންއެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުރިގެ ޕްރިންސިޕަލް ތޯހާ ސަލީމްގެ ފަހަތުގައި އޮތް ޓީމުގެ ނައިބު ރައީސް އަކީ ކުރިން ގައުމީ ފިރިހެން ޓީޓީމުގައި ހިމެނުނު އަބްދުﷲ ޝަރީފް (އައްލޯ) އެވެ. ތޯހާ ޓީމުގެ ހަޒާންދާރަކީ، އޮޑިޓިން ދާއިރާގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ ޓްރެޜަރާގެ މަގާމު އަދާ ކުރި މުހައްމަދު ސައީދެވެ. އޭނާވަނީ ކުރިން ޓީޓީ ކުޅެފަ އެވެ.
ތޯހާގެ ޓީމުގައި ހިމެނޭ، ޓީޓީގެ އެންމެ ތަޖުރިބާކާރު ޓީމު މިއޮތީ އެވެ. އިންޑަވިޖުއަލް އަނެހެން މެންބަރުކަމަށް ކުރިމަތިލާފައި ވަނީ، ރާއްޖޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މުއިނާ މުހައްމަދެވެ. ތޯހާގެ ޓީމުގެ އެންމެ ހެވީވެއިޓް ނަމަކީ އޭނާ އެވެ. އިންޑަވިޖުއަލް ފިރިހެން މެންބަރުކަމަށް ކުރިމަތިލާފައި ވަނީ ގައުމީ ޗެމްޕިއަން 10 އަހަރު ހޯދި އަލީ އާދަމް މަނިކު (ތަޅާފިލި އަލިބެ) އެވެ. މަލްޓި ސްޕޯޓްސް ގޭމަކުން ރާއްޖެއަށް ފުރުތަމަ މެޑަލް ހޯދިއިދިން ޓީޓީ ޓީމުގެ މެންބަރެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުރަތަމަ އެޑިޝަންގައި ބްރޯންޒް މެޑަލް ހޯދި ޓީޓީ ޓީމުގައި އަލިބެ ހިމެނުނެވެ. އެސޯސިއޭޓް މެންބަރު ކަމަށް ކުރިމަތިލާފައި ވަނީ ކުރިން ގައުމީ ޓީމަށް ކުޅުނު އައިޝަތު ފަދުވާ ރަޝީދެވެ. ޓީޓީގެ ޖޫނިއާ ޓީމުތައް މެނޭޖުކުރުމުގައި މެނޭޖަރެއްގެ ދައުރު ކުރިން އަދާ ކުރި އެވެ.
ކުލަބު ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާފައި ވަނީ ޓީޓީގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ އިބްރާހިމް ލަތީފް (އިއްބެ) އެވެ. އޭނާގެ ގެ ސީވިޑް ގެއަކީ ޓީޓީގެ ހަބެކެވެ. ޖޫނިއާ ލެވަލްގައި މިހާރުވެސް އެގެއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އިއްބެ ވަނީ ކުރިން އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާފަ އެވެ.
ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާ، މިހާރުގެ ރައީސް އައްޔަގެ ޓީމުގެ އިސްމަގާމުތަކުގައި ތިއްބެވީ ޓީޓީގެ ތަޖުރިބާކާރު ނަންތެކެވެ. އޭނާގެ ނައިބުރައީސް އަކީ ކުރީގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އެވެ. ގައުމީ ޓީމުގެ ކެޕްޓަން ކަމާއި ގައުމީ ޓީމުގެ ކޯޗްކަން ޝިއުރީ ކުރި އެވެ. މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމުގެ ހެޑް ކޯޗެއްގެ މަސްއޫލއިްޔަތު އަދާ ކުރީ ޝިއުރީ އެވެ. އޭނާގެ އެންމެ ހާއްސަ ކޮލިޓީއަކީ ޓީމު ލީޑް ކުރުމުގައި ފެންނަ ލީޑާޝިޕެވެ.
އައްޔަގެ ޓީމުގެ ހަޒާންދާރަކީ އަހްމަދު ޝާޒިލް އެވެ. މިހާރުގެ އެކްސްކޯގެވެސް ހަޒާންދާރެވެ. ގައުމީ ޓީމުގެ ކުރީގެ މެނޭޖަރުކަން ކުރި އެވެ. އައްޔަގެ ޓީމުގެ އިންޑަވިޖުއަލް އަންހެން މެންބަރަކީ އައިޝަތު ސަމާހެތެވެ. ގައުމީ ޗެމްޕިއަނެކެވެ. ގައުމީ ޓީމު ކެޕްޓަންކަން ކުރި އެވެ.
އިންޑަވިޖުއަލް ފިރިހެން މެންބަރަކީ، ކުރިން އަމްޕެޔަރެއްގެ ދައުރު އަދާ ކުރި އައްޒާމް އިބްރާހިމް އެވެ. އޭނާ ވަނީ ކުރިން ގައުމީ ސްކޮޑްގައިވެސް ހިމެނިފަ އެވެ. ކުލަބު މެންބަރު ކަމަށް ކުރިމަތި ލާފައި ވަނީ ޖާދުﷲ ހަސަން އެވެ. ކުރިން ގައުމީ ސްކޮޑުގައި ހިމެނުނެވެ. އަދި ގައުމީ ޓީމު މެނޭޖަރެއްގެ ގޮތުގައި ޓީމު މެނޭޖު ކުރި އެވެ. އެސޯސިއޭޓް މެންބަރު ކަމަށް ކުރިމަތިލާފައިވައި ވަނީ ޒުވާން ގައުމީ ޓީމަށް ކުޅުނު އިސްމާއީލް ސުޖާއު އެވެ. ޒުވާން ފުރަތަމަ ފަހަރަށް ބޭއްވި އިންޓަނޭޝަނަލް ޓިޓީ ކުލަބު ޗެމްޕިއަންޝިޕްގައި އޭނާ ވަނީ ވެ.
އިންތިހާބު މައްސަލަ ކޯޓަށް
އިންތިހާބާ ގޫޅިގެން އުސޫލާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ، ތޯހާގެ ޓީމުގައި ހިމެނޭ ދެ މެންބަރަކު އިސްނަގައިގެން މައްސަލަ ސްޕޯޓްސް ކައުންސިލަށް ހުށަހެޅި އެވެ. އިބްރާހިމް ލަތީފް އާއި ތާޅަފިލި އަލިބެ އިސް ނަގައިގެން ހުށަހެޅި މައްސަލައަށް ސްޕޯޓްސް ކައުންސިލުން އެކަށީގެންވާ ހައްލެއް ނުހޯދުނެވެ.
މައްސަލަ ހިފައިގެން ކޯޓަށްދާން ތާޅަ ފިލި އަލިބެ ވަނީ ނިންމާފަ އެވެ. އެނާގެ ފަރާތުން ކޯޓަށް ހުށަހަޅަނީ އިންތިހާބު ފަސް ކޮށްދިނުމަށެވެ. އެ މައްސަލައިގައި އޭނާގެ ފަރާތުން ވަކީލަކަށް ވަޑައިގަންނަވަނީ، ކުރިން ޓީޓީ ކުޅުއްވި، މިހާރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
އަންނަ އަންގާރަ ދުވަހު ޓީޓީގެ އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ތާވަލު ކޮށްފަ އެވެ.