ހަބަރު

އެޗްޑީއެފްސީގެ ލޯނުތައް މިމަހު ދައްކަން ފަށަންޖެހޭ

Sep 3, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ލޯނުތައް ފަސް ކޮށްދީފައިވާ މުއްދަތު ހަމަވެފައިވުމާ ގުޅިގެން، މި މަހުން ފެށިގެން އެތަނުން ނަގާފައިވާ ލޯނުތައް އަލުން ދައްކަން ފަށަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ކޮވިޑޮ-19 އާ ގުޅިގެން އެޗްޑީއެފްސީ ގެ ލޯނުތައް ހަ މަސް ދުވަހަށް ފަސް ކޮށްދީފައި ވަނީ މިދިއަ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް، އެ މުއްދަތު މިދިއަ މަހުގެ ނިޔަލަށް ހަމަވެފައި ވާއިރު، އެ މުއްދަތު އިތުރުކޮށް ނުދިނުމަށް އެ ތަނުން ވަނީ ނިންމައިފަ އެވެ.

އެ ނިންމުމާއެކު އެޗްޑީއެފްސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ފައިސާ ދެއްކުން ލަސްކޮށްދީފައި ވަނީ އޯގަސްޓު މަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު މަހުން ފެށިގެން ލޯނުތަކަށް އަލުން ފައިސާ ދައްކަންޖެހޭނެ ކަމަށް އެޗްޑީއެފްސީން ބުންޏެވެ.

އެޗްޑީއެފްސީއަކީ ރާއްޖޭގެ ބާޒާރުގައި ހައުސިން އަށް ދޫކޮށްފައިވާ ލޯނުގެ 30 ޕަސެންޓް ކޮންްޓްރޯލް ކުރާ ތަނެވެ. އެ ތަނުން މިހާތަނަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

ސަރުކާރުގެ އިގްތިސޯދީ އެހީގެ ޕެކޭޖުގެ ދަށުން ރާއްޖޭގައި އޮޕަރޭޓް ކުރާ ގިނަ ބޭންކުތަކުން ލޯނު އަނބުރާ ދައްކާ މުއްދަތު ހަ މަހަށް ފަސް ކޮށްދިނެވެ.

ނަމަވެސް، މިހާރު އެ މުއްދަތު ހަމަވެފައިވާއިރު، ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރުން އެސްއެމްއީ ބޭންކުން ވަނީ އެ މުއްދަތު އިތުރުކޮށްދީފަ އެވެ.

އެގޮތުން، ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތައް އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްދީފައިވާއިރު، އެސްޑީއެފްސީގެ ލޯނުތައް ވަނީ މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ.