ނިއު ދިއްލީ (ސެޕްޓެމްބަރު 3) - އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓާ ކޮށްފައިވާ ސާފު ނުކުރާ ތެޔޮ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.
ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާ ކައިރިން އެ ތެޔޮ ޓޭންކަރުގައި ރޯވީ މިއަދު ހެނދުނު އެވެ.
ބޯޓުގައި ރޯވި ހާދިސާގެ މައުލޫމަތު އެކި ފަރާތްތަކުންނާއި ލަންކާގެ ކަނޑުގެ ސިފައިން ރޮއިޓާސް ނިއުސް އެޖެންސީއަށް ދީފައިވާއިރު "ނިއު ޑައިމަންޑް" ކިޔާ އެބޯޓަކީ ފުލްކޮށް ތެޔޮ ބަރުކޮށްފައިވާ އުޅަނދެކެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ ކުވެއިތުގެ މިނާ އަލް އަހުމަދީން އިރުމަތީ އިންޑިއާގެ ޕްރަދީޕަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައިވާ އެ ބޯޓުގައި ރޯވި ވަގުތު ތިބި 23 ފަޅުވެރިންގެ ތެރެއިން އެކަކު ގެއްލި އިތުރު މީހަކު ޒަހަމް ވެފައި ވެއެވެ. އަލިފާނުގެ ރިޕޯޓު ލިބުމާ ގުޅިގެން އަލިފާން ނިއްވާލުމުގައި އެހީތެރިވުމަށް ލަންކާގެ ހަމްބަންޓޯޓާ ޕޯޓުގައި އޮތް ރަޝިއާގެ ދެ އަސްކަރީ އުޅަނދެއް އެ ސަރަހައްދަށް ދަތުރު ކުރަންދާ ކަމަށް ވެސް ލަންކާގެ ނޭވީގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވެއެވެ.
ބޯޓުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ބޯޓުގައި ކާގޯ ރައްކާ ކޮށްފައިވާ ސަރަހައްދަށް އަލިފާންގަނޑު ފެތުރިފައިވާ ނުވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ލަންކާގެ ނޭވީ އޮފިޝަލުންނާ ހަވާލާދީ ތަރުޖަމާނު ވިދާޅުވި އެވެ.
"މިކަމުގައި ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާނެ،" ކެޕްޓަން އިންދިކާ ޑި ސިލްވާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހާދިސާގައި އަނިޔާވި މީހާ މިހާރު ލަންކާ ނޭވީގެ އުޅަނދެއްގައި އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޑިއާ އަށް ދަތުރުކުރަމުންދިޔަ އެ ބޯޓަށް އެހީވުމަށް އިންޑިއާ ނޭވީގެ އުޅަނދުތައް ވެސް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް އިންޑިއާގެ ނޭވީން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ކަނޑަށް ތެޔޮ ލީކު ނުވާނޭކަން ކަށަވަރު ކުރުމުގެ މަސައްކަތް ލަންކާގެ ކަމާބެހޭ އިދާރާއިން ކުރަމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.