ސައިކަލެއްގައި އައި ދެ މީހަކު 15 އަހަރުގެ އަންހެން ކުއްޖެއްގެ އަތުގައި އޮތް ފޯނު ޖަހައިގަނެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން އެމީހުން އަތުން ފޯނު އަތުލަން އެ ކުއްޖާ ވަރަށް ވަރުގަދައަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ އެއް ދައުރުވަމުން އެބަ ދެއެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއީ އެ ގައުމުގެ ޕަންޖާބުގެ ޖަލަންދަރުގައި ދާދި ފަހުން ހިނގި ކަމެކެވެ. މި ކުއްޖާ އަތުން ފޯނު ދަމައިގަންނަން އެ ދެ ފިރިހެނުން ވަރަށް މަސައްކަތް ކުރާތަން އެ ހިސާބުގަނޑުގައި ހުރި ސީސީޓީވީ ކެމެރާއަކަށް ވަރަށް ރީއްޗަށް އަރާފައި ވެއެވެ.
މި ސީސީޓީވީ ފުޓޭޖުން އެ ކުއްޖާގެ ހިތްވަރުގަދަކަން ވަރަށް ބޮޑަށް ހާމަވެ އެވެ. އަދި މި ފުޓޭޖް ބެލި ގިނަ ބަޔަކު ކުއްޖާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ވެއެވެ.
ޕަންޖާބު ނޫހަކުން ބުނެފައިވާ ގޮތުގައި ކުސުމް ކުމާރީ ނަމަކަށް ކިޔާ މި އަންހެންކުއްޖާ އަކީ ފަތެހްޕޫރީ މުހައްލާގައި ދިރިއުޅޭ ކުއްޖެކެވެ. މި ކުއްޖާ މަގުމަތިން ހިނގާފައި ދަނިކޮށް އެ ކުއްޖާ ފަހަތުން ސައިކަލުގައި އައި ދެ މީހުންގެ ތެރެއިން އެކަކު އެ ކުއްޖާގެ އަތުގައި ހިފާ ފޯނު ދަމައިގަންނަން އުޅެ އެވެ. ވީޑިއޯ އިން ފެންނަނީ ކުމާރީ ފޯނު ނުދޭން ވެގެން ގަދަ ދައްކާ މަންޒަރެވެ.
ސައިކަލު އޭރުވެސް ދުއްވަމުން ދިޔަ ނަމަވެސް އެއް ފިރިހެނެއްގެ އަތުގައި ހިފާ އަންހެންކުއްޖާ ދަމަމުން ގޮސް އެ މީހާ ލައިގެން އިން ޓީޝާޓުގައި އަންހެންކުއްޖާއަށް ހިފޭގޮތް ވުމުން ޓީޝާޓަށް ދަމައިގަނެ އެ މީހާ ބިންމައްޗަށް ވައްޓާލާ މަންޒަރު ދެން ފެނެ އެވެ.
މި މީހާގެ އަތުގައި އޮތް ތޫނު ހަތިޔާރަކުން އަންހެންކުއްޖާގެ އަތަށް ވަރަށް ގިނަ ހަމަލަތައް ދިން ނަމަވެސް އެ ކުއްޖާ އެއްގޮތަކަށް ވެސް އެމީހާގެ ޓީޝާޓުން ދުލެއް ނުކުރެ އެވެ.
މި ވީޑީއޯގައި ދެން ފެންނަނީ ވެއްޓުނު މީހާ އަލުން ސައިކަލަށް އަރާ އިށީންނަ ތަނެވެ. ނަމަވެސް އެ ވަރުން ވެސް އަންހެންކުއްޖާ ދުލެއް ނުކުރެ އެވެ. އަނެއްކާވެސް އެމީހާގެ ގަޔަށް ދަމައި ސައިކަލުން ވައްޓާލަ އެވެ. އެހިސާބުން މަގުމަތިން ދިޔަ އެހެން މީހަކު އަންހެންކުއްޖާ އާ އެހީތެރިވާން އާދެ އެވެ. އަދި މީހުންތައް އެއްވާން ފެށުމުން ވެއްޓުނު މީހާ ދޫކޮށްލާފައި ސައިކަލު ދުއްވަން އިން މީހާ ސައިކަލުގައި ބާރަށް ދުއްވާފައި ގޮސް ފިލަނީ އެވެ.
ކުމާރީ އަށް މި ހާދިސާގައި އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށާއި އޭނާ ދަމައިގަނެ ސައިކަލުން ވައްޓާލި މީހާ އަކީ އަވީނާޝް ކުމާރު ކިޔާ 22 އަހަރުގެ ޒުވާނެއް ކަމަށް އިންޑިޔާގެ ނޫހުން ބުނެފައި ވެއެވެ. އަދި މި މީހާ މިހާޜު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ. ނަމަވެސް އޭނާއާއެކު ސައިކަލުގައި އިން އަނެއް މީހާ ވަނީ ފިލާފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ވެސް ޕަންޖާބު ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.