ފިނިޕޭޖް

ދަރާ: ދުރަކަށް ނުދިޔަ، އައު ތަޖުރިބާއެއް

އުމުރުން އެންމެ 18 އަހަރުގައި ފިލްމީ ދާއިރާއަށް ނިކުތް މުހައްމަދު ރަޝީދު (ދަރާ) ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާތާ 39 އަހަރުވެއްޖެ އެވެ. މިދިޔަ އަހަރުގެ ފިލްމު އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދިނީވެސް އެކްޓަރު އަދި ޑައިރެކްޓަރު ދަރާ ރަޝީދަށެވެ.

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑާއެކުވެސް ދަރާ ހުރީ ފިލްމީ މަސައްކަތާއި ދުރަށްދާ ގޮތަކަށް ނޫނެވެ. ދާއިރާ އާއި ގުޅުންހުރި ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ދަރާ ރަޝީދުގެ އުންމީދަކީ ރާއްޖޭގެ ފިލްމީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިއުމެވެ. ބޭނުންވަނީ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް ފުރުސަތު ހޯދައި ދޭށެވެ. އަދި ފިލްމީ ތަރިންނަށް ބޭރު ގައުމުތަކުން ވެސް ފުރުސަތުތައް ތަނަވަސް ކޮށްދީ ތަޖުރިބާ ހާސިލުކުރުމުގެ ފުުރުސަތު ފަހިކޮށްދޭށެވެ.

އެ މަސައްކަތުގައި ދަރާ ވަނީ ދުރަށް ފިޔަވަޅެއް ވެސް އަޅާފައެވެ. މިއީ ރާއްޖޭގެ ފިލްމީ ތާރީހުގައި ލިޔެވިގެންދާނެ ކަމެކެވެ. ރާއްޖޭގެ ޕްރޮޑަކްޝަން ހައުސްއަކާއި ބޭރުގެ ޕްރޮޑަކްޝަން ހައުސްއެއް ގުޅިގެން ފިލްމީ އުފެއްދުމެއް އުފެއްދުމަކީ ނުވާނެ ކަމެއް ކަމަށް ކުރިން ގަބޫލު ކުރެވުނު ނަމަވެސް އެކަން މިހާރު މިވަނީ ހަގީގަތަކަށް ވެފައެވެ. އަދި ބޭރުގެ ފިލްމީ އުފެއްދުމެއްގައި ދިވެހި ފަންނާނަކަށް ފުރުސަތު ވެސް މި ވަނީ ލިބިގެން ގޮސްފަ އެވެ.

އިންޑިއާގެ ފިލްމު އުފައްދާ ކުންފުންޏެއް ކަމަށްވާ "ސެންޒޭޝަން މީޑިއާ އާޓްސް" އާއި ރަޝީދުގެ "ދަރާ ޕޮރްޑަކްޝަން" ގުޅިގެން ހިންދީ ވެބް ސީރީޒެއް މިހާރު ވަނީ އުފައްދާފަ އެވެ. "ޕްރީ ވެޑިން ހަނީމޫން" ނަމުގައި އުފައްދާފައިވާ ވެބް ސީރީޒްގައި އެކްޓަރެއްގެ ގޮތުގައި ރަޝީދު ވެސް ހަރަކާތްތެރި ވެއެވެ. ދެން ހިމެނެނީ އިންޑިއާގެ ތަރިންނެވެ.

ސެންޒޭޝަން މީޑިއާ އާޓްސްގެ ވެރިޔާ ހަރުޝް އާނަންދަކީ ރަޝީދު، އިންޑިއާގައި ކިޔަން ހުރި ދުވަސްވަރުން ފެށިގެން ވެސް ރަހުމަތްތެރިއެކެވެ. ވޭތިވެދިޔަ އަހަރުތަކުގައި ވެސް އެ ގުޅުން އެ ގޮތުގައި ދެމި އޮތެވެ. އަދި ދެ ފަންނާނުން ގުޅިގެން ފިލްމީ އުފެއްދުންތައް އުފެއްދުމަކީ ވެސް މީގެ އަހަރުތަކެއް ކުރިއްސުރެ ކުރަމުން އައި އުންމީދެކެވެ.

ހަރުޝް ވަނީ 2007 ވަަނަ އަހަރު ވެސް ރާއްޖޭގައި ވެބްސީރީޒެއް ޝޫޓް ކޮށްފައެވެ. ދެ ފަންނާނުން ގުޅިގެން އިންޑިއާ ތަރިން ބޭނުން ކޮށްގެން ބައެއް ވީޑިއޯ ލަވަތަކުގެ މަސައްކަތް ވެސް ކުރި އެވެ.

"ޕްރީ ވެޑިން ހަނީމޫން" ޝޫޓްކޮށްފައި ވަނީ އއ. މަތިވެރީގަ އެވެ. ފިލްމުގެ ގިނަ މަންޒަރުތައް ނަގާފައި ވަނީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ގެސްޓް ހައުސް "ކާސާ މިއާ" ގައެވެ.

"ހަރުޝް އެދުނީ ފިލްމުގައި އަޅުގަނޑު ވެސް ފެންނަން. ރަޝީދު ބުނިން ފުރަތަމަވެސް ރޯލެއް ކުޅެވިދާނެއޭ، ނަމަވެސް އެހާ ބޮޑު ރޯލެއް އަދައެއް ނުކުރެވޭނެއޭ، ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން. ނަމަވެސް ސްކްރިޕްޓް ފައިނަލް ވެގެން އައިއިރު އަޅުގަނޑަށް ބޮޑު ބައެއް އޮތީ ދީފައި،" ދެ ފިލްމު ސްޓޫޑިއޯ ގުޅިގެން އުފައްދި ވެބްސީރީޒް އާއި ގުޅޭގޮތުން ދަރާ ބުންޏެވެ.

ވެބް ސީރީޒްގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާނީ ހިންދީ ބަހުންނެވެ. އަދި ބައެއް ޑައިލޮގްތައް އިނގިރޭސި ބަހުންނެވެ. މިއީ ހިންދީ ބަހުން ގެނެސްދޭ ފިލްމީ މިފަދަ އުފެއްދުމެއްގައި ދިވެހި ފަންނާނަކު ފެންނާނެ ފުރަތަމަ ފަހަރެވެ.

"އަސްލު މީގައި ރަޝީދު ދައްކަނީ ހަމަ ދިވެއްސެއްގެ ގޮތުގައި. އެހެން ނަމަވެސް ރަޝީދު ވެސް މުޅިން ހިންދީން އަދި ބައެއް ޑައިލޮގްތައް އިނގިރޭސިން ބަހުން ބޭނުންކޮށްފައި ހުންނާނީ،"

ހިންދީ ބަހުން ފަސޭހަ ކަމާއެކު ވާހަކަ ދައްކާ ބައެއް މީހުން ދިވެހިންގެ ތެރޭގައި ވެސް އެބަ ތިއްބެވެ. ދިވެހިންގެ ތެރޭގައި އަދިވެސް ހިންދީ ފިލްމުތަކާއި ސީރިޒްތަކަށް އޮންނަނީ ވަރަށް ހާއްސަ މަގާމެކެވެ. އެހެން ކަމުން ހިންދީ ބަހަކީ ދިވެހިންގެ ތެރެއިން ބައެއް މީހުންނަށް ފަރިތަ ބަހެކެވެ. ނަމަވެސް ފިލްމީ އުފެއްދުމުގައި ޑައިލޮގް ލިޔެފައިވާ ގޮތަކަށް ކިޔަން ޖެހުން އެކަން ވާނީ އުނދަގޫ ކަމަކަށެވެ. ވެބްސީރީޒްގެ ޝޫޓިންގައި އެ އުނދަގޫ ދަރާއަށް ކުރިމަތިވިއެވެ.

"ރިޓުން އެއްޗެއް އެ އޮތްގޮތަށް އަސްލު ކިޔަން ޖެހުނީމަ ކޮންމެވެސް ވަރެއްގެ ޗެލެންޖެއް އެއީ. އަބަދުވެސް ހިންދީ އެއްޗެހި ބަލާ އަދި ކޮންމެވެސް ވަރަކަށް ހިންދީންވެސް ވާހަކަ ދައްކާތީ އެހާ އުނދަގުލެެއް ނޫން އަސްލު. އަނެއްހެން މިއީ ވެސް އެކްސްޕީރިއަންސްއެއް،"

ހިންދީ ވެބްސީރީޒެއްގައި މަސައްކަތް ކުރުމުގެ ޝަރަފު ލިބުމަށްވުރެ ދަރާ އަށް މުހިންމީ ދިވެހި ފިލްމީ އިންޑަސްޓްރީ ކުރިއެރުވުމެވެ. މިފަދަ ފުރުސަތުތަކުގެ ބޭނުންކޮށް ދިވެހި ފަންނާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމެވެ.

"ރަޝީދުގެ މައިގަނޑު ވިސްނުމަކީ މިއިން ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ދިވެހިން ބައިވެރިކޮށް އެ ކުދިންނަށް ތަޖުރިބާ ލިބުމުގެ ފުރުސަތު ދިނުން. މިފަހަރުގެ މުޅި ވެބްސީރީޒް ކެމެރާކުރީ ސަމާހު ކިޔާ ދިވެހި ކުއްޖެއް. އެއީ އަޅުގަނޑު ބޭނުންވާ ގޮތް. އަނެއްކާ ޓެކްނިކަލީ މަތިވެރީގެ ވަރަށް ގިނަ ޒުވާނުން ބައިވެރިވި. އެއީ ވަރަށް ބޮޑު އެކްސްޕީއަަރެންސެއް އެ ކުދިންނަށް ލިބޭ،"

ހަރުޝް އާނަންދަކީ އިންޑިއާގައި ބޮޑު ސްކްރީން ފިލްމުތައް ވެސް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. ހިންދީ އަދި ތަޅަމަ ބައެއް ފިލްމުތަކުން އާންމުންގެ މަގުބޫލުކަން ހޯދި ރަވީ ކިޝަން ހިމަނައިގެން ހަރުޝް ވަނީ ތިން ފީޗާ ފިލްމެއް އުފައްދާފަ އެވެ. ދަރާގެ ނަޒަރުގައި އެފަދަ ތަޖުރިބާކާރު ޑައިރެކްޓަރަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ދިވެހި ފަންނާނުންނަށް ކުރިއެރުން ލިބޭނެ އެވެ.

އެހެން ކަމުން އެފަދަ އިތުރު ފުރުސަތުތައް ފަހިވާނެ ގޮތްގޮތް މިހާރު ވެސް އޭނާ ދަނީ ހަމަޖައްސަމުންނެވެ. ވަރަށް އަވަހަށް އިތުުރު ދެ ސީރީޒެއްގެ މަސައްކަތް ފެށުމަށް ވެސް އޭނާ ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 13 އެޕިސޯޑް އަދި އަށް އެޕިސޯޑްގެ ސީރިޒެއް މިހާރު ވަނީ ފައިނަލްވެފަ އެވެ.

"އަޅުގަނޑުގެ ވިސްނުމެއް އެ ވެބްސީރީޒުތަކުގައި ދިވެހި ތަރިން، މިކަމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ފުރުސަތުތަކެއް ދިނުން. އަޅުގަނޑު ހުރިހާ ސީރިޒްތަކުް ފެނުމެއް ނޫން ބޭނުން ވަނީ. އަޅުގަނޑު ބޭނުން ވަނީ އެ ފުރުސަތު ޝައުގުވެރިކަން ހުންނަ ކުދިންނަށް ހޯދައި ދިނުން،"

ދަރާ ޕްރޮޑަކްޝަންގެ ބައިވެރިވުމާއެކު އުފައްދާ "ޕްރީ ވެޑިން ހަނީމޫން" ބެލުންތެރިންނަށް ފެންނާނީ އެމޭޖަން ނުވަތަ ޓީސީރިޒް މެދުވެރިކޮށެވެ. އަދި ވެބްސީރީޒްއަށް ބައެއް ބަދަލުތައް ގެނެސް ރާއްޖޭގެ ޕްލެޓްފޯމަކުންވެސް ވެބްސީރީޒް ފެންނާނެ ގޮތް ހެދުމަކީ އޭނަގެ އުންމީދެކެވެ.

"އަސްލު މިއީ ރާއްޖޭގެ ޕްލެޓްފޯމަކަށް ހަދާފައި އިން އެއްޗެއް ނޫން. މިއީ ސީދާ އިންޑިއާގެ މާކެޓަށް ހާއްސަ ވެބްސީރީޒެއް. އެހެންވީމަ މި ޓާގެޓް ކުރަނީ އެމޭޖަން ނުވަތަ ޓީސީރިޒް މެދުވެރިކޮށް ގެނެސްދިނުން،"

"ޕްރީ ވެޑިން ހަނީމޫން" ގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތް ނިއުދިއްލީގައި މިހާރު ރިއަށް ދެއެވެ. ވެބްސީރީޒްގެ ޑަބިންގެ މަސައްކަތް ނިންމާ ފައިނަލް ކުރުމުގެ މަސައްކަތް ވެސް ހިނގަ އެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ވެބްސީރިޒްގެ މަސައްކަތް ނިމެނޭ އެވެ.

ދަރާ ރަޝީދުގެ ކާމިޔާބުތައް

  • 1996: ބެސްޓް ކެމެރާމަން އެވޯޑް
  • ބެސްޓް ކެމެރާމަން އެވޯޑް
  • 2005: ގައުމީ އިނާމް
  • 2015: ޚިދުމަތުގެ އަގުވަޒަންކޮށް ފިލްމު އެސޯސިއޭޝަންގެ އެވޯޑް
  • 2019: ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް

ޓީވީގެ ކެމެރާމަނެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ދަރާއަކީ ކުޅަދާނަ ކެމެރާމަނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ "އޯކިޑް އޭނާގެ މާ" މި ނަމުގައި އުފެއްދި ފިލްމުންނެވެ. އެ ފިލްމުގައި ހިމެނޭ "އަންގައިދޭށޭ އަދުވީ ރުހިގެން އޭ މަލާ" މި ލަވައަކީ އަދިވެސް މަގުބޫލު ލަވައެކެވެ.

މިހާތަނަށް ދަރާ ވަނީ 32 ފީޗާ ފިލްމާ، ގިނަ ވީޑިއޯ ލަވަތަކެއްގައި ވެސް މަސައްކަތް ކޮށްފަ އެވެ. ދަރާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސަޒާ އާއި ކަނޑުރޯދި، އޯކިޑް އޭނާގެ މާ، އިޚްތިޔާރު، ޔޫސުފް އެންޑް ޒައިނަބާއި ފިދާ، އިތުބާރު، ޗުއްޓީ، ލޭކަރުނަ ހިމެނެ އެވެ.

ދަރާގެ "ދަރާ ޕްރޮޑަކްޝަން" އިން ތިން ފީޗާ ފިލްމެއްގެ މަސައްކަތް އެބަ ކުރެއެވެ. އަދި 10 ލަވައިގެ މައްޗަށް ހިމެނޭ ވީޑިއޯ ލަވަ ސީޑީއެއްގެ މަސައްކަތް ވެސް އޭނާ ދަނީ ކުރަމުންނެވެ.