ދުނިޔެ

ބޭރޫތު ޕޯޓް ކައިރިން ހަތަރު ޓަނަށްވުރެގިނަ ކެމިކަލް ފެނިއްޖެ

ލުބުނާންގެ ވެރިރަށް ބޭރޫތުގެ ޕޯޓު ކައިރިން 4.35 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ފެނިއްޖެ އެވެ.

ލުބުނާންގެ ސިފައިން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އެ ގޮވާތަކެތި ހޯދައި ތަހުލީލު ކުރިއިރު ނުރައްކާތެރި ކެމިކަލް އަޅާފައިހުރި ހަތަރު ކޮންޓެއިނާ ފެނުނެވެ. މިއި ކޮންތާކުން ކިހިނެތް އައި ކެމިކަލްތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި ކެމިކަލްތައް ފެނުނީ 3000 ޓަނުގެ ކެމިކަލް ބެއިރޫތުގެ ޕޯޓުގައި ރައްކާކޮށްފައި ހުއްޓާ އެތަކެތި ގޮވައި 191 މީހުން މަރުވެ 6000 މީހުން ޒަހަމްވެފައި ވަނިކޮށެވެ. މި ހާދިސާގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވަނީ އެ ގައުމަށްވެފަ އެވެ.

ސިފައިން ބުނެފައި ވަނީ ކެމިކަލްތައް ހުރި ކޮންޓެއިނާތައް ވަނީ އެހެން ތަނަކަށް ބަދަލުކޮށް ރައްކާކޮށްފަ އެވެ. ނަމަވެސް އާންމު ރައްޔިތުން ދަނީ ނުރައްކާތެރި ކެމިކަލް އިތުރަށް ރައްކާ ކޮށްފައި ހުރެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެ

އިތުރު ކެމިކަލް ޕޯޓުގައި ރައްކާކޮށްފައި ހުރިތޯ ބަލާ ޗެކް ކުރުމުގެ ތެރޭގައި 20 ކޮންޓެއިނާގެ ކެމިކަލް ވަނީ ފެނިފައެވެ. އަދި އެކަމާ ގުޅިގެން މިހާތަނަށް 25 އޮފިޝަލަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެތެރޭގައި ގިނައީ ކަސްޓަމާއި ޕޯޓުގެ އޮފިޝަލުންނެވެ.

ކުރިން އައި ބިރުވެރި ގޮވުމުގެ ހާދިސާއަށް ފަހު ރައްޔިތުން މަގުމައްޗަށް ރުޅިވެރިކަމާއެކު ނުކުތުމުން ސަރުކާރު އިސްތުއުފާދީ މިހާރު އާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ލެބަނަން ސަރުކާރުގެ އެދުމަކަށް ފަރަންސޭސި ސަރުކާރާއި އެމެރިކާގެ އެފްބީއައި ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.