ހަބަރު

ހުސެންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި އޭނާ އަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށެވެ.

"ހުސެން އަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އަޅުގަނޑުގެ ގާތް ރަޙުމަތްތެރިއެއް." ރައީސް ސޯލިހް ވިދާޅުވި އެވެ.

ހުސެން މުހައްމަދު އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އުމުރުފުޅުން 71 އަހަރުގެ ހުސެން މުހައްމަދު އަވަހާރަވި އިރު އޭނާ ވަނީ ތައުލީމީ ދާއިރާއިންނާއި ސިޔާސީ އަދި މީޑިއާގެ ދާއިރާއިން ވަރަށ ްގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.