އިނގިރޭސި މީޑިއާގެ ފާޑު ކިޔުން އަމާޒު ވެފައިވާ، ސްޕެއިންގެ ގައުމީ ޓީމުގެ ދެ ކީޕަރުން ކަމަށްވާ، ޑޭވިޑް ޑެ ހެއާ އާއި ކެޕާ އަރީޒަބަލަގާގެ ދިފާއުގައި ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ވާހަކަ ދައްކައިފި އެވެ.
ޔޫއެފާ ނޭޝަން ލީގްގައި، ޖަރުމަން އާ ދެކޮޅަށް އެއްވަރު ކުރި މެޗުގައި ޑޭވިޑް ޑެ ހެއާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސްޕެއިންއަށް ޕޮއިންޓެއް ހޯދުނީ އޭނާގެ ބޮޑު ހިއްސާ އާއެކު އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ މެޗުގައި ޑެހެއާ ދެއްކި މޮޅު ކުޅުމާއެކު އޭނާއަކީ ކިހާ ވަރުގަދަ ކީޕަރެއްކަން ހާމަ ވެގެން ހިނގައްޖެ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ޑެހެއާ އާއި ޗެލްސީގެ ކެޕާއަށް އިނގިރޭސި މީޑިއާގައި ބޮޑެތި ފާޑު ކިޔުންތަކެއް އޮވެ އެވެ. އެންރިކޭ ބުނީ ޕްރިމިއާ ލީގްގައި އެ ދެ ކީޕަރުންގެ ކުޅުން ވަރަށް ގާތުން މޮނިޓާ ކުރަމުން ދާ ކަމަށެވެ.
"ނަމަވެސް އޭނާ [ޑެހެއާ] އަދި ކެޕާއަށް ގޯހެއް ހެދިއްޖެއްޔާ އެ ވާހަކަ ނޫހަށް އަރާނެ،" އެންރީކޭ ބުންޏެވެ. "އެ ކީޕަރުން ވެސް ވަނީ އެކަމަށް ހޭނިފަ، ޑެހެއާ ދެއްކި ކުޅުމަށް ބަލާފައި އަހަރެމެން ބުނަންޖެހޭ ކިހާ ވަރުގަދަ ކީޕަރެއްކަން އޭނާ އަކީ."
"އަހަރެން އެ މީހުންނަށް ހިތްވަރު ދެން އެ ގޮތުގައި ހިފަހައްޓަން، ކީޕަރުގެ މަގާމަކީ އަހަރެން ވަރަށް ގިނަ ކަންކަމަށް ޑިމާންޑް ކުރާ މަގާމެއް، މީޑިއާއިން އެ މީހުންނަށް ޕްރެޝަރު ކުރަންޏާ އަހަރެން އެމީހުންނަށް މާ ބޮޑަށް ފަރުވާތެރިވަން، ނަމަވެސް އެ ދެ ކީޕަރުންނަށް އެނގޭނެ އެހެން ކުޅުންތެރިން ހަދާ ގޯސްތަކަށްވުރެ ކީޕަރުން އަތުން ހެދޭ ގޯސް މާ ބޮޑުކޮށް ފެންނާނެކަން."
ޓީމޯ ވާނާ، ޖަރުމަނަށް ލީޑް ނަގައިދީފައި ވަނިކޮށް ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހޯޒޭ ގަޔާ އެވެ. އޭނާ ލަނޑު ޖެހީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.