ކުޅިވަރު

ޔޫކްރޭނުން ސްޕޭން ބަލިކޮށްފި، ޖަރުމަން އެއްވަރު

ޔޫއޭފާ ނޭޝަން ލީގްގައި ޔޫކްރޭން އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ން ސްޕެއިން ބަލި ވެއްޖެ އެވެ. އެ ގުރޫޕްގައި ޖަރުމަން އާ ސްވިޒަލޭންޑް ކުޅުނު މެޗު އެއްވަރުވީ 3-3 ންނެވެ.

ސްޕެއިން ބަލިވި ނަމަވެސް ލީގް އޭ ގެ ގުރޫޕް ހަތަރެއްގެ އެއް ވަނައިގައި އަދިވެސް އޮތީ އެ ޓީމެވެ. އެއީ ރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނަށް މޮޅު ނުވެވުމުންނެވެ. ޔޫކްރޭންގައި ކުޅުނު މެޗުގައި ޔޫކްރޭންގެ ޑިފެންސް ފޫއަޅުވާލުމުގައި ސްޕޭން ޓީމަށް ކާމިޔާބު ނުހޯދުނެވެ. ސްޕެއިންގެ އެޓޭކިންއަށް ކޯޗް ލުއިސް އެންރީކޭ ފުރުސަތު ދިނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަންސޫ ފާޓީ އާއީ އެޑަމާ ޓްރައޯރޭ އާއި ތަޖުރިބާކާރު ފޯވަޑް ރޮޑްރިގޯ މޮރޭނޯ އަށެވެ.

ސްޕެއިންގެ ކުޅުންތެރިންނަށް ވުރެ ޔޫކްރޭންގެ ކުޅުންތެރިންގެ ހަކަތަ ހުރިތަން ފެނުނެވެ. ދެ ވަނަ ހާފުގައި ޔޫކްރޭންގެ ކައުންޓަ އެޓޭކުތަކުން ސްޕެއިންގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ބެންޗުގައި ހުރި އެންރީކޭ ވަނީ ދެ ވަނަ ހާފުގެ ކުރީ ކޮޅު ފާޓީގެ ބަދަލުގައި ފެރާން ޓޯރޭޒް އަދި ރޮޑްރީގޯގެ ބަދަލުގައި މިކެލް އޮޔާޒަބެލްއަށް ފުރުސަތު ދީފަ އެވެ. އޮޔާޒަބެލް އާއި ފެރާން ޓޯރޭޒްއަށްވެސް ހަނި ފުރުސަތުތައް ލިބުނެވެ. ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ޔޫކްރޭނުން ލިބުނު ފުރުސަތުގައި ލީޑް ނެގި އެވެ.

މެޗުގެ 76 ވަނަ މިނެޓްގައި ޔޫކްރޭންގެ ލަނޑު ކާމިޔާބު ކުރީ ވިކްޓާ ޓްސައިގަންކޯވް ލަނޑު ޖެހީ ސްޕެއިންގެ ޑިފެންސް ބީޓް ކޮށްލުމަށް ފަހު އެވެ.

ޖަރުމަނާއި ސްވިޒަލޭންޑް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާރިއޯ ގަރާނޮވިޗް އެވެ. ސްވިޒަލޭންޑް ރީމޯ ފުރެއުލާ ވަނީ 26 ވަނަ މިނެޓްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޖަރުމަންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޓިމޯ ވާނާ އެވެ. ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ ކައި ހަވާޓްޒް އެވެ. އޭގެ އެއް މިނެޓް ފަހުން ގަރާނޮވިޗް ވަނީ ސްވިޒަލޭންޑަށް އަލުން ލީޑް ނަގައި ދީފަ އެވެ. މެޗުގެ 60 ވަނަ މިނެޓްގައި ޖަރުމަނަށް އަލުން ނަތީޖާ ހަމަހަމަ ކޮށް ދިނީ ސާޖް ގެނެބްރީ އެވެ.