ކުޅިވަރު

ޖަރުމަން އަތުން ސްޕޭނަށް ބޮޑު މޮޅެއް

ފެރާން ޓޯރޭޒްގެ ހެޓްރިކުން ޖަރުމަންގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ ސްޕެއިން މޮޅުވެއްޖެ އެވެ.

ސްޕެއިން މޮޅުވުމުން، އެ ޓީމު ވަނީ ގުރޫޕްގެ އެއް ވަނައިގައި ސެމީ ފައިނަލު ބުރަށް ދަތުރު ކޮށްފަ އެވެ. ސްޕެއިންއަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ދެ ވަނައިގައި ސެމީއަށް ދިޔަ ޖަރުމަނަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. އޭނާ ލަނޑު ޖެހީ ފަބިއަން ރުއިޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގައި ރުއިޒް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ސްޕެއިންގެ ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓޯރޭޒް އެވެ. އޭގެ ފަސް މިނެޓް ފަހުން ރޮްޑްރިގޯ ހެނާންޑޭޒް ރޮޑްރީ ވަނީ ސްްޕެއިންގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި، ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މެންޗެސްޓާ ސިޓީގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާ އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި ޓޯރޭޒް ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ހޯޒޭ ގަޔާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 71 ވަނަ މިނެޓްގައި ރުއިޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޓޯރޭޒް ހެޓްރިކް ހަދާފަ އެވެ. ސްޕެއިންގެ ހަ ވަނަ ލަނޑު މިކެލް އޮޔާޒަބަލް ކާމިޔާބު ކުރީ 89 ވަނަ މިނެޓްގަ އެވެ.

ގުރޫޕް ތިނެއްގައި، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް ވަނީ ކްރޮއޭޝިއާ 3-2 ން ބަލި ކޮށްފަ އެވެ. ޕޯޗްގަލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރުބެން ޑިއާޒް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޔޯއާ ފެލިކްސް މެޗު އެއްވަރުވާން ދަނިކޮށް ޕޯޗްގަލްގެ މެޗުން މޮޅު ކޮށްދިން ލަނޑު ޑިއާޒް ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މަޓޭއޯ ކޮވަސިޗް އެވެ.

އެ ގުރޫޕްގެ އެއް ވަނަ ފްރާންސް ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ރޭ ސްވިޑެން އާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް ކާމިޔާބު ކުރީ 4-2 ންނެވެ. އޮލިވާ ޖިރޫޑް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ބެންޖަމިން ޕަވާޑް އާއި ލަނޑު ކިންގްސްލީ ކޯމަން އެވެ.