ބޭރު ކުޅިވަރު

ބްލެޓާގެ ފަހަތުން ޕްލެޓިނީ ވެސް އިސްތިއުނާފަށް

ފީފާއިން ތިން މަސްދުވަހަށް އެބޭފުޅުން ސަސްޕެންޑް ކުރުމުން ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް މިޝޭލް ޕްލެޓިނީ މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން އެ ޖަމާއަތުން އެންމެ ބާރުގަދަ އަދި އެންމެ އިސް ދެ ބޭފުޅުން ސަސްޕެންޑްކުރީ އެބޭފުޅުންނާ ގުޅުންހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުންދާތީ އެވެ.

ނަމަވެސް ޕްލެޓީނީ އާއި ބްލެޓާ ވެސް ބުނަމުންދަނީ އެ ދެބޭފުޅުން ގޯސް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ ބްލެޓާ ސަސްޕެންޑްކުރީ އޭނާ އާއި އެ ޖަމާއަތުގެ އިސްވެރިންގެ ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެ، ބައެއް މައްސަލަތައް ފަޅާއެރުމުންނެވެ. މި ގޮތުން ފީފާގެ އިސްވެރިންތަކެއް ހައްޔަރުކޮށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރި ތަހުގީގުތަކުން ވަނީ ފީފާގެ އިސްވެރިން ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމުގަ އާއި ޓީވީ ރައިޓްސް އާއި އެނޫން ވެސް ކަންކަމުގައި 200 އެއްހާ މިލިއަން ޕައުންޑަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

އަދި މި ތުހުމަތުތަކުގެ ތެރެއިން މިދިޔަ ޖޫން މަހު ފީފާގެ ކުރީގެ ނާއިބް ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސައިނާ ވާދަކޮށް، ވާދަވެރު އިންތިހާބަކުން ފަސް ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާއެކު ބްލެޓާ ވަނީ އަންނަ ފެބްރުއަރީ މަހު އަ އިންތިހާބެއް ބާއްވައި އާ ރައީސަކު ހޮވައި އޭނާ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. އެއަށް ފަހު ފީފާ އިސްލާހުކުރެއްވުމަށް ކޮމިޓީ އެއް ހޮވައި އިސްލާހީ އެޖެންޑާއެއް ވެސް އޭނާ ވަނީ އެ ކޮމިޓީމެދުވެރިކޮށް ފައްޓަވައިފަ އެވެ. އާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅަކީ ޕްލެޓިނީ އެވެ.

ނަމަވެސް އޭނާ އާއި ބްލެޓާ ސަސްޕެންޑްކުރަން މެދުވެރިވީ ވެސް ކޮރަޕްޝަނުގެ ބޮޑު މައްސަލައެއްގަ އެވެ. އެއީ ބްލެޓާ ސޮއިކޮށް 2011 ވަނަ އަހަރު ޕްލެޓިނީ އަށް 1.7 މިލިއަން ޕައުންޑް ދިން މައްސަލާގަ އެވެ. މިއީ ބްލެޓާގެ މުޝީރަކަށް ޕްލެޓިނީ 2002 ވަނަ އަހަރާ ހަމައަށް ހުންނެވި ދުވަސްވަރުގެ އުޖޫރަކަމަށް އޭނާ އާއި ބްލެޓާ ބުނަމުންދިޔަ ނަމަވެސް ފީފާގެ މައި މަރުކަޒު ހުންނަ ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް މިކަމުގައި ސުވާލު އުފައްދަނީ 11 އަހަރު ކުރި މަސައްކަތަކަށް މާފަހުން މުސާރަދިން މައްސަލަ އެވެ.

އަދި މި ފައިސާދިނީ 2011 ވަނަ އަހަރުގެ ފީފާގެ އިންތިހާބު ގާތްވެފައިވަނިކޮށް ކަމަށްވާތީވެ މިއީ ޕްލެޓީނީ ރައީސްކަމަށް ވާދަކުރެއްވުން ހުއްޓުވަން ދިން ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެއީ އެ އަހަރު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ކުރީގެ ރައީސް މުހައްމަދު ބިން ހައްމާމް ވެސް ފީފާގެ ރައީސްކަމަށް ވާދަކުރައްވަން އުޅެނިކޮށް ފުޓްބޯޅައިން އުމުރު ދުވަހަށް ސަސްޕެންޑްކޮށްފައިވާތީ އެވެ.

ޕްލެޓިނީ މައްސަލަ އިސްތިއުނާފު ކުރިއިރު އޭނާ އަށް އިންތިހާބުގައި ވާދަކުރެވޭ ގޮތްވިޔަ ނުދިނުމަށް އޭނާގެ ގައުމު ކަމަށްވާ ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި މި މަހުގެ 20 ގައި އޮންނަ ޔޫއޭފާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ ޖަމާއަތުގެ ތާއީދު އަދިވެސް އޮތީ ޕްލެޓިނީ އަށް ކަމަށް ނިންމާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. މިހާރު ވެސް އޭޝިޔާ އާއި ދެކުނު އެމެރިކާއިން ވަނީ ޕްލެޓިނީ އަށް ތާއީދުކުރައްވާކަމަށް ބުނެފަ އެވެ.