އޭނާ އެއްވެސް ކުށެއް ނުކުރާކަން ބަޔާންކޮށް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ފީފާގެ ރައީސް ސެޕް ބްލެޓާ އެ ޖަމާއަތުގެ ހުރިހާ މެމްބަރު ގައުމުތަކަށް ސިޓީއެއް ފޮނުވައިފި އެވެ.
މި ސިޓީގައި ބްލެޓާ މައިގަނޑު ގޮތެއްގައި އަލިއަޅުލާވާފައިވަނީ ހަތަރު ކަމަށެވެ. އެއީ ފީފާގައި އޭނާ މަސައްކަތް ކުރި 17 އަހަރު ކަންތައްކުރ ފީފާ އާއި ފުޓްބޯޅަ އަށް ހެޔޮއެދިގެން އަމިއްލަ އެދުމެއްނެތި އެ ޖަމާއަތުގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
ޔޫއޭފާގެ ރައީސް އަދި ފީފާގެ އެއް ނާއިބް ރައީސް މިޝޭލް ޕްލެޓިނީ އަށް 2011 ވަނަ އަހަރު ދީފައިވާ 1.5 މިލިއަން ޕައުންޑަކީ ފީފާގެ ރައީސް ކަމަށް ވާދަނުކުރުމަށް ދިން ރިޝްވަތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ފައިސާ އަކީ ބްލެޓާގެ އެޑްވައިޒަރަކަށް 2002 ވަނަ އަހަރު ޕްލެޓިނީ މަސައްކަތް ކުރިއިރު އޭނާ އަށް އުޖޫރައިގެ ގޮތުގައި ދިނުމަށް އަނގަބަހުން އެއްބަސްވެފައިވާ ފައިސާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުރިއަށް އޮތް 2016 ވަނަ އަހަރަކީ ފީފާ އަށް ފާގަތި އަހަރަކަށްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
ކޮޕަރްޝަނުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހު 90 ދުވަހަށް ބްލެޓާ ސަސްޕެންޑްކޮށްފައިވާއިރު ފީފާގެ އެތިކްސް ކޮމިޓީން މި ހަފުތާގައި އޭނާއާ ސީދާ ސުވާލުކުރާނެ އެވެ. މީގެ އިތުރުން ސަސްޕެންޑްކޮށްފައިވާ ޕްލެޓިނީއާ ވެސް ސުވާލުކުރާނެ އެވެ.
ބްލެޓާ އުއްމީދު ކުރައްވަނީ އެ ޖަމާއަތުން އާ ރައީސަކު ހޮވަން ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި އޭނާ އަށް ފީފާގެ ރިއާސަތު ބަލަހައްޓަން ފުރުސަތު ލިބޭނެ ކަމަށެވެ. ފީފާ އަށް އާ ރައީސަކު މި ހޮވަނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މިދިޔަ ޖޫން މަހު ހޮވިވަޑައިގެންނެވިތާ ތިން ދުވަސް ފަހުން މަގާމުން އިސްތިއުފާ ދެއްވައި އާއިންތިހާބެއް ބާއްވަން ބްލެޓާ ނިންމެވުމުންނެވެ.
މި އިންތިހާބުގައި ވާދަކުރައްވަން ބޭނުންވި އެއް ބޭފުޅަކީ ޕްލެޓިނީ އެވެ. ނަމަވެސް އޭނާ ޝަރުތުހަމަނުވާ ކަމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.
އިންތިހާބަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ފީފާއިން ނިންމީ ފަސް ކެނޑިޑޭޓުންނެވެ. އޭގެ ތެރޭގައި ފީފާގެ ކުރީގެ ނާއިބް ރައީސް އަދި އެންމެ ފަހުގެ އިންތިހާބުގައި ބްލެޓާއާ ވާދަކުރެއްވި އުރުދުންގެ ވަލީ އަހުދު އަލީ ބިން އަލް ހުސައިން އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން އިބްރާހީމް ބިން އަލް ހަލީފާ އާއި ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަނީޓޯ އަކީ އެންމަ ވާދަވެރިވާނެ ތިން ކެނޑިޑޭޓުންނެވެ. މީގެ ތެރެއިން އިންފަނީޓޯ ވަނީ އެންމެ ފަހު ވަގުތު ވެސް ޕްލެޓިނީ އަށް ވާދަކުރެވޭގޮތް ވެއްޖެނަމަ އޭނާގެ ނަން އަނބުރާ ގެންދާނެ ކަމަށް ބުނެފަ އެވެ.