ބޭރު ކުޅިވަރު

ބްލެޓާ އާއި ޕްލެޓީނީގެ ސަސްޕެންޝަން ހަ އަހަރަށް މަދުކޮށްފި

ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް މިޝޭލް ޕްލެޓީނީ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްފި އެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާހެދި މި ދެމީހުން ފީފާއިން ސަސްޕެންޑްކޮށްފައިވަނީ އަށް އަހަރަށެވެ. ނަމަވެސް މީގެ ތެރެއިން ދެ އަހަރު ކަނޑާލީ މި މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.

ފީފާއިން ނިންމާފައިވަނީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސްކަން ވެސް ކުރަމުން އަންނަ ޕްލެޓިނީ އާއި ބްލެޓާގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށެވެ. މި ގޮތަށް ނިންމުމުން ޔޫއޭފާގެ ރައީސަކު ހޮވަން ދެން މާހަލެއް ނުވެ އިންތިހާބު ބާއްވާނެ ކަމަށް ބެލެވެ އެވެ. އެ ޖަމާއަތުން ކުރިން ބުނަމުން އައީ އިންތިހާބު ބޭއްވުމާމެދު ގޮތެއް ނިންމާނީ އިސްތިއުނާފު މަރުހަލާ ނިމުމުން ކަމަށެވެ.

މި ދެ މީހުން ސަސްޕެންޑްކުރީ ފީފާގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވެ އެތެރެ އާއި ބޭރުގެ ޕްރެޝަރު ބޮޑުވެ ފީފާގެ އެތިކްސް ކޮމިޓީން ހިންގި ތަހުގީގުގައި ބްލެޓާ ސޮއިކޮށް ޕްލެޓިނީ އަށް ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލާގަ އެވެ.

އެތިކްސް ކޮމިޓީން ބުނީ މިއީ 2012 ވަނަ އަހަރުގެ ފީފާގެ އިންތިހާބުގައި ޕްލެޓިނީ ވާދަކުރުން ހުއްޓުވަން ދީފައިވާ ފައިސާ ކަމަށެވެ.
ނަމަވެސް މި ދެ ބޭފުޅުން ވިދާޅުވަނީ މިއީ 2002 ވަނަ އަހަރު ބްލެޓާގެ މުޝީރެއްގެ ގޮތުން ބްލެޓިނީ ކުރި މަސައްކަތުގެ އުޖޫރަ ކަމަށެވެ.


ބްލެޓާގެ ބަދަލުގައި ފީފާ އަށް އާ ރައީސަކު ހޮވަން އިންތިހާބު ބާއްވާނީ މާދަމާ އެވެ. އިންތިހާބަށް ހަ ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު އެންމެ ބޮޑަށް ވާދަކުރަނީ ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އާއި ފީފާގެ ކުރީގެ ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސައިނެވެ.